Roadha Mihaaru

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ރައީސް އޮފީހުން އިތުރުކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 އެޕްރީލް 2021

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ރައީސް އޮފީހުން އިތުރުކޮށްފި އެވެ.

މީގެ ކުރިން އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފައެއް ނުވެ އެވެ.

އެހެންވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ އަލުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ. އޭރު ކުރި އިއުލާނުގައި ބުނެފައިި ވަނީ އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު މިމަހުގެ 11 އަދި 12 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

އެކަމަކު، މިއަދު ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަަށް ކުރިމަތިލާ މީހުންނަކީ އުމުރުން 25 އަހަރުވުމާއެކު އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށްވެގެން ނުވާނެ އެވެ. އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެމީހުންނަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކުކަމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެން ނުވާނެ އެވެ.