Roadha Mihaaru
ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި، ޒިންމާތައް ޝައުނާ އަށް

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި، ޒިންމާތައް ޝައުނާ އަށް!

05 މެއި 2021

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ހުރިހާ ޒިންމާއެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ހުރިހާ ޒިންމާއެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކުގަ އެވެ. މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި، ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް ހުންނެވި ޑރ. ހުސެއިން ރަޝީދު ފިޝަރީޒް މިނިސްޓަރު ކަމަށް ބަދަލު ކުރައްވައި، ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އައްޔަން ކުރެއްވުން ހިމެނެ އެވެ.

ރައީސް ފުރަތަމަ ކެބިނެޓް އެކުލަވައިލެއްވި އިރު، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މުހައްމަދު މަލީހު ޖަމާލް އެވެ.

އެ މިނިސްޓްރީއަކީ އިންޓަނެޓްގެ އަގު ހެޔޮ ކުރަން ފަދަ ރައީސްގެ ބޮޑެތި ވައުދުތަކެއް ހަވާލު ކޮށްފައިވާ މިނިސްޓްރީ އެކެވެ. އެއީ މިހާތަނަށް އައިއިރު ވެސް ނުފުއްދި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވާ މައްސަލައެކެވެ.

އެ މިނިސްޓްރީއާ އައްޔަން ކުރި މަލީހު، މަގާމްގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާއިރު، އެ މިނިސްޓްރީ ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ އެވެ.

ކެބިނެޓަށް ގެނައި ބަދަލުތަކާއެކު ޓެކްނޮލޮޖީގެ މެންޑޭޓާއެކު އެންވަޔަރަމަންޓް މިނިސްޓްރީއަށް އައްޔަން ކޮށްފައި ވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްޓަރީ އާމިނަތު ޝައުނާ އެވެ.