Roadha Mihaaru

2007 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކޮށް ނޮވެމްބަރުގައި ތަންފީޒުކުރަން ފަށަނީ

ދުޅަހެޔޮ ޖީލެއް ބިނާކުރަން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 އެޕްރީލް 2025

ދުޅަހެޔޮ ޖީލެއް ބިނާކުރަން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނާއި ގަވާއިދުތަކަށް އިސްލާހުތައް ގެނެސް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ ނޮވެމްބަރު 1 އިން ފެށިގެން އެއަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

އޭގެ އިތުރުން ދުންފަތުން ސަލާމަތްވުމަށް ދޭ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމަށް ފިނޭންސް މިނިސްޓްރީން، ހެލްތު މިނިސްޓްރީއަށް އެއްބާރުލުން ދޭން ވަނީ ނިންމައިފަ އެވެ.

ކެބިނެޓުގެ މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް 2022 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ކަމަށެވެ.

ރާއްޖޭގައި 84 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެކަމަށް ހައްލުތަކެއް ގެންނަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް ސީރިއަސްކޮށް، ރާއްޖެ ކަހަލަ ކުޑަ އާބާދީއެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. ރާއްޖޭގެ އާބާދީއަކީ މި ވަގުތު 411،741 ދިވެހީންގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައި ތިބި، މިހާތަނަށް މަރުވެފައި ތިބި މީހުން އުނިކޮށްފައި ބަލާއިރު އެ އަދަދަކީ 124،002 މީހުން. މިއީ ރާއްޖޭގައި މި ވަގުތު އާބާދީގެ 30.1 އިންސައްތަ،" ރައީސް ވިދާޅުވި އެވެ.

ކެބިނެޓުގެ ނިންމުމުގެ ކުރިން އެ މަނިކުފާނު ވަނީ ޖެނެރޭޝަން ބޭން ގެނައުމަށް ތިން އިހުތިޔާރަކާ އެކު، ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އާއްމުންގެ ހިޔާލަށް ދޫކޮށްލައްވައިފަ އެވެ. އެއީ؛

- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން

- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން

- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން

ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކުގެ ޕޯލްގެ މުއްދަތު މިދިޔަ އަންގާރަ ދުވަހު ހަމަވިއިރު އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. ނަމަވެސް ކެބިނެޓުން ނިންމީ އެ އުމުރު 2007 އަށް ދަށްކުރާށެވެ.

ޖެނެރޭޝަން ބޭން އަށް މުއްދަތެއް ކަނޑައެޅި އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.