Roadha Mihaaru

2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލް ރައީސް ތަސްދީގުކުރައްވައިފި

ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގުކުރައްވައިފި އެވެ.

ޖެނެރޭޝަނަލް ބޭންގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

21 މެއި 2025

ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގުކުރައްވައިފި އެވެ.

އެ ތާރީހީ ބިލް ރައީސް ތަސްދީގު ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރައީސް މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން "ޖެނެރޭޝަނަލް ބޭން"އަށް އަމަލުކުރަން ފަށާނެ އެވެ.

ބިލް ރައީސް ތަސްދީގުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުން ކަމަށެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްގެން މުޖުތަމައުގައި ހުރި މި ކަހަލަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ކުރިން ގެނެސްފައިވާ އިސްލާހުތައް ތަންފީޒުކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވުމުން އަލަށް ގެނައި އިސްލާހުގައި އެ ހުރަސްތައް ކުޑަކުރުމަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެ ގާނޫނު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެ ގާނޫނު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެންފޯސްމަންޓަށް ވަރަށް ހާއްސަ ކަންތައްތަކެއް ހިމެނިފައިވާނެ، ކުރީގައި އެންފޯސްކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފާހަގަކޮށްފައި އޮތީމަ،" ރައީސް ވިދާޅުވި އެވެ.

"އެންފޯސްކުރުމުގައި ވޭޕާއި ދުންފަތުގެ އިސްތިއުމާލްކުރުމާ ބެހޭ ތަކެތި ގެންގުޅުމާއި އެތެރެކުރުމާއި ބެހެއްޓުމާއި ނައްތާލުމާއި މި ތަކެތި އަތުލުމަށް ފަހު އެ ތަކެތި ބަލަހައްޓާ ނައްތާލުމާ، މި ހުރިހާ ކަމެއްގެ ޕްރޮސީޖަރަލް ކަންތައްތައް، އިޖުރާއަތްތައް ވަރަށް ފުރިހަމަކޮށް ބަޔާންކޮށްފައި މިހާރު އޮންނާނެ."

ދެހާސް ހަތްވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރު ކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ، އެމީހެއްގެ އައިޑީކާޑު ނުވަތު އެމީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.