23 މާޗް 2021
މަނާކޮށްފައި އޮތް ނަމަވެސް މިޔަރު ބާނައި އޭގެ ވަގު ވިޔަފާރި ކުރަމުންދާކަން ފާހަގަ ވެފައިވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މަނާކޮށްފައި އޮތް ނަމަވެސް މިޔަރު ބާނައި އޭގެ ވަގު ވިޔަފާރި ކުރަމުންދާކަން ފާހަގަ ވެފައިވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިޔަރު މަދުވުމުން ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުން ސަލާމަތްވުމަށް 2009 ވަނަ އަހަރު ވަނީ ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފަ އެވެ. އެކަމަކު، މިދިޔަ ޖެނުއަރީ 3 ގައި ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަތުލައިގެންފައި ވެ އެވެ. އަނެއްކާ އޭގެ ފަހުން މިޔަރުގެ މަސްވެރިކަން ކުރަނިކޮށް އިއްޔެ ވަނީ ދޯންޏެއް ހިފަހައްޓައިފަ އެވެ.
އެ ދޯނި ހިފެހެއްޓިއިރު މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝިފާޒު "މިހާރު" އަށް ވިދާޅުވީ މަނާކުރިޔަސް މިޔަރު އެކްސްޕޯޓްކުރާކަން ބޮޑަށް ފާހަގަވީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ އަތުލައިގެން، ގެންދިޔަ ތަހުގީގުގެ ތެރެއިން ކަމަށެވެ.
ކަސްޓަމްސް އިން އަންނަނީ 2.6 މިލިއަން ރުފިޔާގެ އަގުހުރި މިޔަރު އުރަހަ ބޭރުކުރަން އުޅުނު މައްސަލަ ތަހުގީގުކުރަމުންނެވެ. އެ އެއްޗެހި އެކްސްޕޯޓުކުރަން އުޅުނު ފަރާތުގެ މައުލޫމާތެއް، ދެ މަހަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ހާމައެއް ނުކުރެ އެވެ.
"އެ ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެންނަށް ބޮޑަށް ފާހަގަވީ އެބަ އެކްސްޕޯޓު ކުރެވޭކަން. ދެން އެކްސްޕޯޓު މަރުހަލާއަށް ދަންޏާ އޭގައި އަޅުގަނޑުމެންނަށް އެބަ ޔަގީންވޭ މަސްވެރިކަން ވެސް ކޮންމެ ވެސް ސްކޭލެއްގައި ކުރެވޭކަން ރާއްޖޭގައި ގަވައިދާ ހިލާފަށް،" ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ސަރަހައްދުތަކުގައި މިޔަރުގެ މަސްވެރިކަން ކުރާކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. ހާއްސަގޮތެއްގައި އދ. އަތޮޅުގެ ދެ ތިން ރަށެއްގައި އެ ކަންތައް ހިނގާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، ހަތަރު މީހުންނާއެކު މާވަރުފަޅު ކައިރިން އިއްޔެ ހުއްޓުވީ ވެސް އެ އަތޮޅު ދޯންޏެކެވެ. އދ. މަންދޫ ކައިރީގައި މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަކަން ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 11:30 ހާއިރެވެ.
ޝިފާޒު ވިދާޅުވީ ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހުރި ހިސާބުތަކުގައި ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ ސަރަހައްދުތަކަށް ހާއްސަ ގޮތެއްގައި ބަލައިދިނުމަށް އެދިފައިވާނެ ކަމަށެވެ.
"ވަގަށް އެކްސްޕޯޓު އެބަކުރެވޭ. އެކަން ފާހަގަވެފައި އޮތީ. ކޮންމެ ވެސް ބައެއް އެބަ ރަނގަޅު އަގު، ވަގު މާކެޓުގައި އެ އެއްޗެހި ބޭރުކޮށްގެން ވިއްކުމަށް އެބަދޭ މަސްވެރިކަންކުރާ ބަޔަކަށް. މަސްވެރިކަން ބަޔަކު ކުރާނީ ވެސް ވަގު މާކެޓުގައި ނަމަވެސް ރަނގަޅު އަގެއް ލިބޭތީ. އެހެންވީމަ، އެއީ އަޅުގަނޑުމެންނަށް ހޯދުނު ހޯދުންތަކުން އެނގޭ އެބަ އެކްސްޕޯޓުކުރެވެންޏާ ހަމަ ރަނގަޅު އަގެއް އެކަން ކުރާ ބަޔަކަށް ދޭނެކަން،" ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިޔަރު ބާނައި އެ އެއްޗެހި ހިއްކައި ޕެކްކުރުމަށްފަހު، އެހެން ވައްތަރުގެ މަސްތަކާ އެއްކުރުމަށްފަހު އެކްސްޕޯޓު ކުރާކަމަށެވެ.
މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހިފުމާއި ނެގުން އަދި މެރުން މަނާ ބާވަތްތައް ބޭނި ކަމުގައި ވިޔަސް އަދި އެއިން ހަދާފައިވާ ޕްރޮޑަކްޓެއް ބޭރުކުރަން އުޅުނަސް ފިޔަވަޅު އެޅެ އެވެ. މިޔަރު އުރަހަ ބޭރުކުރަން އުޅުނު ފަރާތަށް ވެސް އަދި މި އުޅަނދަށް ވެސް ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވިދާޅުވި އެވެ.
މިޔަރުގެ މަސްވެރިކަމުގައި ބޮޑަށް ބޭނުންކުރަނީ ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދަށްވުރެ ކުދި ދޯނިފަހަރެވެ.
އޭނާ ވިދާޅުވީ މިޔަރުގެ މަސްވެރިކަމުގައި އެއް ދޯނި، އަނެއް ދޯންޏާ ގުޅުމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު އެ އެއްޗެހި ގަންނަ އަދި ޕްރޮސެސްކުރާ ފަރާތްތަކާއި އެކްސްޕޯޓު މާކެޓަށް ގެންދިއުމަށް ޕެކްކުރާ ފަރާތްތައް ގުޅިފައި އޮންނާނެ ކަމަށާއި އެކަމުގައި ހަރަކާތްތެރިވާނީ ދެ ތިން ފަރާތެއްކަމަށް ވިދާޅުވި އެވެ.
މިޔަރު ބޭނުން މަނާވިޔަސް އެކަންތައް ހުއްޓުވުމުގައި އެކަށީގެންވާ ވަރަކަށް އާއްމުންގެ އެއްބާރުލުން ނުލިބޭތީ މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރެ އެވެ. އެހެން ނޫން ނަމަ އެހާ ފުޅާކޮށް އެ ފަދަ ހަރަކާތްތައް ނުހިންގޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"ބްލެކް މާކެޓު އުފެދިފައި އޮތީ ވެސް އަންނަންޖެހޭ ރިޕޯޓު ނުލިބޭތީ. ރާއްޖޭގައި އެ ފަދަ މާކެޓް އުފެދުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،"
ވަގަށް މަސްވެރިކަން ކުރި ބޯޓުތަކެއް ޖޫރިމަނާކޮށްފި
މިޔަރު އުރަހަތަކެއް ހޯދައި ފުލުހުން މައްސަލަ ބަލަނީ
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
ފާނަ އާލާ ކުރަން ބޮޑު ސަރަހައްދެއް ކަނޑައަޅައިފި
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މިޔަރުގެ ވަގު ވިޔަފާރިއަށް ފުރުސަތެއް ނެތް: މިނިސްޓްރީ
ލޭނުގައި ޖެހި މަރުވާ މިޔަރު ބޭރުކުރުމުގެ ހުއްދަކުރަނީ
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތް
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
ގާނޫނާ ހިލާފުކަމެއް ނުކުރަން މަސްވެރިންނަށް އިލްތިމާސް