Roadha Mihaaru
އަރިއާނާ ގްރަންޑޭ 20 ވަނަ ފަހަރަށް ރެކޯޑް ފޮތަށް

އަރިއާނާ ގްރަންޑޭ 20 ވަނަ ފަހަރަށް ރެކޯޑް ފޮތަށް

09 ފެބުރުއަރީ 2021

މިއުޒިކީ ދާއިރާ އިން އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭ 20 އަށް ވަނަ ރެކޯޑް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއުޒިކީ ދާއިރާ އިން އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭ 20 އަށް ވަނަ ރެކޯޑް ލިބިއްޖެ އެވެ.

އުމުރުން 27 އަހަރުގެ ލަވަކިޔުންތެރިޔާ ދުނިޔޭ ރެކޯޑް ފޮތުން 20 ވަނަ ފަހަރަށް ޖާގަ ހޯދީ "ބިލްބޯޑް ހޮޓް 100" ގެ ޗާޓްގެ އެއް ވަނައިގައި އެންމެ ގިނަ ލަވަ ހިމެނުނު ފަންނާނުގެ ގޮތުގަ އެވެ. އޭނާގެ ހަތަރު ލަވައެއް ކުރިން ވެސް އެ ޗާޓްގެ އެއް ވަނައިން ޖާގަ ހޯދާފައި ވަނިކޮށް މިދިޔަ އަހަރު ނެރުނު އެންމެ ފަހުގެ އަލްބަމް "ޕޮޒިޝަން" ގެ ޓައިޓްލް ލަވަ "ޕޮޒިޝަންސް" ވެސް ވަނީ "ބިލްބޯޑް ހޮޓް 100" ޗާޓްގެ އެއް ވަނަ އަށް އިން ޖާގަ ހޯދައިފަ އެވެ.

މިއާ އެކު އަރިއާނާ ދުނިޔޭގެ ރެކޯޑްގެ އަދަދު މިހާރު ވަނީ ޖުމްލަ 20 އަށް އަރައިފަ އެވެ. ކުރިން "ބިލްބޯޑް ހޮޓް 100" ޗާޓް އިން އެއް ވަނަ މަގާމު ލިބުނު އަރިއާނާގެ ލަވަތަކުގެ ތެރޭގައި ހިމެނެނީ ތޭންކް ޔޫ، ނެކްޓް (ނޮވެމްބަރު 17، 2018) އާއި 7 ރިންގްސް (ފެބްރުއަރީ 2، 2019) އާއި ޖަސްޓިން ބީބާއާ އެކު ހިއްސާވި ސްޓަކް ވިތު ޔޫ (މެއި 23، 2020) އަދި ލޭޑީ ގާގާއާ އެކު ހިއްސާވި ރެއިން އޮން މީ (ޖޫން 6، 2020) އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ލޯބިވެރިޔާ ޑާލްޓަން ގޮމޭޒްއާ އެންގޭޖް ވެސް ވެފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ ކުރިން ހާސިލުކޮށްފައިވާ ދުނިޔޭގެ ރެކޯޑްތަކުގެ ތެރޭގައި އެއް ހަފުތާގެ ތެރޭގައި އެންމެ ގިނައިން ސްޕޮޓިފައި އިން ސްޓްރީމްކުރި އަންހެން ފަންނާނުގެ ޓްރެކާއި ސްޕޮޓިފައިގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެން ފަންނާނުންގެ ރެކޯޑާއި ސްޕޮޓިފައިގައި އެންމެ ގިނަ މީހުން އަޑުއަހާ އަންހެނުން ފަންނާނުގެ ރެކޯޑާއި ޔޫޓިއުބްގައި އެންމެ ގިނަ ސަބްސްކްރައިބަރުން ތިބި އަންހެން ފަންނާނުގެ ރެކޯޑާއި އެމެރިކާގައި އެއް ހަފުތާ ތެރޭގައި އެންމެ ގިނައިން ސްޓްރީމްކުރި ޕޮޕް އަލްބަމްގެ ރެކޯޑާއި ސޯލޯ އާޓިސްޓެއްގެ ގޮތުގައި އެމެރިކާގެ ސިންގަލް ޗާޓް ތިން މަގާމު އެއް ފަހަރާ ހޯދުމުގެ ރެކޯޑް ދަދަ ރެކޯޑްތައް ހިމެނެ އެވެ.

މިހާތަނަށް އެއް ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އަރިއާނާގެ ހަ ވަނަ އަލްބަމް "ޕޮޒިޝަންސް" އަކީ އޮކްޓޯބަރު 30، 2020 ގައި ނެރުނު އަލްބަމެކެވެ. އެ އަލްބަމްގެ ލަވަ "ޕޮޒިޝަންސް" ބިލްބޯޑް ހޮޓް 100 ޗާޓްގެ އެއް ވަނަ އަށް އެރީ ނޮވެމްބަރު 7، 2020 ގަ އެވެ.

އުމުރުން އެންމެ 15 އަހަރުގައި ޕްރޮފެޝަނަލް މިއުޒިކް ކެރިއަރު ފަށައިގަތް އަރިއާނާގެ އެންމެ ފުރަތަމަ އަލްބަމަކީ 2013 ގެ "ޔޯސް ޓްރޫލީ" އެވެ. އޭގެ ފަހުން އޭނާ ނެރުނު އަލްބަމްތަކުގެ ތެރޭގައި މައި އިވްރީތިން (2014)، ޑޭންޖަރަސް ވުމަން (2016)، ސްވީޓްނާ (2018) އަދި ތޭންކް ޔޫ-ނެކްޓް (2019) ހިމެނެ އެވެ.

އަރިއާނާ އަށް މި ފަހަރު ލިބުނު ރެކޯޑާ އެކު އޭނާ ހިމެނިފައި ވަނީ ރިއާނާ އާއި މަރާޔާ ކެރީ އަދި ދަ ބީޓްސްއާ އެއް ހިސާބެއްގަ އެވެ.