Roadha Mihaaru
އޭ ލެވެލް އަވަސްކުރުމުން އެޗުއެސްސީ މަހަކަށް ފަސްކޮށްފި

އޭ ލެވެލް އަވަސްކުރުމުން އެޗްއެސްސީ އިމްތިހާނު އެއް މަހަށް ފަސްކޮށްފި

28 މާޗް 2021

މޭ/ޖޫންގައި ކުރިން ބާއްވަން އޮތް އޭ ލެވެލް އިމްތިހާނު އެޕްރީލް ފަހު ކޮޅަށް އެޑެކްސެލްއިން އަވަސްކުރުމުން ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން އެޗްއެސްސީ އިމްތިހާން މަހަކަށް ފަސްކުރަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޭ/ޖޫންގައި ކުރިން ބާއްވަން އޮތް އޭ ލެވެލް އިމްތިހާނު އެޕްރީލް ފަހު ކޮޅަށް އެޑެކްސެލްއިން އަވަސްކުރުމުން ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން އެޗްއެސްސީ އިމްތިހާން މަހަކަށް ފަސްކުރަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކުރިން ވެސް ކަނޑައަޅާފައި އޮތް ގޮތަށް އޭ ލެވެލް ބޭއްވޭތޯ އެޑެކްސެލްއާ އެކު ކުރި މަޝްވަރާތަކުން ވެސް އަލި މަގެއް ނުފެނުމުން ކަމަށެވެ.

ކުއްލިއަކަށް އޭ ލެވެލް އަވަސްކުރިކަން އެނގުމުން ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެޑެކްސެލް އިން އޭ ލެވެލް އަވަސްކުރަން ނިންމީ މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އާ ވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

މުޅި ދުނިޔޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ނުކުރެވި ކުރިއަށް ދާތީ އޭ ލެވެލް އިމްތިހާން އަންނަ މެއި/ޖޫންގައި ނުބާއްވާނެކަން އެޑެކްސެލް އިން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންގި އެވެ. އެކަމަކު ރާއްޖެއިން ކުރި މަސައްކަތާ އެކު މެއި/ޖޫންގައި އިމްތިހާން ބާއްވަން ފުރުސަތު ދިނީ އެވެ.

މިދިއަ އަހަރު ރާއްޖޭގައި އޯ ލެވެލް ވެސް އަދި އޭ ލެވެލް އިމްތިހާން ވެސް ބާއްވާފައެއް ނުވެ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔަ ދަނޑިވަޅު ވެސް ބިލަންބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ އޭ ލެވެލްގެ ދަރިވަރުންނަށް އޭ ލެވެލް ބޭއްވި އެވެ.

އެޗްއެސްސީ އިމްތިހާނު ބާއްވަން މީގެ ކުރިން ހަމަޖެއްސީ، އޭ ލެވެލް ބާއްވާތާ ދެ ހަފުތާ ފަހުންނެވެ. އެކަމަކު މިހާރު އެ މުއްދަތު ވަނީ އެއް މަހަށް ފަސްކޮށް، އަންނަ ޖޫން 13-17އާ ދެމެދު ބާއްވަން ފަސްކޮށްފަ އެވެ.