Roadha Mihaaru
ފިޔާޒު އިންފޮމޭޝަން ކޮމިޝަނަރުކަމުން އިސްތިއުފާ

ފިޔާޒު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި

21 މާޗް 2021

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ހުސެއިން ފިޔާޒު މޫސާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ހުސެއިން ފިޔާޒު މޫސާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަރުގެ މަގާމުން ފިޔާޒު އިސްތިއުފާ ދެއްވިކަމުގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މީގެ 21 އަހަރު ކުރިން ނޫސްވެރިކަން ފެއްޓެވި ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އޮކްޓޯބަރު 31، 2019 ގަ އެވެ. އޭނާ ވަނީ އާފަތިސް ނޫހާއި "ހަވީރު"ގެ އިތުރުން ރާއްޖެޓީވީގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ.

ފިޔާޒުގެ އިސްތިއުފާ މި އައީ އޭނާ އިސްކޮށް ހުންނަވައިގެން އޮންލައިން ނޫހެއް ހެއްދެވުމުގެ މަސައްކަތް ކުރއްވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމަކު ފޯނަށް ޖަވާބު ނުދެއްވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ނޭނގެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ.