Roadha Mihaaru
ރެއާލް ދަނޑުގައި ލިވަޕޫލް މެޗު ކުޅެވޭނެ

ރެއާލް ދަނޑުގައި ލިވަޕޫލް މެޗު ކުޅެވޭނެ

24 މާޗް 2021

މެޑްރިޑް (މާޗް 24) - ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްޕެއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުޔަށް ފަހު އަންނަ މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑްގެ ހޯމް މެޗު އެ ޓީމުގެ ދަނޑުގައި ކުޅެވޭ ގޮތްވެއްޖެ އެވެ.

މެޑްރިޑް (މާޗް 24) - ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްޕެއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުޔަށް ފަހު އަންނަ މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑްގެ ހޯމް މެޗު އެ ޓީމުގެ ދަނޑުގައި ކުޅެވޭ ގޮތްވެއްޖެ އެވެ.

ސްޕެއިން ސަރުކާރުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުގެ ސަބަބުން އިންގްލެންޑުން އަންނަ މީހުންނަށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ސްޕެއިނަށް އެތެރެނުވެވެ އެވެ. އެތެރެވާން ހުއްދަދޭ މީހުން ވެސް ވަކި މުއްދަތަކަށް ކަރަންޓީނު ވާން ޖެހެ އެވެ. އެހެންވެ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ބުރުގައި ޗެލްސީއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑްގެ ހޯމް މެޗު ކުޅެން ޖެހުނީ ރުމޭނިއާގެ ބުކަރެސްޓްގަ އެވެ.

އިންގްލެންޑް މީހުންނަށް ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއަކާ އެކު ކަރަންޓީނެއް ނެތި ސްޕެއިނަށް އެތެރެވެވޭ ގޮތަށް ސްޕެއިން ސަރުކާރުން އަމަލުކުރަން ފަށާނީ މި މަހު 30 އިން ފެށިގެންނެވެ. އެއީ ކުރިން އަމަލުކުރަމުން އައި އުސޫލުތައް މި މަހުގެ ނިޔަލަށް ހަމަވާތީ އެވެ. އެހެންވެ އަންނަ މަހު ހަ ވަނަ ދުވަހު ރެއާލް ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މެޑްރިޑްގަ އެވެ. ރެއާލްގެ ރަސްމީ ހޯމް ސްޓޭޑިއަމް ސަންޓިއާގޯ ބާނަބޭއުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ މި ވަގުތު އެ ޓީމުން ހޯމް ސްޓޭޑިއަމެއްގެ ގޮތުގައި ބޭނުންކުރަނީ ޑި ސްޓެފާނޯ ސްޓޭޑިއަމް އެވެ.

ޔޫރޮޕާ ލީގުގައި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސްޕެއިންގައި ގްރަނާޑާގެ ހޯމް މެޗު ވެސް އެ ޓީމުގެ ދަނޑުގައި ކުޅެވޭނެ އެވެ.

ލިވަޕޫލާއި ރެއާލް ވަނީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު ރެއާލް ވަނީ 3-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. އެ މެޗުގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލުގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި ދެކެވުނެވެ. އަދި މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރެއާލް ބައްދަލުކުރަން ޖެހުމުން ސަލާހާއި ރާމޯސްގެ ވާހަކަތައް ސްޕެއިނާއި އިނގިރޭސި މީޑިއާގައި ވަރަށް ބޮޑަށް ދެކެވެ އެވެ.

ދާދި ފަހުން ސަލާހާއި ރާމޯސް ދިން މީޑިއާ އިންޓަވިއުތަކުގައި ވަނީ މި މެޗަކީ އެ ދެ ކުޅުންތެރިންގެ ދެމެދުގައި ކުރިން މެޗެއްގައި ހިނގާފައިވާ ކަމެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި މުޅިން އާ މެޗެއް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލާއި ލިވަޕޫލް ވަނީ ހަ ފަހަރު ބައްދަލުކޮށްފަ އެވެ. ކޮންމެ ޓީމެއް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ލިވަޕޫލާއި ރެއާލް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅުނު ހަމައެކަނި މެޗަކީ 2009 ވަނަ އަހަރުގެ ގަދަ 16 ޓީމުގެ ބުރުގަ އެވެ. އެ ފަހަރު ލިވަޕޫލް ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިފަ އެވެ.

ރެއާލާއި ލިވަޕޫލަށް ވެސް ވަނީ މި ސީޒަނުގައި އަނިޔާގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ދާދި ފަހުން ރެއާލްގެ ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ވަނީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެފަ އެވެ. އަދި ރެއާލްގެ ޓްރެއިނިންގެ ތެރެއިން އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފަ އެވެ.