ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށް ލަފާއަރުވަން އުއްދާފައިވާ ބޯޑުގެ މެމްބަރު އަބްދުﷲ މާހިލް ޝަހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް ގިނަ އަދަދެއްގެ ވޭޕް އެތެރެކުރަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ބޯޑުގެ މެމްބަރުކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
17 އޯގަސްޓް 2025
ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށް ލަފާއަރުވަން އުއްދާފައިވާ ބޯޑުގެ މެމްބަރު އަބްދުﷲ މާހިލް ޝަހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް ގިނަ އަދަދެއްގެ ވޭޕް އެތެރެކުރަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ބޯޑުގެ މެމްބަރުކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެކި ދާއިރާތަކުން ރައީސް މުއިއްޒަށް ލަފާއަރުވާ ބޯޑަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅު މާހިލް އައްޔަންކުރީ އޮގަސްޓް 12، 2024 ގަ އެވެ.
ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދެއްވިއިރު، ރާއްޖެ އަށް އޭނާ ވަގަށް ވޭޕް އެތެރެ ކުރަން އުޅުނު ކަން ކަސްޓަމްސް އަށް ފަޅާއަރައި، އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއަކާ އެކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެހެންވެ، ޔޫތު އެޑްވައިޒަރީ ބޯޑުން ވަކިކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.
މާހިލް ރާއްޖެ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކް އެވެ. އޭނާއާ އެކު، އެހެން މީހަކު ވެސް 107 ވޭޕް ސްޓިކް އެތެރެކުރަން އުޅުނުކަން ފަޅާއަރައިގެން ކަސްޓަމްސް އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
މީހުންގެ ތަފުސީލް ކަސްޓަމްސްގެ މީޑިއާ އިން ނުދިން ނަމަވެސް ރާއްޖެ އަށް ވޭޕް އެތެރެކުރަން އުޅުނު މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެ މީހަކު ހިފެހެއްޓިކަން ކަސްޓަމްސް އިން ކަށަވަރު ކޮށްދީފައި ވެ އެވެ. އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލި އެވެ. އެކަމަކު، ސްމަގްލިން އަށް ފެތޭތޯ ބަލައި، ދައުވާ ކުރާ ނަމަ އެކަމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ކަސްޓަމްސް އިން އޭރު ބުންޏެވެ.
މާހިލް ވޭޕް އެތެރެކުރަން އުޅުނީ "ގައިގައި ބަނދެގެން" އަދި ވަޒީފާ އަދާކުރައްވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމަށް ބުނެ ބައެއް މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާތީ ޝަހީމް އެކަން ދޮގުކުރެއްވި އެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާ އަދަދު 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެ އަށް ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
ޖެނެރޭޝަނަލް ބޭންގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟
ދުންފަތުގެ ގަވާއިދު ރައީސް އޮފީހުގައި "ތާށިވެއްޖެ"!
ވަކި ސިނގިރެޓް ނުވިއްކޭ ގަވާއިދު ލަސްވާތީ ކަންބޮޑުވުން
ދުންފަތުގެ އިންޒާރެއް! މި ފަހަރު އޮފީސްތަކަށް
ވޭޕް އެތެރެކޮށްގެން ޝަހީމްގެ ދަރިފުޅު ޖޫރިމަނާ!
ހިޔާ ފްލެޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ
ދުންފަތް ވިއްކަން 200 އަށް ވުރެ ގިނަ ލައިސެންސް
ޔުމްނު މައްސަލަ:ރިޔާސީ ކޮމިޝަން އުވާލައްވައިފި