Roadha Mihaaru
ދުންފަތުގެ ގަވާއިދު ރައީސް އޮފީހުގައި "ތާށިވެއްޖެ"!

ދުންފަތުގެ ގަވާއިދު ރައީސް އޮފީހުގައި "ތާށިވެއްޖެ"!

05 ނޮވެމްބަރ 2017

ދުންފަތުގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް އެކުލަވައިލި ގަވާއިދު ރައީސް އޮފީހުގައި "ތާށިވެއްޖެ" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުންފަތުގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް އެކުލަވައިލި ގަވާއިދު ރައީސް އޮފީހުގައި "ތާށިވެއްޖެ" އެވެ.

ދުންފަތް ކޮންޓްރޯލް ކުރަަން ކުރާ މަސައްކަތުގެ ދަށުން "ދުންފަތުގެ ބާވަތްތައް ޕެކޭޖްކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި ގަވާއިދެއް ހަދައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް އޮފީހަށް ފޮނުވީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާ އެކު އެވެ. އެކަމަކު ދެ މަސްވިއިރު ވެސް ގަވާއިދު އާއްމެއް ނުކުރި އެވެ.

ދުންފަތް ކޮންޓްރޯލް ކުރަން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާވާގޮތަށް ހެދި ގަވާއިދު ގެޒެޓްކުރުން ލަސްވަމުންދާތީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ގަވާއިދު ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން ރައީސް އޮފީހުން އަދި ކޮމެންޓެއް ނުލިބެ އެވެ.

މީގެކުރިން، ދުންފަތުގެ އިސްތިއުމާލްކުރުން މަނާކުރާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވުމުން ވެސް "ޕާކުކޮށްފައި" އެތައް ދުވަހަކު ބޭއްވި އެވެ. އެ ގަވާއިދު ވެސް ގެޒެޓްކުރީ، ސިއްހީ ދާއިރާ އިން އެތައް "އާދޭހެއް" ކޮށްގެންނެވެ.

އެ ގަވާއިދާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިދިޔަ ހަފުތާގައި ވިދާޅުވީ ގަވާއިދު ގެޒެޓްކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވާ ސިއްހީ ދާއިރާގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގަވާއިދު ގެޒެޓްނުކޮށް ލަސްވާ ކޮންމެ ދުވަހަކީ ވެސް އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެންދާ ދުވަހެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުންފަތާ ގުޅުން ހުރި ބަލިތަކުގައި މީހުން މަރުވާ ރޭޓު ދުވަހެއް ދުވަހަކަށް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި، ދުންފަތާ ހެދި ރާއްޖެ އިން އަހަރެއްގެ މައްޗަށް 350 މީހުން މަރުވެ އެވެ.

"މިއީ ސީރިއަސް އަދަދެއް. މި އަދަދުން ބަލާކަމަށްވާނަމަ ދުންފަތާ ހެދި ދުވާލަކަށް މީހަކު މަރުވޭ،" އެޗްޕީއޭގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. އާ ގަވާއިދުގައިވާ ގޮތުން ސިނގިރެޓް ފޮށިތަކާއި އެ ނޫން ވެސް ދުންފަތާ ގުޅުން ހުރި ބާވަތްތަކުގައި ހިމެނޭ އިންޒާރުގެ މަންޒަރުތައް ހިމެނޭ މެސެޖްތައް މިހާރަށް ވުރެ ގިނަ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ އެ މެސެޖުތަކުގައި ދުންފަތުގެ ގެއްލުން މިހާރަށް ވުރެން ބޮޑަށް ކިޔައިދީ އޭގެން ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލު ގޮތެއްގައި ހިމަނަން ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތަކުން ވެސް ވަކިން ސިނގިރެޓް ނުވިއްކޭނެ އެވެ. އެ ގަވާއިދުގައިވާ ގޮތުން ފިހާރަތަކުން ވެސް ވިއްކަން ޖެހޭނީ މަދުވެގެން ފޮއްޓެކެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައް ވެސް 30 ގްރާމަށް ވުރެން މަދުން ނުވިއްކޭނެ އެވެ.

މިއީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ. ދުންފަތުގެ ގެއްލުމާއި އޭގެއިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ބޮޑަށް އެނގޭ ގޮތަކަށް މަންޒަރާ އެކު ވިއްކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާތަކުން ވެސް ބާރު އަޅަ އެވެ. ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ދުންފަތުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި ރާއްޖެ އަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ އިސްރާފު ކުރާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.