Roadha Mihaaru
"ހީކުރި ވަރަށް ވުރެ އަވަހަށް އިގްތިސާދު ރަނގަޅުވޭ"

އިގްތިސާދު ރަނގަޅުވަނީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް: ސަރުކާރު

31 މާޗް 2021

ކޮވިޑް-19 އާ ގުޅިގެން އަޑިއަޅާލާފައިވާ އިގްތިސާދު އަލުން ރަނގަޅުވާނެ ކަމަށް ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ އަވަހަށް މިއަހަރު ބަދަލު އަންނަން ފަށާފައިވާ ކަމަށާއި ދެވަނަ ކުއާޓަރު ތެރޭގައި އިގްތިސާދު ކުރިއަރާތަން ފެންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އާ ގުޅިގެން އަޑިއަޅާލާފައިވާ އިގްތިސާދު އަލުން ރަނގަޅުވާނެ ކަމަށް ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ އަވަހަށް މިއަހަރު ބަދަލު އަންނަން ފަށާފައިވާ ކަމަށާއި ދެވަނަ ކުއާޓަރު ތެރޭގައި އިގްތިސާދު ކުރިއަރާތަން ފެންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ މީގެ ކުރިން ދުވަހަކު ވެސް ތަހަންމަލު ކުރަން ނުޖެހޭ ވަރުގެ ދަތި އުނދަގޫ ގޮތަކަށް ކަމަށާއި ގްރޯތު ރޭޓް 26 އާއި 29 ޕަސަންޓާ ދޭތެރޭގެ އަދަދަކަށް ދަށަށް ދިޔަ ކަމަށެވެ.

މި އަހަރު ވެސް އިގްތިސާދަށް މާ ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ކުރިން ހީކޮށްފައި ނުވާ ކަމަށާއި އޭރު އަންދާޒާ ކުރީ މި އަހަރު ތެރޭގައި ރާއްޖޭގެ ގްރޯތު 13 ޕަސަންޓުގައި ހުންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ނަމަވެސް މި އަހަރު އިގްތިސާދު ކުރިއެރީ ކުރިން އަންދާޒާ ކޮށްފައި އޮތް ގޮތާ ވަރަށް ތަފާތުކޮށް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މިއަދު އިގްތިސާދީ ހާލަތު އޭރު އަންދާޒާ ކުރެވުނު ގޮތާ ތަފާތު. ކުއާޓާ އެކެއް ނިންމާލިއިރު އަޅުގަނޑުމެން މިތިބީ ފާސްޓް ޕޭސް ރިކަވަރީއެއްގައި -- މަބްރޫކް

މަބްރޫކް ވިދާޅުވި ގޮތުގައި އިގްތިސާދު އަލުން ކޮޅަށް ތެދުވަން ފަސޭހަވި ސަބަބަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެނދުގެ 85 ޕަސަންޓަށް ވުރެ މަތިން މިހާރު ހުޅުވި ހިދުމަތް ދޭން ފަށާފައިވުމެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 90،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރިއިރު ފެބްރުއަރީ މަހުގައި އެ އަށް ވުރެ ގިނައިން ޓޫރިސްޓުން އައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މި މަސް ނިންމާލަނީ ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ދަތުރު ކުރުމަށް ފަހުގައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"މިހާރުގެ އާ އަންދާޒާއަކީ ދެވަނަ ކުއާޓާ ނިމޭއިރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުންތައް ފެންނަން ފަށާނެ،" މަބްރޫކް ވިދާޅުވި އެވެ.

އިގްތިސާދު އަވަހަށް ރަނގަޅުވާން ފެށި ކަމަށް މަބްރޫކް ވިދާޅުވިއިރު، ރާއްޖޭގެ ޓޫރިޒަމް މާކެޓް ޝެއާގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރާ ޔޫރަޕް އަދި ޗައިނާގެ މާކެޓުތައް ހުރީ ރަނގަޅަށް ނުހުޅުވި އެވެ.

ނަމަވެސް ގައުމުތައް ހުޅުވި، ރާއްޖޭގައި ދެވަނަ ޑޯޒް ވެކްސިން ދީ އަދި އިގްތިސާދީ ބަދަލުތައް އަންނަން ފެށުމާއެކީ ރާއްޖެއަށް އިތުރު ކުރި އެރުންތަކެއް އަންނާނެ ސަބަބެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ މިހާރުގެ އަންދާޒާއަކީ އަހަރު ނިމޭއިރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައުން ކަމަށެވެ.