Roadha Mihaaru
ރާއްޖެއިން އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި

ރާއްޖެއިން އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި

03 މެއި 2021

ޕޭޕަރުތައް ލީކުވަމުންދާތީ ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕޭޕަރުތައް ލީކުވަމުންދާތީ ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ގްރޭޑު 11 އަދި 12 ގެ ކުދިންގެ އެންމެ ފަހު އިމްތިހާނު ފެށި ފަހުން އެޑެކްސެލްގެ ތިން ޕޭޕަރެއް ލީކުވެފައި ވެ އެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު އޮތް ފިޒިކްސް ޕޭޕަރާއި މިދިޔަ ހުކުރު ދުވަހު އޮތް ބަޔޮލޮޖީ އަދި މިއަދު ބޭއްވި ކެމިސްޓްރީ ޕޭޕަރެވެ.

އިމްތިހާނު ކެންސަލްކުރިކަން، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ އިމްތިހާނުގެ ކްރެޑިބިލިޓީ މިހާރު ގެއްލިފައިވާ ކަމަށެވެ.

"މިހާރު އެ ކުރިއަށްދާ ޝެޑިއުލްޑް އެގްޒާމް ދެން ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ޕޭޕަރު ލީކުވެފައި އޮއްވައި ވެސް އިމްތިހާނު ކުރިއަށް ގެންދިޔައީ އިތުރު ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލް އިން ދިނުމުން ކަމަށެވެ. އެހެން އޮއްވައި މިއަދު ވެސް ޕޭޕަރެއް ލީކުވުމުން، އިމްތިހާނުގެ އިތުބާރު ގެއްލިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ލީކުވާ ގޮތް ފާހަގަކުރެވި، އެކަންކަމަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދެން އިތުރަށް ޕޭޕަރު ލީކުނުވާނެ ކަމަށް އަޅުގަނޑުމެންނަށް އޮތީ ޔަގީންކަން ދެއްވާފައި. ނަމަވެސް މިއަދު ހެނދުނު، މިއަދު މެންދުރުފަހު ހަދަމުންދާ ޕޭޕަރު ހެނދުނު ވެސް އަޅުގަނޑުމެންނަށް ލިބިއްޖެ،" އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ، ދެން މިކަމާ ގުޅިގެން އަނެއްކާ ވެސް އަޅުގަނޑުމެންގެ ޕްރިންސިޕަލުންނާ މީޓުކޮށް، ދެން މިކަމާ ގުޅޭ ހުރިހާ ބޭފުޅުންނާ މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން މިހާރު މި ނިންމަނީ، މިހާރު މި ކުރިއަށްދާ އިމްތިހާނު ދަރިވަރުންނަށް ދެ އޮޕްޝަނެއް ހުށަހަޅަން،"

އޭނާ ވިދާޅުވީ މި މައްސަލައިގައި ވަރަށް ގިނަ ދަރިވަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން ބޭނުންވަނީ އިމްތިހާނު ކުރިއަށްގެންދަން ކަމަށާއި އަނެއް ބައި ދަރިވަރުން އެދިފައިވަނީ އޮކްޓޯބަރު/ނޮވެމްބަރަށް ޓެސްޓު ފަސްކޮށްދިނުމަށެވެ.

މިނިސްޓަރު ވިދާޅުވީ އެޑެކްސެލް އިން ދެ ޗޮއިސެއް ދީފައިވާ ކަމަށެވެ. ފުރަތަމަ ގޮތަކީ، އޭޕްރީލް/މެއި އިމްތިހާނު ދޫކޮށް އަންނަ އޮކްޓޯބަރު/ނޮވެމްބަރު ސީރީޒަށް ބަދަލުވުމެވެ. އެ ކުދިންނަށް ވެސް މިހާރު އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވިދާޅުވި އެވެ.

ދެ ވަނައަށް ދީފައިވަނީ އޭޕްރީލް/މެއިގައި އިމްތިހާނު ހަދަން ބޭނުންވާ ދަރިވަރުންނަށް ޓީޗާ ބޭސްޑް އެސެސްމަންޓަކަށް ދިއުމުގެ ފުރުސަތެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިހުސާން ބައިވެރިވެރިވެވަޑައިގަންނަވަނީ.-

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިހުސާން ބައިވެރިވެރިވެވަޑައިގަންނަވަނީ.-

އެކަން ތަފްސީލުކޮށްދެއްވައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަަދު އިހުސާން ވިދާޅުވީ ޓީޗާ ބޭސްޑް އެސެސްމަންޓު ތައްޔާރުކޮށް ދަރިވަރުންނަށް ދޭނީ އެ ދަރިވަރަކު ކިޔަވާ ސްކޫލުން ކަމަށެވެ. އެ މާކްސްތަކާއެކު ދަރިވަރުން ހަދާފައިވާ މޮކް އިމްތިހާނުގެ ނަތީޖާ އާއި ޓީޗަރުން ދަރިވަރުންނަށް ތައްޔާރުކޮށްފައިވާ ފޯކާސްޓް ގްރޭޑުތައް ވެސް ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.

"އެ މާކްސްތަކާއި އެ އެވިޑެންސްތަކަށް ބެލުމަށްފަހު ދަރިވަރުންނަށް އެޑެކްސެލްގެ ފަރާތުން ގްރޭޑެއް ދޭނެ. ހަމަ އެޑެކްސެލްގެ ސެޓްފިކެޓް އެ ކުދިންނަށް ލިބިގެންދާނީ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަހުގެ ތެރޭގައި ޓީޗާ ބޭސްޑް އެސެސްމަންޓް ފަށާނެ ކަމަށެވެ. އަންނަ މަހުގެ މެދަކާ ހަމައަށް ދިއުމުގެ ކުރިން ނަތީޖާތައް އެޑެކްސެލް އަށް ފޮނުވަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޓީޗާސް ބޭސްޑް އެސެސްމަންޓު އިހުތިޔާރުކުރާ ދަރިވަރުންނަށް ރައީސްގެ ސްކޮލަޝިޕެއް ނުލިބޭނެ އެވެ. އެކަމަކު ކޮލެޖު/ޔުނިވާސިޓީތަކުން މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުށަހެޅުމުގެ ހުރަހެއް ނެތެވެ. ނަމަވެސް މިނިސްޓްރީން އެދިފައިވަނީ ހުރިހާ ދަރިވަރުން ވެސް އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމަށެވެ.

މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގައި ޖުމްލަ 44 ސެންޓަރަކުން 2،821 ދަރިވަރަކު ބައިވެރިވެ އެވެ.