Roadha Mihaaru
ބޭނުންވަނީ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލަން: ނަޝީދު

މިހާރު ބޭނުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލަން: ނަޝީދު

21 މާޗް 2021

ކެފޭ/ރެސްޓޯރަންޓުގެ ޑައިން-އިން ހިދުމަތް ދެވޭ ވަގުތު، ރޭގަނޑު 10:30 އަށް އިތުރުކުރި ނަމަވެސް، އެކަމުގެ ފައިދާ ވާނެ ކަމަށް ވިޔަފާރިވެރިން ނުބުނާ ކަމަށާއި މިހާރު ބޭނުންވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ދޫކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކެފޭ/ރެސްޓޯރަންޓުގެ ޑައިން-އިން ހިދުމަތް ދެވޭ ވަގުތު، ރޭގަނޑު 10:30 އަށް އިތުރުކުރި ނަމަވެސް، އެކަމުގެ ފައިދާ ވާނެ ކަމަށް ވިޔަފާރިވެރިން ނުބުނާ ކަމަށާއި މިހާރު ބޭނުންވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ދޫކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ، ރެސްޓޯރަންޓްތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭ ގަޑި ރޭގަނޑު 10:30 އިތުރުކުރިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރުމާ ގުޅިގެންނެވެ. އެޗްޕީއޭގެ ނިންމުން ބަދަލުކުރީ، ރެސްޓޯރެންޓް ވިޔަފާރި އަށް ގެއްލުންއްވާ ކަމަށާއި ލުއިގޮތްތެއް ހަމަނުޖައްސައިފި ނަމަ މިއަދު ހަޅުތާލުކުރާނެ ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން އިންޒާރުދީފައި ވަނިކޮށެވެ.

މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއް

"ސައި ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތައް ރޭގަނޑު 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބޭނެ ކަމަކަށް އެ ވިޔަފާރި ހިންގާ ފަރާތްތަކަކުން ނުބުނޭ. މިހާރު ބޭނުން ވަނީ މުޅިން ދޫކޮށްލަން،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާއްމުން ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 6:00 ގެ ފަހުން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުން ހިމެނެ އެވެ. މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ނަމަ، އަދިވެސް 10 ދުވަސް ކަރަންޓީން ވާން ޖެހެ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް 22،373 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. ބަލިން ރައްކާތެރިވާން ވެކްސިން ޖެހުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދެ އެވެ. މާލެ ސަރަހައްދުން ވެކްސިން ދިނުން މެދުކަނޑާލުމަށް ފަހު، އަނެއްކާވެސް މާދަމާ ފަށާނެ އެވެ. މިހާތަނަށް 218،645 މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ.