Roadha Mihaaru
ބްލެކް ޕެންތާ ތީމުގެ ގަޑިއެއް 5.2 މިލިއަން ޑޮލަރަށް

ބްލެކް ޕެންތާ ތީމްގެ ފުރަތަމަ ގަޑި 5.2 މިލިއަން ޑޮލަރަށް ވިކިއްޖެ

13 އެޕްރީލް 2021

ގަޑި އުފައްދާ ސްވިޓްޒްލެންޑްގެ މަޝްހޫރު ކުންފުނި އޫދުމާ ޕިގޭ އިން ހޮލީވުޑްގެ ފިލްމު ކުންފުނި މާވެލް ސްޓޫޑިއޯސްއާ ގުޅިގެން ސުޕަހީރޯ ކެރެކްޓާ ބްލެކް ޕެންތާ ތީމަށް އަތުކުރި ގަޑި އުފައްދައި އެ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގަޑި އުފައްދާ ސްވިޓްޒްލެންޑްގެ މަޝްހޫރު ކުންފުނި އޫދުމާ ޕިގޭ އިން ހޮލީވުޑްގެ ފިލްމު ކުންފުނި މާވެލް ސްޓޫޑިއޯސްއާ ގުޅިގެން ސުޕަހީރޯ ކެރެކްޓާ ބްލެކް ޕެންތާ ތީމަށް އަތުކުރި ގަޑި އުފައްދައި އެ ދައްކާލައިފި އެވެ.

މާވެލް އިން 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ބްލެކް ޕެންތާ" ގެ ކެރެކްޓާ ފެންނަ ކަޅު ކުލައިގެ ސޫޓާ އެކު އެ ކެރެކްޓާ ސިފަކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ގަޑީގެ އެތެރޭގައި ބްލެކް ޕެންތާގެ މޮޑެލް ހިމަނާފައިވެ އެވެ. ގަޑީޗެ ޗާލުކަން ގެނެސްދެނީ އޭގައި ހިނެމޭ ރިއްސާއި ކަޅާއި ދަނބު ކުލައިންނެވެ.

ދަ ރޯޔަލް އޯކް ކޮންސެޕްޓަށް ބިނާކޮށް ނެރުނު "ބްލެކް ޕެންތާ" ފްލައިން ޓޮބީލް ގަޑި ނެރެފައި ވަނީ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގަ އެވެ. އެގޮތުން އުފައްދާފައި ވަނީ އޭގެ އެންމެ 250 ގަޑި އެވެ.

އެ ގަޑި ނެރެން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ވާޗުއަލް އިވެންޓް އެކްޓަރު/ކޮމީޑިއަން ކެވިން ހާޓް ހޯސްޓްކޮށް ދިން އިރު، ބައިވެރިވި މީހުންގެ ތެރޭގައި ގަޑި އުފެއްދި ކުންފުނީގެ ސީއީއޯ ފްރެންކޮއިސް ހޭންރީ- ބެނާ މިއަސް އާއި މަޝްހޫރު ބާސްކެޓް ތެރި ލެބްރޯން ޖޭމްސް އާއި ޓެނިސް ތަރި ސެރީނާ ވިލިއަމްސް އާއި އިނގިރޭސި ބޮކްސިން ތެޅުންތެރިޔާ އެންތަނީ ޖޯޝުއާ އާއި އިނގިރޭސީ ޑީޖޭ މާކް ރޮންޒަން އަދި އެމެރިކާގެ ބޭސް ބޯލް ތަރި ޖޮން ގްރޭ ހިމެނެ އެވެ.

"ބްލެކް ޕެންތާ" ފްލައިން ޓޮބީލް ގަޑި ދައްކައިލި އިވެންޓްގެ ތެރޭގައި އޭގެ ފުރަތަމަ ގަޑި ނީލަމުގައި ވަނީ ވިއްކާލައިފަ އެވެ. އެއް ލައްކަ ޑޮލަރުން ފެށި ނީލަމުގައި ގަޑި ވިކުނީ 5.2 މިލިއަން ޑޮލަރަށެވެ.

ގަޑި އުފައްދާ ކުންފުނިން ބުނި ގޮތުގައި ބްލެކް ޕެންތާ ގަޑި ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރާނީ އެ ކުންފުނިން ކުރިއަށް ގެންދާ އެޑިއުކޭޝަނަލް ޕްރޮގްރާމަށެވެ. ފަސްޓް ބުކް އާއި އަޝޯކާއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކީ ތަނަވަސްކަން ކުޑަ އާއިލާތަކާއި ފަގީރު އާބާދީތައް އުޅޭ ތަންތަނުގެ ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ކެރެކްޓާ ބްލެކް ޕެންތާ ފެނިގެން ދިޔަ ފިލްމު "ބްލެކް ޕެންތާ" އަކީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި ޗާޑް ބޯޒްމަން ޓައިލްޓް ރޯލު ކުޅުނު ފިލްމެކެވެ. ރަޔަން ކޫގްލާ ޑައިރެކްޓްކުރި އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.348 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"ބްލެކް ޕެންތާ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ބައެއް މިހާރު އަންނަނީ ހަދަމުންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖުލައި 7 ގަ އެވެ.