Roadha Mihaaru
ފުލުހުންނާއި ސިފައިންގެ ފްލެޓު އަތުލާކަށް ނޫޅޭ

ފުލުހުންނާއި ސިފައިންގެ ފްލެޓް އެހެން ބަޔަކަށް ދޭކަށް ނޫޅޭ: އަސްލަމް

25 މާޗް 2021

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްފައިވާ ކެޓަގަރީ އުވާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދޮގު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްފައިވާ ކެޓަގަރީ އުވާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދޮގު ކުރައްވައިފި އެވެ.

ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ 7،000 ފްލެޓުން ސިފައިންނާއި ފުލުހުންނަށް ކަނޑައަޅާފައިވާ ކެޓަގަރީގެ ދަށުން 600 ފްލެޓު ވަނީ ދީފަ އެވެ.

ނަމަވެސް ހިޔާ ފްލެޓު، އޭގެ ހައްގުވެރިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާ "އާންމުންގެ އެކުވެރި ޖަމިއްޔާ" އިން ބުނި ގޮތުގައި އެ ކެޓަގަރީ އުވާލަން އުޅޭ ކަމުގެ މަޝްވަރާތައް ކުރާ ކަމުގެ ވާހަކަ ދެކެވޭ ކަމަށާއި އެކަމާ ގުޅިގެން އެ ޖަމިއްޔާ ކަންބޮޑުވާ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އަދި ސިފައިންނަށް ފްލެޓް ދިނުމަށް އެ ފަރާތްތަކާ އިންޓަވިއު ވެސް ކޮށްފައި ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަތަކަށް ތާއީދު ކުރައްވައި އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގޮތަށް ޚަބަރު ފެތުރި ފަރާތްތަކުގެ އޮތީ އެންމެ ނިޔަތެއް ކަމަށާއި އެއީ މައްސަލަ އުފައްދުން ކަމަށެވެ. އަދި އެމްއެންޑީއެފާއި ފުލުހުންގެ ފްލެޓްތައް އެހެން ބަޔަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓް ދިން ފަރާތްތަކުގެ ލިސްޓު އަލުން ބަލައި ހައްގުވެރިންނަށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ މަނިކުފާނު އުފެއްދެވި ފްލެޓް ކޮމިޓީން މައްސަލަތައް ބަލައި އަލުން ލިސްޓު އެކުލަވާލައި މިހާރު ވަނީ އާ ދާއިމީ ލިސްޓެއް ނެރެފަ އެވެ.

ސަރުކާރުން އެންމެ ފަހުން ނިންމާފައި ވަނީ ހިޔާ ފްލެޓް ލިބޭ މީހުންނަށް މި މަހު ފަހުކޮޅުގައި ފްލެޓުގެ ތަޅުދަނޑި ހަވާލު ކުރުމަށެވެ. ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާއިރު ފްލެޓް ދޫކުރާ އަގުތަކާ ގުޅޭ ގޮތުން ވެސް ސަރުކާރުން ނިންމާ ގޮތެއް ޕްލޭނިން މިިނިސްޓްރީން ހާމައެއް ނުކުރެ އެވެ.