05 ޖުލައި 2020
ޓިއުރިން (ޖުލައި 5) – އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގާއިމްކުރި މެޗުން ޓޮރިނޯ 4-1 އިން ބަލިކޮށް ޔުވެންޓަސް އިން ލީގުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޓިއުރިން (ޖުލައި 5) – އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގާއިމްކުރި މެޗުން ޓޮރިނޯ 4-1 އިން ބަލިކޮށް ޔުވެންޓަސް އިން ލީގުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޔުވެންޓަސްގެ ލީޑު ހަނިކުރަން، ދެ ވަނައިގައި އޮތް ލާޒިއޯ އަށް ފުރުސަތު ގެއްލުނީ ރޭ އޭސީ މިލާން އަތުން 3-0 އިން ބަލިވުމުންނެވެ. މިއީ މި ސީޒަނުގެ ލީގުގައި ލާޒިއޯ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. ޔުވެންޓަސް އިން 30 މެޗުން 75 ޕޮއިންޓް ހަމަކޮށްފައިވާއިރު، ދެ ވަނައިގައި ލާޒިއޯ އަށް ލިބިފައިވަނީ 30 މެޗުން 68 ޕޮއިންޓެވެ. ބާކީ އަށް މެޗު އޮއްވާ، ހަތް ޕޮއިންޓުގެ ލީޑެއް ލިބުމާ އެކު ޔުވެންޓަސް އަށް މިވަނީ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފަ އެވެ.
ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) އަތުން ބޯޅަ ހޯދަން ޓޮރިނޯގެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ބުފޮން މުގުރާލީ 648 މެޗުންނެވެ. ބުފޮންގެ ކުރިން ރެކޯޑުގެ މިލްކުވެރިޔަކީ، 647 މެޗު ކުޅެގެން މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އެވެ. ބުފޮން 2018 ވަނަ އަހަރު ޔުވެންޓަސް ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވުމާ އެކު ރެކޯޑް ހެދުމުގެ ފުރުސަތު ގެއްލުނީ ކަމަށް ބެލެވުނު ނަމަވެސް، އެއް ސީޒަނަށް ފަހު ޔުވެންޓަސް އަށް އަނބުރީ އައީ އެވެ. އަދި އުމުރުން 42 އަހަރުގެ ކުޅުންތެރިޔާ ވަނީ އަންނަ ސީޒަނުގައި ވެސް މަޑުކުރަން ނިންމައިފަ އެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ދެ ގޯލް ޖެހީ ޕައޮލޯ ޑީބަލާ އާއި ހުއާން ކުއަޑްރާޑޯ އެވެ. އޭގެ ފަހުން ޓޮރިނޯގެ އަންދްރޭ ބެލޮއްޓީ ޕެނަލްޓީއަކުން ތަފާތު ކުޑަކޮށްފައިވަނިކޮށް ޔުވެންޓަސް އަށް ތަފާތު ބޮޑުކޮށްދިނީ ހިލޭޖެހުމަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފަހު ގޯލަކީ ޓޮރިނޯގެ ކޯފީ ޖިޑްޖީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ ތެރެއިން ރޮނާލްޑޯގެ ގޯލަކީ އޭނާ ޔުވެންޓަސްގެ ޖާޒީގައި ހިލޭ ޖެހުމަކުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އަދި މި ސީޒަނުގެ ލީގުގައި 25 ގޯލް ހަމަކޮށް އޭނާ ވަނީ އެ އަދަދަށް އިޓާލިއަން ލީގާއި ސްޕެނިޝް ލީގާއި ޕްރިމިއާ ލީގުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށް ވެފަ އެވެ.
އޭސީ މިލާނުގެ ޒަލަޓާން އިބްރަހިމޮވިޗް (ވ) އަތުން ބޯޅަ ހޯދަން ލާޒިއޯގެ މެނުއަލް ލައްޒާރީ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ރޭ ލާޒިއޯ އަތުން މޮޅުވި މިލާން އޮތީ 30 މެޗުން 46 ޕޮއިންޓް ހޯދައި ހަ ވަނައިގަ އެވެ. އެ ޓީމުގެ ޓާގެޓަކީ، ފަސް ވަނަ އަށް އަރައި ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެކެވެ. ތާވަލުގެ ފަސް ވަނައިގައި އޮތީ 29 މެޗުން 48 ޕޮއިންޓް ހޯދާފައިވާ ރޯމާ އެވެ. އަދި މިލާނުގެ ފަހަތުން ހަތް ވަނައިގައި އޮތީ 29 މެޗުން 45 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ. މިރޭ އޮންނާނީ ރޯމާ އާއި ނަޕޯލީގެ މެެޗެވެ.
ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި މިލާނަށް ގޯލް ޖަހައިދިނީ ހަކާން ޗަނައޮގްލޫ އާއި ޕެނަލްޓީއަކުން ޒަލަޓާން އިބްރަހިމޮވިޗް އަދި އަންޓެ ރެބިޗެވެ. ކޮވިޑް-19 އަށް ފަހު ލީގު އަލުން ފެށި ފަހުން މިލާން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އަދި އެއް މެޗުން އެއްވަރުވީ އެވެ.
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޔުވެންޓަސް، އިންޓަ އަދި މިލާން އެއްވަރު
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ޔުވެންޓަސް ލީޑު ދަމަހައްޓައިފި
ލާޒިއޯ ބަލިވެއްޖެ، ޔުވެންޓަސް އަށް ހިތްހަމަޖެހުން
ޔުވެންޓަސް އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
ބުފޮންގެ އެހީއާ އެކު ޔުވެންޓަސް އަށް މޮޅެއް
ޔުވެންޓަސް ލީގާ ތިން ޕޮއިންޓް ގާތަށް