Roadha Mihaaru
ފްލެޓް ލިސްޓަށް ދިން ލަފައާ ގުޅިގެން އިތުރަށް ބަލަނީ

ފްލެޓް ކޮމިޓީއަށް މަޖިލިހުން ދިން ލަފައާ ގުޅިގެން އިތުރަށް އެބަ ކަންކަން ބަލަން: މަބްރޫކް

01 އެޕްރީލް 2021

ހިޔާ ފްލެޓު ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ދިން ލަފައާ ގުޅިގެން އިތުރަށް ކަންކަން ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާ ފްލެޓު ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ދިން ލަފައާ ގުޅިގެން އިތުރަށް ކަންކަން ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މަބްރޫކް ވިދާޅުވީ ފްލެޓަށް މީހުން ވަނުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި ފްލެޓުތައް ލިބޭނެ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ދިން ލަފާ ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް މި ސަރުކާރުގެ ފްލެޓް ކޮމިޓީން މުރާޖައާކުރިއިރު ދިރިއުޅުމުގެ ހާލަތު ވަޒަންކުރީ ފުރިހަމައަށް ނޫން ކަމަށާއި ދާއިމީ ލިސްޓުގައި ހިމެނުނީ ފްލެޓުތައް ލިބޭ ހައްގުވެރިންނަށްތޯ އަލުން ކަށަވަރުކުރަން އެ ކޮމިޓީން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.

މަބްރޫކް ވިދާޅުވީ ފްލެޓް ކޮމިޓީން އިތުރަށް ބަލަން ބުނެފައި ހުރި ކަންކަން ބަލައި އޭގެ ތެރޭގައި ބޮޑު ބައެއް މިހާރު ފައިނަލްކޮށްފައިވާ ކަމަށެވެ. އެކަމަކު އިތުރަށް ސުވާލު އުފެދޭ ކަންތައްތައް، އެ ކަމާ ގުޅޭ މުއައްސަސާތަކުން ލިބެން ޖެހޭ މައުލޫމާތާއި އެއްޗެހި ކަށަވަރުކުރަން ދުވަސްތަކެއް އެބަ ނަގާ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަހުގެ ތެރޭގައި ހަމަ އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް، އިރާދަކުރެއްވިއްޔާ މީހުންނަށް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ހިސާބަށް ދާނެ. އެޗްޑީސީން މިހާރު ވެސް މަސައްކަތްކުރޭ އެޕާޓްމަންޓު ދިނުމުގެ ގުރުއަތު ނެގުމަށް ހަދަން ޖެހޭ އިންތިޒާމްތައް،" ވާޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވި އެވެ.

ހިޔާ ފްލެޓަށް ޑައުންޕޭމަންޓާއި މަހަކު ދައްކަން ޖެހޭ އަދަދެއް އަދި ސަަރުކާރުން ހާމައެއް ނުކުރެ އެވެ.

މަބްރޫކް ވިދާޅުވީ ކެބިނެޓުގައި ވެސް އެކަމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ ކުރީކޮޅު އެކަމާ ގުޅޭ މައުލޫމާތު ޔަގީންކަމާ އެކު ހާމަކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މިދިޔަ މާޗު މަސް ނިމުމުގެ ކުރިން ހިޔާ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓު ބެހުމުގައި އަމަލުކޮށްފައިވާ ގޮތް މި ސަރުކާރުން އަލުން ރިވިއުކުރި ގޮތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ހިޔާ ފްލެޓު ދިން ގޮތާއި މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ރާވާފައިވާ ގޮތް ދިރާސާކުރަން މަޖިލިހުގެ ތަރައްގީ އާއި ތަރިކަ ކޮމިޓީން ފެށީ ފެބްރުއަރީ 28 ގަ އެވެ.

ފްލެޓު ކޮމިޓީން ފޯމުތައް އަލުން ރިވިއު ކުރިއިރު ޝަރުތު ހަމަނުވާ މީހުން ވެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އިރު ޝަރުތު ހަމަވާ ގިނަ ބަޔަކު ދާއިމީ ލިސްޓުން އުނިވިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބުންޏެވެ.