Roadha Mihaaru
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ

ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދޭން ރައީސްގެ އަރިހުގައި އެންސީޑީ އެލަޔަންސް އިން އެދިއްޖެ

12 ސެޕްޓެމްބަރ 2024

ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި، ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި، ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ.

ހަތް ޖަމިއްޔާއެއް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އެންސީޑީ އެލަޔަންސުން އެކަމަށް އެދުނީ ރައީސް މުއިއްޒަށް މިއަދު ފޮނުވި ހާއްސަ ސިޓީއެއްގަ އެވެ.

ރައީސަށް އެ ސިޓީ ފޮނުވުމަށް ފަހު، އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ވެސް ސިއްހަތަށް އެންމެ ބޮޑު ބުރައަކަށް ވެފައިވަނީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށް ވާއިރު، އޭގެ އެންމެ ބޮޑު ރިސްކަކީ ވެސް ދުންފަތާއި ދުންފަތުގެ ބާވަތްތައް ކަމަށެވެ.

ވޭޕް އަދި އީ-ސިނގިރޭޓަކީ ވެސް ދުންފަތުގެ ބާވަތެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާއިރު، މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރުން އިންތިހާ އަށް އިތުރުވެފައިވާތީ އެންސީޑީ އެލަޔަންސުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މި ދެ ބާވަތުގެ އުފެއްދުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ގިނަ ގުނަ އެވެ. މިގޮތުން، ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެ، ސިއްހީ ގޮތުން ނޭދެވޭ އެތަކެއް އަސަރުތަކެއް ވޭޕް އަދި އީ-ސިނގިރޭޓްގެ ސަބަބުން ހަށިގަނޑަށް ކުރަމުންދެ އެވެ،" ކެންސަ ސޮސައިޓީ އާއި ޑައިބެޓީސް ސޮސައިޓީ އާއި ޝީ އާއި ތެލެސީމިއާ ސޮސައިޓީ އާއި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަނާއި އެމްއޭޕީޑީ އަދި ޓައިނީ ހާޓްސް ގުޅިގެން އުފައްދާފައިވާ އެންސީޑީ އެލަޔަންސުން ބުންޏެވެ.

ރައީސް މުއިއްޒާއި ދައުލަތުގެ ބައެއް އިސްވެރިން: ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ގުޅިފައިވާ ޖަމިއްޔާތަކުން އެ މަނިކުފާނަށް މިއަދު ސިޓީއެއް ފޮނުވި.

ރައީސް މުއިއްޒާއި ދައުލަތުގެ ބައެއް އިސްވެރިން: ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ގުޅިފައިވާ ޖަމިއްޔާތަކުން އެ މަނިކުފާނަށް މިއަދު ސިޓީއެއް ފޮނުވި.

އެ ސަބަބުތަކާ ހެދި ރާއްޖޭގައި ވެސް ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާގުޅޭ ފަރާތްތަކުގައި ވަނީ އެދިފަ އެވެ.

"މިކަމުން ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވެ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު މަދުވެ އަދި ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެންސީޑީ އެލަޔަންސުން ފާހަގަކުރި ގޮތުގައި، ސިނގިރޭޓުގައި ހިމެނޭ ނިކޮޓިން ފަދަ ކެންސަރު އަދި ގައިންގަޔަށް ނާރާ ބަލިތަަށް މަގުފަހިކުރާ ކެމިކަލްތައް އީ-ސިނގިރޭޓް އަދި ވޭޕްގައި ހުރެ އެވެ.

އެމެރިކާގެ ކެންސަ ސޮސައިޓީގެ ދިރާސާއަކާ ހަވާލާދީ އެލަޔަންސުން ބުނީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ބަޔާން ކޮށްފައިވަ 15 ޕަސެންޓު މައްސަލަތަކުގެ ތެރޭގައި ވޭޕް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 30 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ދިރާސާއާ ހަވާލާދީ ބުންޏެވެ. އެ މީހުންނަށް ހަކުރު ބަލީގެ ސަބަބުން ދިމާވާ ކަންކަމުގެ އިތުރުން ކިޑްނީ ފެއިލްވުމާއި ސްޓްރޯކް ޖެހުމާއި ހިތުގެ ލޭ ހޮޅިތައް ބެދުން ފަދަ ކަންތައްތައް ދިމާވާ ކަމަށް ބުންޏެވެ.

ދާދި ފަހުން އިނގިރޭސި ވިލާތުގައި އިސް ޑޮކްޓަރުންގެ ޓީމަކުން ވެސް އެ ގައުމުގެ ސަރުކާރަށް ގޮވާލާފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އިނގިރޭސި ވިލާތުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ވޭޕާ ދެކޮޅަށް ވެސް އެޅުމަށެވެ. ހާއްސަކޮށް ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް، ޑިސްޕޮސަބުލް އީސިގިރެޓާއި އޭގެ ފްލޭވާތައް މަނާކުރުމަށް ޑޮކްޓަރުންގެ ހާއްސަ ޓީމުން ގޮވައިލި އެވެ.

ވޭޕް މަނާކޮށްދިނުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ހުށަހެޅިއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ ޖުލައި މަހު ފަހުކޮޅު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 50 ގައުމެއްގައި މިހާރު ވެސް ވޭޕް މަނާކޮށްފައިވާ ކަމަށެވެ. މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ހަތް ގައުމަކުން ވޭޕް ބޭން ކޮށްފައިވާ ކަމަށާއި ރާއްޖެއަށް ވެސް އެ ބާވަތް އެތެރެކުރުން މަނާކުރަން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.

މިކަމުން ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވެ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު މަދުވެ އަދި ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ،"--- އެންސީޑީ އެލަޔަންސް

އެ ގައުމުގެ ތެރޭގައި އިންޑިއާ އަދި ތައިލެންޑު ފަދަ ގައުމުތައް ހިމެނެ އެވެ.

"މި ސަރުކާރުން އެ ޑިސިޝަން ނަގަން ތައްޔާރުވަމުން ދަނީ. އަޅުގަނޑުގެ ޕާސަނަލް ވިސްނުމަކީ ވޭޕް ބޭން ކުރަންޖެހެއޭ. އެކަމަކު، އެ ޑިސިޝަން ނަގާނީ ރާއްޖޭގެ ކެބިނެޓުން. އަޅުގަނޑު ހުށަހަޅާނަން އިރާދަކުރެއްވިއްޔާ އެ ޑިސިޝަން ނެގުމަށްޓަކައި،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ވޭޕް މަނާކުރުމަށް ހޯމް މިނިސްޓްރީން އިސްނަގަނީ ވޭޕް ކާޓްރިޖްގެ ތެރެއަށް ޑްރަގް އަޅައިގެން ބޭނުންކުރާތީ އެވެ. އެކަމުގެ ތެރެއަށް ކުޑަކުދިން ރެކްރޫޓް ކުރަން ފުރުސަތުގައި ލިބޭ ކަމަށާއި މިހާރު ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަންތަކުގައި ވޭޕް ސްޓިކްގައި ޑްރަގް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.