Roadha Mihaaru
43 އަހަރުގެ ބުފޮން އަންނަ ސީޒަނުގައި ވެސް ކުޅޭނެ

އުމުރުން 43 އަހަރުގެ ބުފޮން އަންނަ ސީޒަނުގައި ވެސް ކުޅޭނެ

19 މާޗް 2021

ޓިއުރިން (މާޗް 19) - އުމުރުން 43 އަހަރުގެ އިޓަލީގެ މަޝްހޫރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން އަންނަ ސީޒަނުގައި ވެސް ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެން ނިންމާފައިވާ ކަމަށް އިޓަލީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޓިއުރިން (މާޗް 19) - އުމުރުން 43 އަހަރުގެ އިޓަލީގެ މަޝްހޫރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން އަންނަ ސީޒަނުގައި ވެސް ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެން ނިންމާފައިވާ ކަމަށް އިޓަލީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ގާއިމްކޮށްފައިވާ ބުފޮން އަންނަ ސީޒަނުގައި ކުޅޭނެ ވަކި ޓީމެއް ނުނިންމަ އެވެ. މި ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ބުފޮން އަށް އިޓަލީގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުން އަދި އެމެރިކާ ލީގުގެ ކްލަބްތަކުން ވެސް ރަނގަޅު އޮފާތަކެއް ވަނީ ލިބިފަ އެވެ.

ޔުވެންޓަސްއާ އެކު ބުފޮން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތުން ބުފޮން ކުޅުން ކުރިއަށްގެންދަން ވިސްނާނަމަ އިތުރު އެއް އަހަރު އާ ކުރުމުގެ އިހުތިޔާރު ޔުވެންޓަސް އަށް އޮވެ އެވެ.

އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށްވާ ގަޒެއްޓާ ޑެލޯ ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީއާ އެކު ބުފޮން ބައްދަލުވުމެއް ބާއްވާނެ އެވެ. އެ ބައްދަލުވުމުގައި ކުޅުމުގެ ފުރުސަތު ލިބޭ ޓީމަކަށް ބަދަލުވާން ބޭނުންކަން ރަސްމީކޮށް ބުފޮން އަންގާނެ އެވެ.

ބުފޮންގެ ގާތް ފަރާތްތަކާ ހަވާލާދީ އިޓަލީގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބުފޮން ކުޅުން ހުއްޓާލަން ބޭނުންވަނީ ޓީމެއްގެ އެއް ވަނަ ކީޕަރެއްގެ ގޮތުގައި ހުރެ އެވެ. ބުފޮން މި ވަގުތު ހުރީ ޔުވެންޓަސްގެ ދެ ވަނަ ކީޕަރެއްގެ ގޮތުގަ އެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ވަނީ އެ ޓީމާ އެކު އިޓާލިއަން ކަޕާއި ޔުއެފާ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ދުނިޔޭގެ ރެކޯޑް އަގެއްގައި 2001 ގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ފްރާންސްގެ ޕީއެސްޖީ އަށް 2018-2019 ވަނަ ސީޒަނުގައި ކުޅުމަށް ފަހު ބުފޮން އަލުން ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޔުވެންޓަސްއާ އެކު ބުފޮންގެ އެންމެ ބޮޑު އަމާޒަކަށްވީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. އެކަމަކު އެ ޓީމުގައި ހުރެ އެކަން ހާސިލްކުރެވޭ ގޮތެއްނުވި އެވެ.