Roadha Mihaaru
ރެކޯޑް ހެދި ދިގު ނިޔަފަތިތައް ކަނޑާލައިފި

ރެކޯޑް ހެދި ދިގު ނިޔަފަތިތައް ކަނޑާލައިފި

08 އެޕްރީލް 2021

އެންމެ ނިޔަފަތި ދިގު އަންހެނާގެ ރެކޯޑް ހޯދި އެމެރިކާގެ އަޔާނާ ވިލިއަމްސްގެ ނިޔަފަތިތައް ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ފަހުން ކަނޑާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ނިޔަފަތި ދިގު އަންހެނާގެ ރެކޯޑް ހޯދި އެމެރިކާގެ އަޔާނާ ވިލިއަމްސްގެ ނިޔަފަތިތައް ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ފަހުން ކަނޑާލައިފި އެވެ.

އެމެރިކާގެ ހިއުސްޓަން އަށް އުފަން އަޔާނާ ވިލިއަމްސްގެ ދެ އަތުގެ އިނގިލިތަކުގެ ދިގު ނިޔަފަތިތައް ކަނޑާލީ އެކަމަށް ހާއްސަ ކަަރަންޓް އެއްޗަކުންނެވެ. އެކަން ކުރީ ޑރ. އެލިޒަން ރީޑިންގާ ކިޔާ ހާއްސަ ޑޮކްޓަރެއްގެ އެހީގަ އެވެ.

އަޔާނާގެ ނިޔަފަތިތައް ކަނޑާލި އިރު ދެ އަތުގެ 10 އިނގިލީގެ ނިޔަފަތިތަކުގެ ޖުމްލަ ސައިޒް އެއްކޮށްލުމުން 733.05 ސެންޓިމީޓަރު (24 ފޫޓް 0.7 އިންޗި) ހުއްޓެވެ. ދެހާސް އަށާރައިގައި އޭނާ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނު އިރު ނިޔަފަތިތަކުގެ ސައިޒަކީ 576.4 ސެންޓިމީޓަރު (18 ފޫޓް 10.9 އިންޗި) އެވެ.

އަޔާނާ ބުނިގޮތުގައި ނިޔަފަތިތައް ދިގުކުރީ އެކަމަކީ އޭނާ ވަރަށް ކުޑައިރު ވެސް ޝައުގުވެރިކަން ހުންނަ ކަމަކަށްވާތީ އެވެ. އެގޮތުން ނިޔަފަތިތައް ރީތިކޮށް ބަހައްޓައި ނިޔަފަތިތަކުގައި ރީތި ކުލަކުލައިގެ ނެއިލް ޕޮލިޝް ލުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށް ބުންޏެވެ. ރެކޯޑް ހެދި ނިތަފަތިތައް ކަނޑާލުމާ ހަމައަށް ވެސް އަޔާނާ އަކީ ނިޔަފަތިތައް ރީތިކުރަން ގަވައިދުން މެނިކިއޯ ވެސް ހަދަމުން ދިޔަ މީހެކެވެ.

އޭނާ ބުނިގޮތުގައި ހުރިހާ ނިޔަފަތިތަކުގައި ކުލަ ޖައްސަން ގިނަ އަދަދަކަށް ނެއިލް ޕޮލިޝް ފުޅި ބޭނުންވާ އިރު ކުލަ ޖައްސަން ވެސް އެހާ ގިނަ އިރު ނަގަ އެވެ.

"ނިޔަފަތިތައް ކަނޑާލަން ނިންމަކީ ވަރަށް ޖަޒުބާތުތަކެއް ވެސް ކުރި ކަމެއް. އެކަމަކު ހިތާ ދެކޮޅަށް ނަމަވެސް އެކަން ކުރަން ޖެހުނީ މިހާރު ދިގު ނިޔަފަތިތަކާ އެކު އުޅެން އުނދަގޫކަމުން،" އަޔާނާ ބުންޏެވެ. "އަސްލު ވަރަށް ގިނަ ކަންކަން އަމިއްލައަކަށް ނުކުރެވޭ ނިޔަފަތިތައް ދިގުކަމުން. ވަރަށް ބަލައިގެން ވަރަށް ހާލުގައި އަސްލު ދިގު ނިޔަފަތުތަކާ އެކު މި އުޅުނީ."

އޭނާ ކިޔައިދިން ގޮތުގައި ނިޔަފަތިތައް ކަނޑާލަން ނިންމި ހިސާބުން އެކި މީހުންގެ ފަރާތުން އެކި ކަހަލަ ހިޔާލުތައް ވެސް ލިބުނެވެ.

"ވަރަށް ގިނަ ބަޔަކު އެދުނު ކަނޑާލުމުގެ ކުރިން ނިޔަފަތިތައް އާންމުކޮށް ދައްކާލަން ވެސް. ގިނަ މީހުންގެ ފަރާތުން ޕޮޒިޓިވް ރިއެކްޝަންތަކެއް އައީ. ހާއްސަކޮށް ކުޑަކުދިންގެ ފަރާތުން." އަޔާނާ ބުންޏެވެ. "އަހަރެން ފެނުނީމަ އަބަދު ވެސް ކުޑަކުދިންގެ ސަމާލުކަން އަބަދު ވެސް ވަރަށް ބޮޑަށް ލިބޭ."

އޭނާ ބުނީ ނިޔަފަތިތައް ކަނޑާލި ނަމަވެސް އެކަމުގެ ސަބަބުން އޭނާ އަށް ލިބުނު ހާއްސަ ޝަރަފު އަބަދު ވެސް އޮންނާނެ ކަމަށެވެ.

"ޔަގީނުން ވެސް އަހަރެންގެ އާއިލާ އެތައް ޖީލަކަށް ދެމިގެންދާ އިރު އަހަރެންގެ ނިޔަފަތީގެ ވާހަކަ ދެކެވޭނެ." އަޔާނާ ބުންޏެވެ.

ކަނޑާލި ނިޔަފަތިތައް މިހާރު ވަނީ އެމެރިކާގެ ފޮލޮރިޑާގެ އޯލެންޑޯގައި ހުންނަ ރިޕްލީސް ބިލީވް އިޓް އޯ ނޮޓް! މިއުޒިއަމަށް ހަދިޔާކޮށްފަ އެވެ. އެތަނުގައި އެ ނިޔަފަތިތައް ޑިސްޕްލޭކޮށްފައި ހުންނާނެ އެވެ.

"އަދިވެސް އަހަންނަކީ ނިޔަފަތިތައް ދިގުކުރާނެ މީހެއް. އެކަމަކު އެއީ އޭގެ ސަބަބުން އާންމު ދިރިއުޅުމަށް އުނދަގޫނުވާ ވަރަށް،" އަޔާނާ ބުންޏެވެ.

ދުނިޔޭގެ އެންމެ ނިޔަފަތި ދިގު އަންހެނާގެ ރެކޯޑް ދަމަހައްޓަމުން އަންނަނީ އެމެރިކާގެ ލީ ރެޑްމޮންޑެވެ. އުމުރުން މިހާރު 80 އަހަރުގެ ލީ ނިޔަފަތި ދިގުކުރަން ފެށީ 1979 ގަ އެވެ. މިހާރު އޭނާގެ ނިޔަފަތިތަކުގެ ދިގުމިނަކީ 28 ފޫޓް 4.5 އިންޗި އެވެ.

ނިޔަފަތިތައް އެންމެ ދިގު ފިރިހެނާގެ ރެކޯޑް ހެދި އިންޑިއާގެ ޝްރީދާރު ޗިލާލްގެ ނިޔަފަތިތައް 2018 ގައި ކަނޑާލި އިރު ނިޔަފަތިތަކުގެ ދިގު މިނުގައި 29 ފޫޓް 10 އިންޗި ހުއްޓެވެ.