Roadha Mihaaru
ވެކްސިންޖެހި މީހުންނަށް އެމެރިކާގައި މިހާރު ދަތުރުކުރެވޭ

ވެކްސިން ޖަހާފައިވާ މީހުންނަށް އެމެރިކާގައި މިހާރު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ

03 އެޕްރީލް 2021

ވޮޝިންޓަން (އެޕްރީލް 3) - ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެމެރިކާގައި މިހާރު ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ ކަމަށް ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިއްޔެ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 3) - ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެމެރިކާގައި މިހާރު ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ ކަމަށް ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިއްޔެ ބުނެފި އެވެ.

ސީޑީސީން ބުނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އެމެރިކާގެ އެތެރޭގައި ދަތުރުކުރާ އިރު ކަރަންޓީން ވާން ނުޖެހުމުގެ އިތުރުން، ދަތުރަށް ފަހު ކޮވިޑް ޓެސްޓް ވެސް ހަދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ދަތުރުކުރާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމަށްވާ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އެމެރިކާ އަށް ދަތުރުކުރާ ބައިނަލްއަގުވާމީ ދަތުރުވެރިން، މަތިންދާ ބޯޓަށް އެރުމުގެ ކުރިން ކޮވިޑް-19 ގެ ނެގެޓިވް ޓެސްޓެއް އޮންނަން ޖެހެ އެވެ. އެމެރިކާ އަށް އެތެރެވުމަށް ފަހު ޓެސްޓް ހަދަން ޖެހެ އެވެ. އަދި އެމެރިކާގެ ކަމާބެހޭ ސިއްހީ ދާއިރާތަކަށް ފެނިއްޖެ ހާލަތެއްގައި ކަރަންޓީންވާން އަންގާނެ ކަމަށް ވެސް ސީޑީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސީޑީސީގެ އާ ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ވެކްސިން ޖަހާފައިވާ މީހެއް ނަމަ ގައުމުން ބޭރަށް ދަތުރު ކުރާ އިރު ކޮވިޑަށް ޓެސްޓް ނުކޮށް ވެސް ދަތުރު ކުރެވޭނެ އެވެ. ހަމައެކަނި ޓެސްޓް ހަދަން ޖެހޭނީ، ދަތުރުގެ ކުރިން ޓެސްޓް ހަދަން ޖެހޭ ކަމަށް، އެ މީހަކު ދަތުރު ކުރާ ގައުމަކުން ކަނޑައަޅާފައިވާ ނަމަ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ސީޑީސގެ މިންގަނޑުން ބަލަނީ އެ މީހަކު އެންމެ ފަހު ޑޯޒް ޖަހާ ތާރީޚުން ފެށިގެން ދެ ހަފުތާވެފައިވާ ނަމަ އެވެ.

ސީޑީސީގެ އާ ގައިޑްލައިން ނެރުނު އިރު ސްޕްރިންގެ ޗުއްޓީ އާއި އީސްޓާ ޗުއްޓީ އަށް ގިނަ ބަޔަކު ވަނީ އެކި ތަންތަނަށް ދަތުރު ކުރަން ބޭނުންވެ އެވެ.

ސީޑީސީގެ ޑިރެކްޓަރު ރޮޗެލް ވަލެންސްކީ ވިދާޅުވީ އެމެރިކާގެ ބޮޑެތި މީހުންގެ ތެރޭން ކޮންމެ ފަސް މީހަކުން އެކެއްގެ ގަޔަށް ވެކްސިން މިހާރު ޖަހާފައިވާ ކަމަށެވެ. އެމެރިކާގައި މިހާރު ވަނީ 100 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖަހައިފަ އެވެ. އެމެރިކާ އަކީ 100 މިލިއަން މީހުންނަށް މިހާތަނަށް ވެކްސިން ޖެހި ފުރަތަމަ ގައުމެވެ.

އެމެރިކާގައި މިހާތަނަށް ވަނީ 31,291,833 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 567،108 މީހުން މަރުވެފަ އެވެ.