Roadha Mihaaru

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމި ގޮތާ މެދު ކަންބޮޑުވަން: އެޗްއާރުސީއެމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"ފަނޑިޔާރުން ވަކިކުރަން ނިންމިގޮތުން ކަންބޮޑުވޭ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ސިއްރުކޮށްގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

އެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރާޏޤ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމުމަކީ އެ މަައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. އަދި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމުމުގައި އަމަލުކުރި ގޮތާ މެދު ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމެވުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އަމަލުކޮށްފައިވާ ގޮތާއި އިޖުރާއަތުތައް ތަރުތީބުކުރެވުނު ގޮތުގެ ސަބަބުން މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ބައިނަލްއަގްވާމީ ގާނޫނީ ހަމަތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އދ. ގެ ރިޒޮލިއުޝަންތަކުގައި ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކުރަން ބާރު އަޅާއިރު، އެކަންކަން ދެމެހެއްޓުމަކީ ކޮންމެ ދައުލަތެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިއްޖެ ނަމަ، އިންސާފުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް އިންސާފުވެރި ޝަރީއަތެއް ހިންގައި އަދި ގާނޫނީ ގޮތުން ބުރަދަންހުރި ހެކީގެ މައްޗަށް ބުރަވެގެން ނޫން ގޮތަކަށް ކަންކަން ނިންމައިގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ އަދުލުވެރި އަދި އިންސާފުވެރި ޝަރީއަތެއްގެ އުންސުރުތަކުގެ ތެރޭގައި އެމީހެއްގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަން ސާފުކޮށް އެނގުމާއި އެމީހެއްގެ ދިފާއުގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމުގެ ހައްގު ލިބިދޭން ޖެހޭ ކަމަށެވެ. އަދި އިދާރީ ނިންމުންތައް ނިންމުމުގައި ވެސް އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ނިންމުންތައް ނިންމުމަށް ގާނޫނުއަސާސީގައި ލާޒިމުކުރާ ކަމަށެެވެ.

"ފަނޑިޔާރުގެ މަގާމުން ވަކިކުރުމުގެ ބޭނުމަށް ކުރެވޭ ތަހްގީގުގައ، އެފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ނިންމާ ނިންމުމުގެ އެންމެހާ އިޖުރާއަތުތައް ތަރުތީބުކުރަންވާނ،ީ ތަބީއީ އިންސާފުގެ ހަމަތަކާއި އުސޫލުތަކާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގައި ތަތުބީގުކުރުން ލާޒިމު ހަމަތަކުގެ މައްޗަށެވެ،" އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އދ. ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ މެދު މަންދޫބުގެ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކޮށް، އެ ބަޔާނުގައިވަނީ ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގައި ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތުގައި ލިބިފައިނުވާ ކަމަށާއި ތުހުމަތު ކުރެވޭ މައްސަލަ ބިނާކުރި ސަބަބުތައް ސާފުކޮށް އޮޅުންފިލުވައިދީފައިނުވާ ކަމަށާއި ވަކީލުންގެ އެހީތެރިކަން ހޯދައި ލިބިގަތުމަށް ހުރަސްއަޅާފައިވާ ކަމުގެ ކަންބޮޑުވުންތައް އެބަ ހުރި ކަމަށެވެ.

އެ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވާން ފަނޑިޔާރުން އެދުނު ނަމަވެސް އެ ފުރުސަތު ވެސް ފަނޑިޔާރުންނަށް ދިނުމަކާ ނުލައި ކޮމިޓީ ސިއްރުކޮށްގެން ބާއްވައި، އެ ބޭފުޅުން ވަކިކުރަން ނިންމުމުން ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އިސްވެ ދެންނެވުނު ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރުން އެދިވަޑައިގެންފައި ވީނަމަވެސް އެފަދަ އެއްވެސް ފުރުސަތެއް ދެއްވުމަކާ ނުލައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައް ވެސް ސިއްރުކޮށް ގެންގޮސް ފަނޑިޔާރުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމަށް އެ ކޮމިޓީން ފާސްކޮށްފައިވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ،"

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަކުން 5 އަކަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ގެންނަން ފާސްކުރި އިސްލާހާ ގުޅިގެން ވެސް އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފް އިސްލާހެއް ކަމަށް ދެކޭތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ރައީސް އޮފީހާ ހިއްސާކޮށްފައިވާ ކަމަށާއި އަދި އެ އިސްލާހު ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު އަނބުރާ އަނބުރާ ފޮނުއްވާލެއްވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެޗްއާރުސީއެމުން ވަނީ ދިމިގްރާތީ އުސޫލުތަކާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިހްތިރާމް ކުރުމާ އެކު ބައިނަލްއަގްވާމީ ހަމަތައް ކަށަވަރުކުރުމަށް ގޮވާލައިފަ އެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު، މަގާމުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ހާމަކަމާއެކު ކުރިއަށް ގެންދެވޭ އިޖުރާއަތުގެ ތެެރެއިން އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.