29 މާޗް 2021
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ގެއަކަށް ވަދެ، މީހަކަށް އަނިޔާކުރި މައްސަލައެއްގައި އެކި ފުލުހުން ދެކެނީ އެކި ގޮތަށެވެ؛ އެ މުއައްސަސާގެ ބައެއް އިސްވެރިންގެ ތެރޭގައި ވެސް އެއީ ފަހަރެއްގައި ހިޔާލު ތަފާތުވެފައި އޮތް މައްސަލައަކަށް ވެދާނެ އެވެ. އެ މައްސަލަ، ފުލުހުންގެ ސުލޫކީ ކޮމެޓީ އަށް ދިޔައިރު، އެ ކޮމެޓީއަކީ ފުލުހުންގެ ތެރޭގައި އޮތް ކޮމެޓީ އަކަށް ވާތީ، ފުލުހުންގެ މަސްލަހަތު އޭގެ ތެރޭގައި އެބަ ހިމެނެ އެވެ. އެހެންވެ، ހިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި ފުލުހުންނާ ދޭތެރޭ ފުލުހުން ފިޔަވަޅު އެޅުން އެއީ ބޮޑު ކަންބޮޑުވުމެކެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ގެއަކަށް ވަދެ، މީހަކަށް އަނިޔާކުރި މައްސަލައެއްގައި އެކި ފުލުހުން ދެކެނީ އެކި ގޮތަށެވެ؛ އެ މުއައްސަސާގެ ބައެއް އިސްވެރިންގެ ތެރޭގައި ވެސް އެއީ ފަހަރެއްގައި ހިޔާލު ތަފާތުވެފައި އޮތް މައްސަލައަކަށް ވެދާނެ އެވެ. އެ މައްސަލަ، ފުލުހުންގެ ސުލޫކީ ކޮމެޓީ އަށް ދިޔައިރު، އެ ކޮމެޓީއަކީ ފުލުހުންގެ ތެރޭގައި އޮތް ކޮމެޓީ އަކަށް ވާތީ، ފުލުހުންގެ މަސްލަހަތު އޭގެ ތެރޭގައި އެބަ ހިމެނެ އެވެ. އެހެންވެ، ހިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި ފުލުހުންނާ ދޭތެރޭ ފުލުހުން ފިޔަވަޅު އެޅުން އެއީ ބޮޑު ކަންބޮޑުވުމެކެވެ.
"މިސާލަކަށް، ބައެއް ފުލުހުންނަށް މާ ބޮޑު މައްސަލައަކަށް ވެސް ނުވެދާނެ ކަންތައްތައް އެއީ [އެ އޮޕަރޭޝަންގައި އަނިޔާކުރި މައްސަލަ]. މިތާނގައި ތިއްބެވި ބޯޑުގެ ބައެއް ބޭފުޅުންގެ ވިސްނުން ވެސް އެ މައްސަލާގައި ތަފާތު. މިތާނގައި ވަރަށް ގިނަ ދުވަސްވީ ފުލުހުން އެބަތިބި އެއީ އެހާވަރުގެ ކަމެއްތޯ ސުވާލު ކުރާ އޮފިސަރުން،" ޕޮލިސް ކޮމިޝަނަރު މުހަންމަދު ހަމީދު "މިހާރު" އަށް ވިދާޅުވި އެވެ.
"އެބަ ބުނޭ އެވަރުގެ ބޮޑެތި އޮޕަރޭޝަންތަކުގައި އެކަހަލަ ކަންކަން ހިނގާނެއޭ. އެ މީހުން ވިއްކާހާ ޑްރަގްތައް އެކަން މައްސަލައަކަށް ނުވޭހޭ."
ފުލުހުންގެ އާ ގާނޫނަށް މީގެ ދެ ދުވަސް ކުރިން ވަނީ އަމަލުކުރަން ފަށައިފަ އެވެ. މަދަނީ ބަޔަކަށް ފުލުހުން ބަދަލުވިތާ 13 އަހަރުވީ އިރު، ވަރަށް ބޮޑެތި ބާރުތަކެއް ދީފައިވާ ގާނޫނަކަށް ފުލުހުން އަމަލުކުރާތާ ވެސް 10 ވަރަަކަށް އަހަރުވީ އެވެ. އެކަމަކު އެ ގާނޫނުގައި ކޮންމެ އެއްޗެއް ހުއްޓަސް، އާންމުންނަށް ޖުމްލަކޮށް ފެނުނީ "ސިޔާސީ ޕަޕެޓު"ންގެ ގޮތުގަ އެވެ. ބައެއް މީހުން ބައެއް ދުވަސްވަރު ފުލުހުންގެ މުއައްސަސާއާ ދިމާއަށް "އެއީ ޕާޓީ ހަރުގެ"އޭ ވެސް ބުނެފައި އެބަހުއްޓެވެ. ސިޔާސީ، އަދި ދައުލަތުގެ އިސްވެރިން ވެސް ފުލުހުންގެ މައްޗަށް ނުފޫޒާއި ބާރު ހިންގައި ރިޝްވަތުގެ އަމަލުތައް ހިންގާފައި އެބަހުއްޓެވެ. ސުވާލަކީ، އާ ގާނޫނެއް އައިސްގެން ފުލުހުންގެ މުއައްސަސާ އާއި ފުލުހުން ޖާދުލެއްހެން ބަދަލު ކުރެވިދާނެތޯ އެވެ؟
ޖަވާބަކީ ނޫނެކޭ އެވެ؛ ޕޮލިސް ކޮމިޝަނަރު ވެސް ވިދާޅުވީ ހަމަ އެހެންނެވެ.
"އެއީ ގާނޫނަކުން ބަދަލު ވާނެ އެއްޗެއް ނޫން. ތަރުބިއްޔަތާއި ތަމްރީނު ވެސް ބޭނުންވާނެ ކަމެއް އެއީ. ފުލުހުންގެ މުއައްސަސާ އައި ގޮތާއި މިތާނގައި އޮތް ސަގާފަތް ވެސް މި ޖެހެނީ ބަދަލުވާން ނުވަތަ ބަދަލުކުރަން،" އޭނާ ވިދާޅުވި އެވެ.
ސީޕީ މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އަހުމަދު އަވްޝަން
އެކަމަކު އޭނާ ވިދާޅުވީ، އާ ގާނޫނަކީ، އެ ބަދަލުތަކަށް ނުވަތަ މުޅި ޕޮލިސް ފޯސް ރިފޯމްކުރަން ބޭނުންކުރެވިދާނެ ވަރުގަދަ ޓޫލެއް ކަމަށެވެ.
"ގާނޫނުތަކެއް ނެތިގެނެއް ނޫން ކަންކަން ރަނގަޅު ނުވެގެން މި އުޅެނީ. އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އެކަމެއް. ގާނޫނަކުން ނާންނާނެ ބަދަލެއް. މިސާލަކަށް ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ފުލުހުންނެއް ނުވެއް އުފެއްދޭނެ ގާނޫނެއް އުފަން ވިޔަކަސް. އަދި އަމުދުން މިކަހަލަ ހައިރާކީ މުއައްސަސާއެއްގައި އިއާދަ ވަމުން އައި ސަގާފަތް ބަދަލުވެގެން ނޫނީ އެކަހަލަ ބަދަލެއް ނުވެސް ފެންނާނެ،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ފުލުހުންގެ ފަރާތުން އާންމުން ގަބޫލުނުކުރާ ވަރަށް ގިނަ ކަންކަން ފެނިއްޖެ އެވެ. އޭގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް ވެސް ހިމެނެ އެވެ.
"ތޭރަ އަހަރުވީ ގާނޫނުގެ ދަށުން އެތައް ބައިވަރު ކޮމިޝަނަރުން ތިބެއްޖެ. ރައްޔިތުންްގެ މަސްހަލު ހުރި ކަންތައްތަކުގެ ތެރެއިން ތަފާތު ގޮތްގޮތަށް ކަންތައްތައް ކޮށްފި. ކޮންމެ ތަހުގީގަކާ ގުޅިގެން ވެސް އެ ތަހުގީގަކާ ގުޅިގެން އެކި ފަރާތްތަކުން އެކި ސުވާލުކޮށް މުއައްސަސާއާ ދޭތެރޭ އޮންނަ އިތުބާރާއި ޔަގީންކަން ނޯންނަ ވަރަށް ކަންކަން އެބަހުރި ހިނގައިފައި. މި ހުރިހާ ކަމެއް ދަސްކުރުމުގެ ތެރެއިން ފުލުހުން މުއައްސަސާ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭކަން އެންމެން ވެސް އެބަ ގަބޫލުކުރޭ. ގާބިލް ވާން ޖެހޭކަން އެބަ އެނގޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ޑިމޮކްރެޓިކް ވެއްޓެއްގައި އާންމުންގެ ބޭނުންތަކާ އެއްގޮތަށް ފުލުހުން ހަރަކާތްތެރިވާނެ ގޮތްތަކެއް ކަނޑައެޅުމެވެ. އަދި އެކަމަށް ފާރަވެރިވާ ނިޒާމެއް ގާއިމްކުރުމެވެ. ހަމަ އެހެންމެ، ފުލުހުންނާ ދޭތެރޭ އިތުބާރު އުފެއްދުމެވެ.
ރާއްޖޭގައި ޕާޓީތައް އުފައްދައި ސިޔާސީ ހަރަކާތްތައް އާންމުވެގެން ދިއުމާ އެކު، ފުލުހުން ވެސް ސިޔާސީވި ކަމަށް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެ އެވެ. އަދި ސަރުކާރެއް ބަގާވާތަކުން ވައްޓާލި ކަމުގެ ތުހުމަތާއި، ސިޔާސީ މީހުން ނުހައްގުން ހިފައި ހައްޔަރުކުރާ ކަމުގެ ތުހުމަތުތަކާއި ފުލުހުންގެ ފަރާތުން ފެނިގެން ނުވާނެ ދަށު ދަރަޖައިގެ ސިޔާސީ އަމަލުތައް މީގެ ކުރިން ވަނީ ފެނިފަ އެވެ. އޭގެ އިތުރުން ސިޔާސީ މީހުން އެ މީހުންގެ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ޓޫލެއްގެ ގޮތުގައި ވެސް ފުލުހުން މީގެ ކުރިން ބޭނުންކޮށްފައި ވެ އެވެ. އާ ގާނޫނެއް އަޔަސް، ސިޔާސީ ވަކިތަކުން ފުލުހުންގެ ލީޑަޝީޕާއި ވަކިވަކި ފުލުހުން ސަލާމަތް ނުކުރެވެންޏާ ހަގީގަތުގައި ގާނޫނުގެ ބޭނުމެއް ނުވެސް ނެތެވެ.
ޑްރަގްތަކެއް އަންދާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފައިލް ފޮޓޯ: މިހާރު
"ހަމަ ވަރަށް ތެދަށް މި ދަންނަވަނީ ސިޔާސީ ފިއްތުމެއް ނެތް އަޅުގަނޑަކަށް ނެތް. އަޅުގަނޑަކީ މި މަގާމަށް ކިހިނެއް އައި މީހެއްތޯ ނުވަތަ ވަކި މީހަކާ ގުޅުން އޮތީމަ މި މަގާމު ލިބުނީ ކަމަށް ބައެއް ފުލުހުން ހީކުރިޔަސް ފުލުހުންނަށް އެނގޭނެ މި މުއައްސަސާ އަޅުގަނޑު ކޮމްޕްރޮމައިޒް ނުކުރާނެ ކަން. ސިޔާސީ މީހުން އަޅުގަނޑަށް ގުޅައިފާނެ އެކި ކަންކަމުގައި. އެކަމަކު އެ ޖާގައެއް އަޅުގަނޑެއް ނުދެން. އެކަން އެނގޭނެ މިތާނގެ މީހުންނަށް ވެސް،" ހަމީދު ވިދާޅުވި އެވެ.
"މިސާލަކަށް މިހާރު ރަށެއްގައި ހިނގަމުންދާ ކަމުގައި ވެސް ހައްޔަރުކުރީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްތޯއެއް އަޅުގަނޑެއް ނުބަލަން. ބަލާކަށް ނުވެސް ޖެހޭ. އަޅުގަނޑަކީ މިތާނގެ އޮޕަރޭޝަންތައް ޑޭ ޓު ޑޭ ބަލާ މީހެއް ނޫން. ފުލުހުންނަށް އެނގޭނެ އަދި މިތާނގެ ލީޑަޝިޕަށް ވެސް އެނގޭނެ ފުލުހުން ގުރުބާން ކޮށްފައި އަޅުގަނޑު އެހެން ކަމަކަށް އިސްކަން ނުދޭނެކަން."
ފުލުހުންނަށް އެނގޭނެ އަދި މިތާނގެ ލީޑަޝިޕަށް ވެސް އެނގޭނެ ފުލުހުން ގުރުބާން ކޮށްފައި އަޅުގަނޑު އެހެން ކަމަކަށް އިސްކަން ނުދޭނެކަން.
އެކަމަކު ހުޅުމާލޭގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ ހާދިސާއާ ގުޅިގެން، ކޮމިޝަނަރުގެ މައްޗަށް އާންމުން ވަނީ ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ. އަދި ސިޔާސީ ނުފޫޒު ގަދަ ބަޔަކާ ގުޅިފައިވާ ބަޔަކު އެ މައްސަލައިގައި ހިމެނޭތީ މައްސަލަ އަނބުރާލަން ފުލުހުން މަސައްކަތް ކުރި ކަމުގެ އެންމެ ބޮޑު ތުހުމަތެއް ވެސް އެޅުނީ ކޮމިޝަނަރުގެ ބޮލުގަ އެވެ.
"ތި ވިދާޅުވި ކޭސްގެ ފައިލް ވެސް އަޅުގަނޑު ނުދެކެން. އަޅުގަނޑު ނުބުނަން ވަކި މީހަކު ހައްޔަރުކުރާކަށް ދޫކުރާކަށް. އެއީ މައްސަލަ ބަލާ ފަރާތުގެ ކަމެއް. އެކަމަކު ތި ވިދާޅުވި ހުޅުމާލޭގެ ކޭސްގައި ފުލުހުން އެންމެ ފުރަތަމަ އަމަލު ކުރި ގޮތުގައި މައްސަލަތަކެއް ހުރި ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން ކޮމިޝަނަރު ފާހަގަކުރެއްވި މައިގަނޑު ތިން ބަދަލުގެ ތެރެއިން އެއް ބަދަލަކީ ވެސް، އެކަމަށް އޮތް އެއް ފަރުވާ އެވެ. އެއީ ފުލުހުން އަމަލުކުރާ ގޮތަށް ޖަވާބުދާރީވާން ޖެހޭ އާންމުންގެ ބޯޑެއް ހިމެނުުމެވެ.
މާލޭގައި ބޭއްވި މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"އެކަމަކު އެ ބޯޑަކީ ވަކިވަކި ފުލުހުންގެ މައްސަލަ ބަލާ ބޯޑެއް ނޫން. ބޯޑަށް ޖަވާބުދާރީވާން ޖެހޭނީ އަޅުގަނޑު. އެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުރުކޮށް ދަންނަވާ ނަމަ ފުލުހުންގެ ޕާފޯމަންސް ބެލުން،" އޭނާ ވިދާޅުވި އެވެ.
އާ ގާނޫނުން ފަހިކޮށްދޭނެ ވަރަށް ރަނގަޅު ބައެއް ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި މަދުވެގެން ފަސް ރީޖަނެއްގައި ފުލުހުންގެ ސެންޓަރުތަކެއް ހެދުމެވެ. އަދި އެ ސެންޓަރުތަކަށް ފުލުހުންގެ އިސް ރޭންކެއްގެ ކޮމާންޑަރެއް ބަހައްޓައި އެ ސަރަހައްދެއްގައި ހުރި މައްސަލަތަކަށް ވަސީލަތްތައް ގާއިމްކުރުމެވެ. ކޮމިޝަނަރު އެކަން ފާހަގަކުރެއްވީ ވަރަށް ތާރީހީ އަދި ވަރަށް ބޭނުންތެރި ބަދަލެއްގެ ގޮތުގަ އެވެ.
"މީގެ އިތުރުން ދެން އަޅުގަނޑުމެން ފާހަގަކުރާ މައިގަނޑު އަނެއް ބަދަލަކީ ފުލުހުންގެ މުޅި މުއައްސަސާ އަށް އަންނާނެ ކުރިއެރުން. ފުލުހުންގެ ޕްރޮފެޝަނަލިޒަމް އަށް އަންނާނެ ބަދަލުތައް،" ހަމީދު ވިދާޅުވި އެވެ.
އެ ބަދަލުތައް މިއަދު ނުވަތަ މާދަމާ ނުފެނިދާނެ ކަމަށް ވެސް ކޮމިޝަނަރު ގަބޫލުކުރައްވަ އެވެ. އަދި ކިތަންމެ މޮޅު ގާނޫނެއް އޮތަސް، ފުލުހުންގެ ތަރުބިއްޔަތު ބަދަލު ނުވާ ނަމަ އެގޮތަށް މުއައްސަސާ ބަދަލުކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އެކަމަކު އެ ޗެލެންްޖް ނަގައިގެން އެކަން ކުރަން މިއަދު މިހުރީ އަޅުގަނޑު. އަޅުގަނޑަށް އެ ޔަގީންކަން އެބައޮތް."
އާންމުންގެ އިތުބާރު ފުލުހުންނަށް ލިބިއްޖެ: ސީޕީ ހަމީދު
ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް:ސިވިލް ކޯޓް
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުމެއްޖެ
މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސްގެ ޓާސްކްފޯހެއް
ތިން އޮފިސަރަކު ވަކިކުރުން ހުއްޓުވައިފި
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
ޖަމްޝީދާއި ޓޫފޯ ވަކިކުރަން ކޮމިޝަނަރު ނޯޓިސް ފޮނުވައިފި
ފުލުހުންގެ ފްލެޓް ނިންމަން އެހެން ކުންފުންޏެއް!
ބޯޑުގެ ނިންމުން ތަންފީޒުކުރުން ކޮމިޝަނަރަށް ލަހެއް ނޫން