Roadha Mihaaru

އެޗްއާރުސީއެމަށް ޝަފީގު އައްޔަންކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެޗްއާރުސީއެމަށް ޝަފީގު އައްޔަންކުރަން ފާސްކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 އޯގަސްޓް 2025

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އޭނާ އެ ކޮމިޝަނަށް އައްޔަންކުރަން ފާސްވީ 64 މެމްބަރުންގެ ވޯޓުންނެވެ. ޝަފީގު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ޝަފީގާއި މުހައްމަދު ފާރިސް ތޯހާގެ ނަމެވެ.

އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ އިންޓަވިއުކޮށްފަ އެވެ.

އެކަމަކު އޭގެ ތެރެއިން، ފާރިސްއާ ގުޅޭ ގޮތުން މަޖިލީހަށް ބަޔަކު ވަނީ ޝަކުވާތަކެއް ހުށަހަޅައިފަ އެވެ. ގެވެށި އަނިޔާގެ ތުހުމަތުކޮށް ހުށަހެޅި އެ ތުހުމަތާއި އިންޓަވިއުގައި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވި ގޮތުން ކޮމިޓީން ނިންމީ އޭނާގެ ނަން ފާސްނުކުރުމަށެވެ.

އެކަމަކު ފާރިސްއަށް ކުރި އެ ތުހުމަތުތައް އޭނާގެ ކުރީގެ އަންހެނުން ވަނީ ދޮގުކޮށްފަ އެވެ. ޝަކުވާ ހުށަހެޅި ފަދަ އެއްވެސް ކަމެއް ފާރިސްގެ ފަރާތުން ހިނގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފާރިސްއަށް ކުރެވޭ އެ ތުހުމަތުތަކާ ގުޅިގެން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ ޝަފީގުގެ ނަން އެކަންޏެވެ.