19 ޖޫން 2017
ނުހުއްޓައި މާލެ ވަށައި 24 ގަޑި އިރު ދުވަން އަހުމަދު އާތިފް ނުކުތީ ދުންފަތުގެ ދެވިން ސަލާމަތްވެގެންނެވެ. ގާތްގަނޑަކަށް 15 އަހަރު ވަންދެން ސިނގިރޭޓް ބޮއެފައި އެކަން ހުއްޓާލިތާ އެއް އަހަރު ފަހުން ކާމިޔާބުކުރި އެ ޗެލެންޖަށް ވުރެ މާ އުނދަގޫ، ދުނިޔޭގެ ފެންވަރުގެ ދުވުންތައް މިދިޔަ ދޮޅު އަހަރު ތެރޭ އޭނާ ފުރިހަމަކޮށްފި އެވެ. މިހާރު ރާއްޖެ ވަށައި ފަލި ޖެހުމުގެ ދަތުރަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ އާތިފްގެ ދިރިއުޅުން، ދުންފަތާ ނުލައި، މާ ބޮޑަށް ވެސް ރަނގަޅުކަން މި ފެންނަނީ އެވެ.
ނުހުއްޓައި މާލެ ވަށައި 24 ގަޑި އިރު ދުވަން އަހުމަދު އާތިފް ނުކުތީ ދުންފަތުގެ ދެވިން ސަލާމަތްވެގެންނެވެ. ގާތްގަނޑަކަށް 15 އަހަރު ވަންދެން ސިނގިރޭޓް ބޮއެފައި އެކަން ހުއްޓާލިތާ އެއް އަހަރު ފަހުން ކާމިޔާބުކުރި އެ ޗެލެންޖަށް ވުރެ މާ އުނދަގޫ، ދުނިޔޭގެ ފެންވަރުގެ ދުވުންތައް މިދިޔަ ދޮޅު އަހަރު ތެރޭ އޭނާ ފުރިހަމަކޮށްފި އެވެ. މިހާރު ރާއްޖެ ވަށައި ފަލި ޖެހުމުގެ ދަތުރަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ އާތިފްގެ ދިރިއުޅުން، ދުންފަތާ ނުލައި، މާ ބޮޑަށް ވެސް ރަނގަޅުކަން މި ފެންނަނީ އެވެ.
ހަމައެކަނި އެތުލީޓެއްގެ ގޮތަކުންނެއް ނޫނެވެ. ވަޒީފާގައި ވެސް އާތިފް، 34، ވަނީ ސިނގިރޭޓް ބުއިން ހުއްޓާލައިގެން މުޅިން އެހެން ހިސާބަކަށް ގޮސްފަ އެވެ. އޭނާގެ ދިރިއުޅުމަށް އައި ފުރަތަމަ ބޮޑު ބަދަލަކީ ނިދި ހަމައަކަށް އެޅުމާއި އެއިން ލިބުނު ފައިދާ އެވެ. ދެން، މަސައްކަތަށް ދޭ ވަގުތާއި ސަމާލުކަން އިތުރުވާން ލިބުނު ފުރުސަތެވެ.
"ހުއްޓާލީމަ ރޭގަނޑު ނިދަން ވަރަށް ފަސޭހަ. ދެން ހޭލާ އިރު ވަރަށް ތާޒާވެ، އަރާމުވެފައި ހުންނަނީ. ހުއްޓާލުމުގެ ކުރީގައި އެ ގޮތަކަށް ނުވޭ. ދެވަނަ ކަމަކަށް، ސިނގިރޭޓު ބޯލަން އޮފީހުން ބޭރަށް އިރުއިރުކޮޅާ ގޮސް، އެކަމަށް ވަރަށް ވަގުތު ހޭދަވޭ. ހުއްޓާލީމަ އެ ބައި ވަރަށް ބޮޑަށް ކެނޑިގެން ދިޔަ. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ،" ޕޮލިސް ސުޕްރިންޓެންޑެންޓް އާތިފް ކިޔައިދިނެވެ.
"ނިކޮޓިން އަކީ ދެވިހިފާ އެއްޗެއް. އެހެންވީމާ ސިނގިރޭޓް ބޯ މީހާ އަބަދުވެސް އުޅޭނީ އޭގެ ތެރޭގައި. އިރުއިރުކޮޅާ އޭނަގެ ސިކުނޑީގައި ކޮއްޓާނެ، ނިކޮޓިން ލެވެލްސް ދަށްވީމަ، އަނެއްކާ ބޯންވީއޭ. އެހެންވީމާ ކޮންސެންޓްރޭޓް ކުރަން ވެސް އުނދަގޫވާނެ، ސިނގިރޭޓް ނުބޯ މީހުންނާ އަޅާކިޔާ އިރު. ޕަފޯމެންސް ދަށްވަނީ މިހެންވެ. ކިޔެވުން ވިޔަސް، މަސައްކަތުގައި ވިޔަސް."
މީހާގެ އުފެއްދުންތެރިކަމާއި ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާކަން ބައެއް ދިރާސާތަކުން ހާމަކޮށްދީފައިވެ އެވެ. އެފަދަ އެއް ހޯދުމަކުން އެނގޭ ގޮތުގައި އެކަމުގެ ސިއްހީ އަދި މާލީ އަގު އަދާކުރަން ޖެހެނީ ސިނގިރޭޓް ބޯ މީހާ އެކަންޏެއް ނޫނެވެ. ވަޒީފާ އަދާކުރާ ތަނަށް ވެސް އޭގެ އަސަރު ފޯރަ އެވެ.
"އެސްޓިމޭޓިން ދަ ކޮސްޓް އޮފް އަ ސްމޯކިން އެމްޕްލޯޔީ"ގެ ނަމުގައި އެމެރިކާގެ އޮހަޔޯ ސްޓޭޓް ޔުނިވާސިޓީ އިން 2013 ވަނަ އަހަރު ހެދި ދިރާސާއެއްގައި، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނާ އަޅާބަލާ އިރު، ދުންފަތުގެ އިސްތިއުމާލުކުރާ މުވައްޒަފުންގެ ސަބަބުން އެމެރިކާގެ ޕްރައިވެޓް އެމްޕްލޯޔަރުންނަށް ލިބޭ ގެއްލުން, ފައިސާ އިން އަގުކޮށްފައިވެ އެވެ. އެ ދިރާސާ އިން އެނގުނު ގޮތުގައި އެ އަދަދު އަހަރަކު ބޮލަކަށް ގާތްގަނޑަކަށް 6،000 ޑޮލަރަށް އަރަ އެވެ. މާނައަކީ، ސިނގިރޭޓް ބޯ މީހަކަށް ވަޒީފާ ދިނުމަކީ، ވަޒީފާ ދޭ ފަރާތަށް އަހަރަކު ހަ ހާހެއްހާ ޑޮލަރު ގެއްލޭ ކަމެއް ކަމެވެ.
އެމެރިކާގައި މަހަކު އެވްރެޖްކޮށް ލިބޭ އާމްދަނީ އަށް ބަލައިގެން އެ ގެއްލުން ގުނާފައިވަނީ ހަތަރު ކަމަކުންނެވެ. އެއީ ހާޒިރުނުވުން، ހާޒިރު ވިޔަސް އުފެއްދުންތެރިކަން ދަށްވުން، ސިނގިރޭޓް ބޯން ނަގާ ބްރޭކްތައް އަދި އެ މުވައްޒަފުންގެ ސިއްހީ ކަންކަމަށް ކުންފުނިން ކުރަން ޖެހޭ ޚަރަދު (އިންޝުއަރެންސް) އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭ ކަމަށް (އަހަރަކު ބޮލަކަށް 3،077 ޑޮލަރު) ފާހަގަކުރެވެނީ ސިނގިރޭޓް ބޯން ނަގާ ބްރޭކްތަކުގެ ސަބަބުންނެވެ.
މި ގޮތަށް ރާއްޖޭގެ ހާލަތު އެނގޭނެ ދިރާސާއެއް ހަދާފައެއް ނެތެވެ. އެކަމަކު ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ނިސްބަތުން ގިނަ ގައުމެކެވެ. މިސާލަކަށް، މިދިޔަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީންކުރި ދިރާސާގައި އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބެލެނިވެރިންގެ 43 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. މިއީ، ދުންފަތް ކޮންޓްރޯލްކުރަން ވަކާލާތުކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގައި ވެސް ވަޒީފާ ދޭ ފަރާތްތަކުން ވިސްނަން ޖެހިފައިވާ ކަމެކެވެ.
"އެނގެން އެބަ އޮތް ރާއްޖޭގައި ސިނގިރޭޓް ބޯ ޒުވާނުން ގިނަކަން. އެހެންވީމާ މަސައްކަތު އާބާދީގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ވަރަށް ގިނަ އިން އުޅޭނެ. އެ މީހުންގެ ޕްރޮޑަކްޓިވިޓީ ދަށްވާ ސަބަބުތައް ބަލައިފިއްޔާ ފަހަރެއްގައި ހަމަ މި މަންޒަރު ފެނިގެން ދިޔުން އެކަށީގެންވޭ،" ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.
"މިސާލަކަށް، ސްމޯކް ބްރޭކްސް، ސަރުކާރުގައި ވެސް، ޕްރައިވެޓް ސެކްޓާގައި ވެސް ގިނަކަން ފާހަގަކުރެވޭ."
ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ވައިސް ޗެއާޕާސަން އަދި އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި އެކަން ހުއްޓާލާ މީހުންގެ ތަޖުރިބާތަކުން މި ހާލަތު ވަރަށް ރަނގަޅަށް ފެނެ އެވެ. އޮފީހަށް ގެއްލުން ލިބެނީ ބަލިވެގެން ހާޒިރު ނުވާތީ އެކަނި ނޫން ކަމާއި ހާޒިރުވިޔަސް ރަނގަޅަށް މަސައްކަތް ނުކުރެވުމާއި ސިނގިރޭޓް ބޯން އިރުއިރުކޮޅާ މަސައްކަތް ހުއްޓާލުން ފަދަ ސަބަބުތަކާ ވެސް ހެދިކަން އޭނާ ފާހަގަކުރައްވަ އެވެ.
"ސިނގިރޭޓް ބުއިން ހުއްޓާލަން އަންނަ މީހުން ވެސް އެ ވާހަކަ ދައްކާ. ތިމަންނަ ހުއްޓާލީމަ މިހާރު ސްޓްރެސް ވަރަށް ކުޑަވެއްޖެއޭ. އެއް މަސް ފަހުން ސްޓްރެސް ކުޑަވޭ. އޭގެ ފަހުން އެ މީހުންނަށް ވެސް ފާހަގަކުރެވޭ އަމިއްލަ ޕަފޯމެންސް ރަނގަޅުވާކަން،" ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ސިއްހީ ގޮތުން އިރުޝާދު ދެއްވައި އެހީތެރިވެވަޑައިގަންނަވަމުން ގެންދަވާ އަރޫނާ ވިދާޅުވި އެވެ.
"ނިކޮޓިން އަކީ ދެވިހިފާ އެއްޗެއް. އެހެންވީމާ ސިނގިރޭޓް ބޯ މީހާ އަބަދުވެސް އުޅޭނީ އޭގެ ތެރޭގައި. އިރުއިރުކޮޅާ އޭނަގެ ސިކުނޑީގައި ކޮއްޓާނެ، ނިކޮޓިން ލެވެލްސް ދަށްވީމަ، އަނެއްކާ ބޯންވީއޭ. އެހެންވީމާ ކޮންސެންޓްރޭޓް ކުރަން ވެސް އުނދަގޫވާނެ، ސިނގިރޭޓް ނުބޯ މީހުންނާ އަޅާކިޔާ އިރު. ޕަފޯމެންސް ދަށްވަނީ މިހެންވެ. ކިޔެވުން ވިޔަސް، މަސައްކަތުގައި ވިޔަސް."
މީހަކު ސިނގިރޭޓް ބޮނީ: ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ގިނަ ގައުމެއް.
އަރޫނާ ގަބޫލުކުރައްވާ ގޮތުގައި ސިނގިރޭޓް ބޯ މީހުންގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން، ވަޒީފާ ދޭ ފަރާތުން އަމިއްލަ އަށް މަސައްކަތްކުރަން ޖެހެ އެވެ. އެގޮތުން، ސިނގިރޭޓް ބޯން އުނދަގޫ މާހައުލެއް ގާއިމްކުރުމާއި ހުއްޓާލަން މުވައްޒަފުންނަށް އެހީތެރިވެދިނުން ފަދަ ކަންކަން ކުރެވިދާނެ އެވެ. ޒުވާނުންނަށް ކެރިއަރެއްގެ ބިންގާ ރަނގަޅަށް އަޅައިދިނުމަށްޓަކައި، އިންޓަވިއު މަރުހަލާގައި ނުވަތަ ވަޒީފާ ދޭ އިރު، އެ މީހަކު ދުންފަތުގެ އިސްތިއުމާލުކުރޭތޯ ނޫންތޯ ބަލައި ވަޒީފާ އަށް ނުކުތުމުގެ ކުރިން ހުއްޓާލަން ހިތްވަރު ލިބޭ ކަހަލަ ފިޔަވަޅުތައް އެޅިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ސިއްހީ ޚިދުމަތް ދޭ ތަނަކަށް އެފަދަ ޒުވާނުން ފޮނުވައިގެން އެހީތެރިކަން ހޯދިދާނެ. މިހާރު ގާތްގަނޑަކަށް ހުރިހާ ބޮޑެތި ހެލްތު ފެސިލިޓީތަކެއްގައި ޑޮކްޓަރުން ނުވަތަ އެ ނޫން ވެސް ޕްރޮފެޝަނަލް މީހުންނަށް ކޮންމެވެސް ސިފައެއްގައ އެހީތެރިވެދެވެން އެބަހުރި،" ޑރ. އަރޫނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އޮފީހެއްގައި ނުވަތަ ވަޒީފާގައި އުޅޭ މީހުންގެ އުފެއްދުންތެރިކަން ދަށްވުމަކީ ޖުމްލަކޮށް މުޅި ގައުމުގެ އުފެއްދުންތެރިކަން ދަށްވާނެ ކަމެކެވެ. އެހެންކަމުން ދުންފަތަކީ ތަރައްގީ އަށް އޮތް ހުރަހެއްކަން މި ގޮތުން ބަލާ އިރު ވެސް އެނގޭ ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.
"މީހުންނަށް ހީވެފައި އޮންނަނީ މިފަދަ ކަންކަން ހައްލު ކުރަން ޖެހޭނީ ހަމައެކަނި ސަރުކާރުންނޭ. އެކަމަކު މި ދިރާސާ އިން ވެސް (އެމެރިކާގެ) އެބަ އެނގޭ، ޕްރައިވެޓް ސެކްޓާ އަށާއި ވިޔަފާރިތަކަށް ވެސް ވަރަށް ގިނަ ކަންކަން ކުރެވިދާނެ ކަން އަދި އެފަދަ ފިޔަވަޅުތަކުން އެ ފަރާތްތަކަށް މަންފާ ވެސް ލިބިގަނެވިދާނެ ކަން،" އޭނާ ވިދާޅުވި އެވެ.
ވަޒީފާ ދޭ ފަރާތްތަކަށް ކުރެވިދާނެ އެހެން ބައެއް ކަންކަން އަފްއާލް ފާހަގަކުރެއްވި އެވެ. ބައެއް ގައުމުތަކުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ އިރު ވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ހިތްވަރު ދިނުމުގެ ވިސްނުން ގެންގުޅެވިދާނެ އެވެ.
"މިސާލަކަށް، ގައުމު ތަރައްގީކުރަން، މީހުންގެ ސިއްހަތު ރަނގަޅުކުރުމުގެ ބޭނުމުގައި ބައެއް ތަންތަނުގައި އެބަ ހުރޭ ޕާފޯމެންސް އެޕްރެއިޒަލް އަށް ހެލްތު އިންޑިކޭޓާސް ލާފައި. މިސާލަކަށް، ބީއެމްއައި ހުންނަން ޖެހޭ ވަރަށް މެއިންޓެއިންކުރާ ކަމަށް ވަންޏާ ޕޮއިންޓް ލިބޭ ގޮތަށް. އެހެންވީމާ އެޕްރެއިޒަލްތައް ހަދާ އިރު، ވަޒީފާގައި ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ޕޮއިންޓް ދެވިދާނެ،" އަފްއާލް ފާހަގަކުރެއްވި އެވެ.
އާތިފްމެން ފަދަ ބައެއް މީހުން އެ ތިބީ އަމިއްލަ އަށް ވިސްނިގެން ދުންފަތުން ސަލާމަތްވެގެންނެވެ. އޭގެ ފައިދާ ކުޅިވަރުގަ އާއި މަސައްކަތުގައި ވެސް ވަރަށް ބޮޑު ކަމަށް އޭނާ ހެކިވެ އެވެ.
"ހެނދުނު ވަރަށް ލަހުން ހޭލައިގެން އަވަސް އަރުވާލައިގެން އޮފީހަށް ދިޔުމާއި ތަންކޮޅެއް ފަތިހާ ހަމަޖެހިލައިގެން ހޭލައިގެން، ކަސްރަތެއް ކޮށްލައިގެން ދިޔައިމަ ތަފާތު،" ސިނގިރޭޓް ބުއިން ހުއްޓާލުމުން ދިރިއުޅުމަށް އައި ހަމަޖެހުމުގެ ވާހަކަ ކިޔައިދެމުން އާތިފް ބުންޏެވެ.
"ލައިފްސްޓައިލްގެ ރޫޓިން ބަދަލުވީމަ، އެއިން ވަރަށް ބޮޑު ތަފާތެއް އާދޭ، ޕްރޮޑަކްޓިވިޓީ އަށް."
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
ޝީޝާ/ވޭޕާއެކު، ޒުވާނުންގެ ފުއްޕާމޭގެ މައްސަލަ ބޮޑުވަނީ
2008 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާ
އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް
ދެކުނު ކޮރެއާގައި ވެސް އީ-ސިނގިރެޓް މަނާކޮށްފާނެ
މިއީ ދުންފަތަށް ނޫނެކޭ ބުނާ ދުވަހަކަށް ހަދަމާ: ރައީސް