Roadha Mihaaru
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!

މެއި 31 އިން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ!

31 ޖެނުއަރީ 2019

އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެކުލަވައިލި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގައިވާ ގޮތުން ގަވައިދުގެ މަގްސަދަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ބޮޑު މީހުންނަށް ލިބޭނެ ގެއްލުން އަންގައިދީ ދުންފަތް ގަނެ ވިއްކުމުގައި އެމީހުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލާޒިމްކުރުމެވެ.

ގަވައިދުގައިވާ ގޮތުން ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމެނޭ އިންޒާރުގެ ނޯޓިސް ޖެހުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅަން ޖެހެ އެވެ.

ދުންފަތުގެ އިސްތިއުމާލް ކުރަން އަލަށް ފަށާ މީހުންގެ އަދަދު މަދު ކުރުމަކީ ސަރުކާރުގެ ބޭނުމެކެވެ.

ގަވައިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކް ކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. އަދި ބިޑި އުފެއްދުމަށް ބޭނުންވާ ގޮށި ހަދަން ވާނީ އެއްވެސް އެއްޗެއް ޗާޕްކޮށްފައި ނުވާ ނުވަތަ ލިޔެފައި ނުވާ ކަރުދާހެއްގައި ކަމަށް ގަވައިދުގައިވެ އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު ރައީސް މިއަދު އިފްތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު ރައީސް މިއަދު އިފްތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތުގެ އެހެން ބާވަތްތައް ޕެކެޓް ކުރަން ވާނީ ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި މަދުވެގެން 30 ގްރާމް ހިމެނޭ ގޮތަށް ކަމަށް ވެސް ގަވައިދުގައިވެ އެވެ. މި ކަންކަމާ ހިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި ވިއްކުމާއި ބަންދު ކުރުމަކީ ވެސް މަނާ ކަމެކެވެ.

ގަވައިދުގައި ބުނީ ދުންފަތުގެ އިސްތިއުމާލް ކުރަން ހިތްވަރު ލިބޭ ގޮތަށް ނުވަތަ އިޝްތިހާރު ވާނެ ގޮތަށް ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ޖަހައިގެން ނުވާނެ ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއްގައި ހަގީގަތް އޮޅޭ ގޮތަށް ލޭބަލްކޮށްގެން ނުވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ މެސެޖްތަކާއި ފޮޓޯ ޖަހާފައި ހުންނަން ވާނީ ފަސޭހަ އިން ފެންނަން ވާނެ ގޮތަކަށް ކަމަށާއި އިންޒާރުގެ މެސެޖާއި ފޮޓޯ މަތީގައި އެހެން ނަމެއް، ނުވަތަ ލޯގޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ލިޔުން ފަދަ އެއްޗެއް ހުރެގެން ނުވާނެ ކަމަށް ގަވައިދުގައިވެ އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް އިސްބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް އިސްބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކުރި ގަވައިދުގައިވާ ގޮތުން، އެ ގަވައިދުގައި ހުރި ކަންކަމާ ހިލާފުވާ ނަމަ، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5000ރ.، ތިން ވަނަ ފަހަރަށް، 10،000ރ. އަދި ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ގަވައިދުގައި ވަނީ ޖޫރިމަނާގެ އިތުރުން ދުންފަތް މުއާމަލާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުމާއި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންކަން ހިފެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، މައްސަލަ ކޯޓަށް ހުށަހެޅޭނެ އެވެ.