Roadha Mihaaru

ސިފައިންނާއި ފުލުހުންނަށް ދަޅަ ދައްކާތާ އެތައް އަހަރެއް!

30 ޑިސެމްބަރ 2021

ސިފައިންގެ އެކަކު މި ރިޕޯޓަށް ވާހަކަ ދައްކަމުން ބުންޏެވެ؛ "އަހަރެމެން ހައްގު ހޯދަން ދާނީ ކޮން ތާކަށް ހެއްޔެވެ؟"

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިފައިންގެ އެކަކު މި ރިޕޯޓަށް ވާހަކަ ދައްކަމުން ބުންޏެވެ؛ "އަހަރެމެން ހައްގު ހޯދަން ދާނީ ކޮން ތާކަށް ހެއްޔެވެ؟"

ފުލުހުން ވެސް ތިބީ ހަމަ އެފަދަ ހާލެއްގަ އެވެ. ސިފައިންނާއި ފުލުހުންގެ ފްލެޓް މަޝްރޫއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ވެގެން ފުލުހެއްގެ ކިބައިން އެދުމުން އޭނާ ހުރީ ފާޑެއްގެ ބިރެއްގެންފަ އެވެ.

"އަހަރެމެންނަށް ތިކަމުގައި އަނގަ ވެސް ހުޅުވާލެވެން ނޯވޭ. ދެން ކިހިނެއް ނޫހަކަށް އިންޓަވިއު ދޭނީ؟" އޭނާ ސުވާލު ކުރި އެވެ.

"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް މިހާރު ތި ފްލެޓްތަކަކަށް."

އެތައް އުންމީދަކާއި އެތައް ހުވަފެންތަކެއް ދެއްކުމަށް ފަހު، ފުލުހުންގެ "ބްލޫ ހައުސިން ސްކީމް"ގެ ފްލެޓްތަކުގެ ބިންގާ އެޅިތާ މިހާރު 9 އަހަރު ވީ އެވެ. ސިފައިންގެ "ސިފްކޯ ހިޔާ"ގެ ބިންގާ އެޅިތާ ހަތް އަހަރުވީ އެވެ. ސިފައިންގެ ތެރެއިން 330 މީހަކަށް، އަދި 361 ފުލުހަކަށް ތިން ކޮޓަރީގެ އެޕާޓްމެންޓް ލިބޭނެ ކަން އޮތީ ކަށަވަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ހުރިހާ އެންމެން މީގެ އެތައް އަހަރެއް ކުރިން ވަނީ އެޑްވާންސް ފައިސާ ވެސް ދައްކައިފަ އެވެ. ބައެއް ފުލުހުން، 60،000-70،000ރ. ވަނީ ދައްކައިފަ އެވެ. ފުލުހުން އެޑްވާންސްގެ ގޮތުގައި ދެއްކި އަދަދު 22 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެ އެވެ. ސިފައިން އެޑްވާންސަށް ލިބުނު ވަރު 28.2 މިލިއަން ރުފިޔާ އަށް އަރަ އެވެ. ސިފައިންގެ ބައެއް މީހުން 92،000ރ. ދެއްކި އެވެ.

އެކަމަކު އެ ވީ ގެއްލުމާއި އެ އިންތިޒާރުތަކުގެ ވާހަކަ ސިފައިންނާއި ފުލުހުން ތިބެނީ އަމިއްލަ ނަފުސާ ދައްކާލަ ދައްކާލަ އެވެ. އެހެން މީހެއްގެ ކައިރީގައި ދައްކައި، ނުވަތަ ރަސްމީ ސިފައެއްގައި އެ މައްސަލަ ޖެއްސޭނެ ގޮތެއް ވެސް ނޯވެ އެވެ. ބޮޑުވަރަކަށް އަހާލެވެނީ، ސިފައިންގެ މީހަކު ބުނި ގޮތުގައި "މިހާރު މަސައްކަތް އޮތީ ކިހާ ހިސާބެއްގައި ހެއްޔޭ" އެވެ.

ފްލެޓްތައް އިމާރާތް ކުރަނީ: ލަސްދުވެލީގައި ކުރިއަށް ދާ މަޝްރޫއެއް -- ފައިލް ފޮޓޯ: މިހާރު

ފްލެޓްތައް އިމާރާތް ކުރަނީ: ލަސްދުވެލީގައި ކުރިއަށް ދާ މަޝްރޫއެއް -- ފައިލް ފޮޓޯ: މިހާރު

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ބިންގާ ދަމާލި ފަހުން މިހާރު މި ދެކެނީ ތިން ވަނަ ރައީސެވެ. އެތައް ބައިވަރު ޑިފެންސް މިނިސްޓަރުންނެވެ. އެތައް ބައިވަރު ޕޮލިސް ކޮމިޝަނަރުންނެވެ. އެތައް ބައިވަރު ހޯމް މިނިސްޓަރެކެވެ. އެކަމަކު، 600 ފްލެޓް ހުރީ ނުނިމި އެވެ. އިންތިޒާރުގެ ނިމުން އޮތީ ކިހާ ހިސާބެއްގައި ކަމެއް ވެސް ނޭނގެ އެވެ.

ނިމެނީ، ނިންމާނެ، ނިމޭނެ

ކޮންމެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރާ އެއް ކަމަކީ، ރައީސުން ނުވަތަ ކަމާ ގުޅޭ މުއައްސަސާގެ ވެރިން ފްލެޓްތަކަށް ޒިޔާރަތް ކުރެއްވުމެވެ. ފޮޓޯތައް ނަގައި، އެތަންތަން އޮތް ގޮތާ ދޭތެރޭ ޝަކުވާ ކުރައްވަ އެވެ. އުންމިީދުތަކެއް ދެއްވަ އެވެ. ހުވަފެންތަކެއް ދައްކަވައި ވައުދުވެ ވަޑައިގަންނަވަ އެވެ.

"ބައެއް ބޭފުޅުން އެބަހުރި މަސައްކަތް ހުއްޓިފައި އޮތް ހަގީގީ މައްސަލަ ވެސް އެނގިވަޑައިނުގެން ވާހަކަފުޅު ދައްކަވައިފައި،" ފްލެޓް މަޝްރޫއުގައި އުޅުއްވާ ބޭފުޅަކު ނަން ޖަހަން އުޒުރުވެރިވެ ވާހަކަ ދެއްކި އެވެ.

"ބައެއް ބޭފުޅުން އެބަހުރި އެކަން ނުވާނެކަން އެނގި ތިއްބަވައި ވެސް ވާހަކަ ދައްކަވާފައި. މިސާލަކަށް، އެންމެންނަށް ވެސް އެބަ އިނގޭ ފައިސާކަން މީގައި މައްސަލަ އަކީ. އެކަމަކު ފައިސާ ލިބޭނެ އެއްވެސް ކޮޅެއް ނެތްކަން އިނގޭ އިރު ވެސް، ތާރީހުތައް ދީފައި އެބަހުރި. މިއަށް ކިޔާނީ ދަޅަ ދެއްކުން."

"ބައެއް ބޭފުޅުން އެބަހުރި އެކަން ނުވާނެކަން އެނގި ތިއްބަވައި ވެސް ވާހަކަ ދައްކަވާފައި. މިސާލަކަށް، އެންމެންނަށް ވެސް އެބަ އިނގޭ ފައިސާކަން މީގައި މައްސަލަ އަކީ. އެކަމަކު ފައިސާ ލިބޭނެ އެއްވެސް ކޮޅެއް ނެތްކަން އިނގޭ އިރު ވެސް، ތާރީހުތައް ދީފައި އެބަހުރި. މިއަށް ކިޔާނީ ދަޅަ ދެއްކުން."

ނަން ނުޖެހުމަށް ޝަރުތުކޮށް ސިފައިންގެ ފްލެޓް ގަތުމަށް ޑައުންޕޭމަންޓް ދެއްކި އޮފިސަރަކު، "މިހާރު" އަށް ކިޔައިދިން ގޮތުގައި ކޮންމެ ސަރުކާރުތަކުން މިވީހާ ތަނަށް ވެސް ދެއްކީ އެކަމުގައި ދަޅަ އެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި ބިންގާ އެޅި ފުލުހުންގެ ފްލެޓްތަކުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ދެ އަހަރުގެ ތެރޭގައި ފުލުހުންގެ ފްލެޓްތަކަށް ވަދެވޭނެ ކަމުގެ ޔަގީންކަން، ސެޕްޓެމްބަރު 3، 2013ގައި ދީފައި ވެ އެވެ.

ސިފައިންގެ ފްލެޓްތައް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް

ސިފައިންގެ ފްލެޓްތައް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އެ މަގާމަށް ވަޑައިގެން، ފެބްރުއަރީ 26، 2016 ގައި ފްލެޓްތަކަށް ވަޑައިގެން، "ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފްލެޓްތައް ނިމޭނެ" ކަމަށް ވިދާޅުވެފައި ވެ އެވެ. އަދި އެޕްރީލް 2018ގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އޭގެ ފަހުން، ނޮވެމްބަރު 15، 2018ގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި "ކުރިއަށް އޮތް ހަ މަސްތެރޭގައި ފްލެޓްތަކަށް ވަދެވޭނެ" އެވެ. އެކަމަކު އޭރު ވެސް ފްލެޓްތަކުގެ 20 ޕަސެންޓް މަސައްކަތް ނުނިމެ އެވެ.

ރައީސް ކަމަށް އިބްރާހިމް މުހަންމަދު ސޯލިހު ރިޔާސީ ކެމްޕޭން ތެރޭގައި، އޮގަސްޓް 11، 2018 ގައި އެއް އަހަރުގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭނެ ކަމަށް ވިދާޅުވި އެވެ. އޭރު އެންމެ ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަސް އެއް އަހަރުން އެކަން ނުވާނެކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ޖެނުއަރީ 1، 2019 ގައި ޕޮލިސް ކޮމިޝަނަރު މުހަންމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި "ކުރިއަށް އޮތް އަށް މަސް ތެރޭގައި ފްލެޓްތަކަށް ވަދެވޭނެ" އެވެ.

ސިފައިންގެ ފްލެޓްތަކުގެ އެތެރެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިފައިންގެ ފްލެޓްތަކުގެ އެތެރެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ފްލެޓްތައް ނިންމަން، ރެއާއި ދުވާލު 24 ގަޑިއިރުވަންދެން އެއް އަހަރު މަސައްކަތް އަދިވެސް ކުރަން ޖެހެ އެވެ. މިހާތަނަށް ނިމިފައި ވަނީ ފުލުހުންގެ ތިން ޓަވަރުގެ މަސައްކަތް ޖުމްލަކޮށް 85 ޕަސެންޓް އަދި ސިފައިންގެ އެއް ޓަވަރުގެ 80 ޕަސެންޓާއި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތެވެ. ބާކީ މަސައްކަތުގެ އަގަށް ގާތްގަނޑަކަށް އިތުރު 800 ވަރަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭއިރު، އެ ފައިސާ އަކީ ވެސް ދައުލަތުގެ ބަޖެޓުން ހޭދަކުރަން ޖެހޭ ފައިސާ އެވެ. އެ ފައިސާ ބަޖެޓް ކުރީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

"ކޮންމެ މީހަކު ވެސް މި ދައްކަނީ ހުވަފެން. ނިންމާނަމޭ ނިމެނީއޭ. މި ނޫން ވާހަކައެއް ނީވޭ،" އުންމީދު ގެއްލިފައި ހުރި ފުލުހަކު ބުންޏެވެ.

"ކޮންމެ އަހަރީ ދުވަހެއް، ކޮންމެ މުނާސަބާއެއްގައި އުންމީދުތައް އާކުރާނެ."

ސިފައިން ވެސް ދައްކަން އޮތީ ހަމަ އެ ވާހަކަ އެވެ.

"ޔާމީންގެ ވެރިކަމުގައި ކޮންމެ އަހަރަކު ޑިފެންސް މިނިސްޓަރު ސިފައިންނާ ބައްދަލުކޮށްފައި ބުނާނެ އަންނަ އަހަރު ލިބޭނެއޭ އަންނަ އަހަރު ލިބޭނެއޭ. އެކަމަކު އެ އަންނަ އަހަރެއް ނާދެ. އެއް ފަހަރެއްގައި ބުނި ކޮންމެވެސް ބަޔަކު ލާރިތައް ކާލީއޭ. ކޭ ބަޔަކު ނޭނގެއޭ.

"ޔާމީންގެ ވެރިކަމުގައި ކޮންމެ އަހަރަކު ޑިފެންސް މިނިސްޓަރު ސިފައިންނާ ބައްދަލުކޮށްފައި ބުނާނެ އަންނަ އަހަރު ލިބޭނެއޭ އަންނަ އަހަރު ލިބޭނެއޭ. އެކަމަކު އެ އަންނަ އަހަރެއް ނާދެ. އެއް ފަހަރެއްގައި ބުނި ކޮންމެވެސް ބަޔަކު ލާރިތައް ކާލީއޭ. ކޭ ބަޔަކު ނޭނގެއޭ. އެކަމަކު ވަކި ލާރިކޮޅެއް ނޫން ވިއްޔަ މި އުޅެނީކީ ކާލި ބައެއް ނޭނގިގެން އުޅެން،" ނުރުހުން ފާޅުކޮށް ވާހަކަ ދެއްކި ސިފައިންގެ މީހަކު ބުންޏެވެ.

ފުލުހުންނާއި ސިފައިންގެ ޝަކުވާ ބޮޑު!

ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން އެއްވެސް ތަނަކުން ފްލެޓް ލިބިއްޖެ ނަމަ، ހައުސިންގެ އެހެން އެއްވެސް ސްކީމެއްގައި ބައިވެރިއެއް ނުވެވެ އެވެ. ސިފައިންނާއި ފުލުހުންނަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އެވެ. ސިފައިންނާއި ފުލުހުންގެ ހައުސިން މަޝްރޫއުން ފްލެޓް ލިބުނު 691 މީހުންނަށް އެއްވެސް ސްކީމެއްގައި ބައިވެރިއެއް ނުވެވުނެވެ.

ސިފައިންގޭ ފްލެޓްތަކުގެ ބިންގާ އެޅުން

ސިފައިންގޭ ފްލެޓްތަކުގެ ބިންގާ އެޅުން

ސިފައިންގެ މީހަކު ބުނި ގޮތުގައި، އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައި ނިމުމުން ވެސް ފްލެޓް ނިންމަން އެހާ ގިނަ އަހަރުތަކެއް ހޭދަވާތީ އެވެ. އެ ފްލެޓްތަކުގެ މަސައްކަތް ލަސް ދުވެލީގައި ދިޔައިރު، އާންމު ފަރާތްތަކާއި ސަރުކާރުގެ އެހެން ސްކީމްތަކުގެ ފްލެޓްތައް ދިޔައީ ފަތު އަޑު ކިޔައިފަ އެވެ.

"އޭރު ހަމަޖެހިފައި އޮތީ ވެސް އެއްފަހަރާ ޑައުންޕޭމަންޓް ދައްކާ މީހުންނަށް ޕޮއިންޓް ގިނައިން ލިބޭ ގޮތަށް. އެހެންވެ ކޮންމެ ތާކުން ހޯދައިފައި ވިޔަސް އެތައް ބަޔަކު މީހުންގެ އަތުން ނަގައިގެން ވެސް ފައިސާ ދެއްކި،" އޭނާ ބުންޏެވެ.

"ބަހައިގެން ދެއްކި ބައެއް މީހުންނަށް ކުރިން ފްލެޓް ލިބިފައި އެކަމަކު ޕޮއިންޓް މަދުވެގެން އެބަހުރި ފްލެޓް ގެއްލިފައި ވެސް. ފްލެޓް ޔަގީންކުރަން ބޭނުންވާތީ އަޅުގަނޑު ދެއްކީ އެއްފަހަރާ. ބޭންކުން އެއް ލޯނު ނެގީ. އަނެއް ލޯނަކީ ސިފްކޯ އިން އޭރު ދޫކުރި ލޯނެއް."

ބައެއް މީހުން ފްލެޓް ޔަގީން ކުރުމަށް އެ މީހުންގެ އާއިލާގެ އެކި މެމްބަރުންގެ އަތުން ފައިސާ ނަގައިގެން ވެސް އެއްފަހަރާ ޑައުންޕޭމަންޓް ދެއްކީ ފްލެޓް ގަނެ އަމިއްލަ ތަންކޮޅެއްގައި އުޅުމުގެ އުފާ ހޯދާށެވެ.

"ވިސްނާލައްވާ އަޅުގަނޑުމެންނަށް މީގެ ކަންބޮޑުވުން ފާޅުކުރެވޭނެ އެއްވެސް ގޮތެއް ނެތް. މި ވާހަކަ ދެއްކޭނެ މީހެއް ނެތް. ޝަކުވާ ކޮށްފިއްޔާ މައްސަލަ ބަލާ. ސޯޝަލް މީޑިއާގައި ލިޔެވޭކަށް ނެތް،"

"ވިސްނާލައްވާ އަޅުގަނޑުމެންނަށް މީގެ ކަންބޮޑުވުން ފާޅުކުރެވޭނެ އެއްވެސް ގޮތެއް ނެތް. މި ވާހަކަ ދެއްކޭނެ މީހެއް ނެތް. ޝަކުވާ ކޮށްފިއްޔާ މައްސަލަ ބަލާ. ސޯޝަލް މީޑިއާގައި ލިޔެވޭކަށް ނެތް،" އޭނާ ބުންޏެވެ.

"އެހެން ސްކީމަކުން ފުރުސަތެއް ވެސް ނެތް."

ފުލުހަކު ބުނީ، ފްލެޓްތަކުގެ ވާހަކަ ދެއްކުމަކީ ބިރުބޮޑު ކަމެއް ކަމަށެވެ. އަދި އެ ވާހަކަތައް އެކި މީހުން ކައިރީގައި ދައްކައިގެން، ނުވަތަ ޝަކުވާ ކޮށްގެން ބައެއް ފުލުހުންނާ ދޭތެރޭ ފިޔަވަޅު ވެސް އަޅައިފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ބައެއް ފުލުހުންނާއި ސިފައިން ވެސް މި ރިޕޯޓަށް ވާހަކަ ދައްކައި، އެ މީހުންގެ ހުރި ހިތްދަތިކަން ކިޔައިދޭން ޖެހިލުންވި އެވެ.

ނުނިމި ދިގުލައިގެންދާ ކޮންމެ ދުވަހަކީ ބޮޑު ބުރައެއް!

ސިފައިންގެ އޮފިސަރަކު ބުނި ގޮތުގައި އޭނާއަކީ މާލެއިން ދެ ކޮޓަރީގެ އެޕާޓްމަންޓެއް 18،000ރ. އަށް ކުއްޔަށް ހިފައިގެން އުޅޭ މީހެކެވެ. އެތަނުގައި އޭނާގެ އަންހެނުންނާއި ދެ ދަރިންނާ އެކު މަންމަ ވެސް ދިރިއުޅެމުންދެ އެވެ. ކޮންމެ މަހަކު ލިބޭ މުސާރަ ކުއްޔަށް ހޭދަކުރުމަށް ފަހު އަތުގައި ރައްކާކޮށްލާނެ ފައިސާއެއް ވެސް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް މިހާރު ހުރި ގޮތް

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް މިހާރު ހުރި ގޮތް

"ލިބޭ މުޅި މުސާރަ ކުއްޔަށް ދައްކައިގެން އަޅުގަނޑުމެން އުޅެމުން މިދަނީ. ވަރަށް އުނދަގޫތައްވޭ. ކޮބާ އެހެން ކަންކަމުގެ ހަރަދުތައް. އަދި ފްލެޓަށް ފައިސާ ދައްކައިގެން އެތަން ލިބޭނެ ކަމުގެ އިންތިޒާރެއްގަ މިހެން ތިބެންވީމަ އެވާ އުނދަގޫ މާބޮޑު. މިވެސް ނިމުނު ތަނަކަށް ނުވި،" އޮފިސަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފްލެޓަށް ނަގާނެ ކަމަށް ކުރިން ބުނެފައި ވަނީ 7،000ރ. އެވެ. އެކަމަކު އޭގެ ފަހުން، ތަން ހެދުމަށް ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވެގެން ތަންކޮޅެއް ކުލި ބޮޑުކުރާ ވާހަކައެއް ވެސް ދެއްކި އެވެ. އެކަަމަކު އެގޮތަށް ބެލިޔަސް ފްލެޓަށް ބަދަލުވެވިއްޖެ ނަމަ، މަހަކު 10،000ރ. ފަހަށް ރައްކާކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މިއީ އަޅުގަނޑުގެ ހާލަތު ހުރި ގޮތް. އެކި މީހުންގެ ހާލަތްތައް ތަފާތުވާނެ. އެތަނުން ފްލެޓް ގަނެފައި ވެއްޖެ އަޅުގަނޑު އުޅޭ އުޅުމަށް ވުރެ ވެސް ހާލުގައި އުޅޭ މީހުން. އެ މީހުން އުޅޭނެ ހާލަކީ ކޮބާ؟"

"މިއީ އަޅުގަނޑުގެ ހާލަތު ހުރި ގޮތް. އެކި މީހުންގެ ހާލަތްތައް ތަފާތުވާނެ. އެތަނުން ފްލެޓް ގަނެފައި ވެއްޖެ އަޅުގަނޑު އުޅޭ އުޅުމަށް ވުރެ ވެސް ހާލުގައި އުޅޭ މީހުން. އެ މީހުން އުޅޭނެ ހާލަކީ ކޮބާ؟"

އެހެން އޮފިސަރަކު ބުނި ގޮތުގައި އޭނާއަކީ ވެސް ކުއްޔަށް މާލޭގައި އުޅޭ މީހެކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި އޭނާ އުޅޭއިރު އެއް ކޮޓަރީގައި އުޅެނީ އޭނާއާ ފިރިމީހާ އެވެ. އަނެއް ކޮޓަރި ދެ ދަރިން ބޭނުންކުރާއިރު އޭނާގެ ކަންބޮޑުވުމަކީ އެ ޖިންސުގެ ދެ ދަރިން ބޮޑުވަމުން އަންނައިރު އެއް ކޮޓަރިއެއްގައި ދިރިއުޅެން ޖެހިފައި ވުމެވެ.

ފްލެޓް ނިންމަން ދިގުލައިގެންމިދާ ކޮންމެ ދުވަހަކުން ލިބޭ ގެއްލުމުގެ ބަދަލު ބައެއް ސިފައިންނާއި ފުލުހުން ވެސް ބޭނުމެވެ. އެކަމަކު ބައެއް ފުލުހުން ބުނާ ގޮތުން، އެގްރިމެންޓް ބުނާ ގޮތުން ކޯޓަށް ވެސް ދެވޭކަށް ނެތެވެ.

"އެހާ ހާލުން ފްލެޓް ލިބޭއިރު އެތަން ގެއްލޭކަށް ވެސް ބޭނުމެއް ނޫން. ކެތްކޮށްގެން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް،" ފުލުހަކު ބުންޏެވެ.