Roadha Mihaaru
ޖޭވީތަކުގެ ސަރުކާރުގެ ހިއްސާ ވިއްކާ އަގު ބޮޑުކޮށްފި

ޖޭވީތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާ އަގު ބޮޑުކޮށްފި

24 މާޗް 2021

ސަރުކާރާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގެ ހިއްސާ ވިއްކާ އަގު ބޮޑުކޮށް މިކަމާ ގުޅޭ ގަވައިދު އާންމުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގެ ހިއްސާ ވިއްކާ އަގު ބޮޑުކޮށް މިކަމާ ގުޅޭ ގަވައިދު އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ގަވައިދުގައިވާ ގޮތުން ޖޮއިންޓް ވެންޗާ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ އަގު ކަނޑައަޅާނީ، ރިޒޯޓު ތަރައްގީކުރުމުގެ ގޮތުން އެ ކުންފުންޏަކަށް ކުއްޔަށް ދޫކުރެވިފައިވާ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ، ކޮންމެ ޕަސެންޓަކަށް ފަސް ޑޮލަރުގެ މަގުން އަގު ކޮށްގެންނެވެ.

މިސާލަކަށް، 1،000 އަކަމީޓަރުގެ ރަށެއްގައި ސަރުކާރުން 10 ޕަސެންޓް ހިއްސާވާ ނަމަ އެ ތަނުގެ އަގަކަށްވާނީ 50،000 ޑޮލަރު ނުވަތަ 770،000ރ. އެވެ.

މީގެ ކުރިން ޖޮއިންޓް ވެންޗާތަކުގެ ހިއްސާ ވިއްކާލުމުގައި އަމަލުކުރާނެ އުސޫލެއް އޮވެ އެވެ. ނަމަވެސް އޭރު އަގެއް ކަމަށް ކަނޑައަޅާފައިވަނީ ހިއްސާގެ ކޮންމެ ޕަސެންޓަކަށް 0.5 ޑޮލަރުގެ މަގުންނެވެ. އެހެންވެ އާ ބަދަލުގެ ސަބަބުން ޖޭވީތަކުގެ ހިއްސާ ވިއްކުމުގެ އަގު 10 ޕަސެންޓް ބޮޑުވީ އެވެ.

މީގެ އިތުރުން، މިގޮތަށް ސަރުކާރުން ހިއްސާ ވިއްކާލާނީ ރައީސްގެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު ކަމަށް ގަވައިދުގައި ކަނޑައަޅާފައިވެ އެވެ. އަދި ފިނޭންސް މިނިސްޓަރުގެ ބެލުމުގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާ ވެސް މިކަން ހިއްސާކުރަންޖެހޭނެ އެވެ.

ގަވައިދުގައިވާ ގޮތުން ހިއްސާ ބަދަލުކުރުމުގައި އެންމެ އިސްކޮށް އުޅޭނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑެވެ.