Roadha Mihaaru
ބުފޮން އަށް ބާސެލޯނާގެ ހުށަހެޅުމެއް ވެސް ލިބުނު

ބުފޮން އަށް ބާސެލޯނާގެ ހުށަހެޅުމެއް ވެސް ލިބުނު

28 އޯގަސްޓް 2019

ޓިއުރިން (އޮގަސްޓް 28) - އެންމެ ސީޒަނަކަށް ފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށްލައި އެނބުރި ޔުވެންޓަސް އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަދަލުވި ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ބާސެލޯނާގެ ހުށަހެޅުމެއް ވެސް ލިބުނު ކަމަށް އޭނާގެ އޭޖެންޓް ސިލްވާނޯ މާޓިނާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (އޮގަސްޓް 28) - އެންމެ ސީޒަނަކަށް ފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށްލައި އެނބުރި ޔުވެންޓަސް އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަދަލުވި ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ބާސެލޯނާގެ ހުށަހެޅުމެއް ވެސް ލިބުނު ކަމަށް އޭނާގެ އޭޖެންޓް ސިލްވާނޯ މާޓިނާ ބުނެފި އެވެ.

އުމުރުން 41 އަހަރުގެ ބުފޮން އަލުން ޔުވެންޓަސް އަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިޓަލީގެ ޔުވެންޓަސް އަށް 17 އަހަރު ކުޅުމަށް ފަހު މިދިޔަ އަހަރު އެ ކްލަބާ ވަކިވުމުން ބެލެވުނީ ބުފޮން ރިޓަޔާކުރާނެ ކަމަށެވެ. އެކަމަކު އޭނާ ވަނީ މިދިޔަ އަހަރު ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވެދީފަ އެވެ. ޕީއެސްޖީން ކޮންޓްރެކްޓެއް ހުށަހެޅި ނަމަވެސް ބުފޮން އަލުން ޔުވެންޓްސް އަށް ބަދަލުވާން ނިންމީ އެވެ.

މާޓިނާ ބުނީ ޔުވެންޓަސްގެ އިތުރުން އެހެން ކްލަބްތަކުން ވެސް ބުފޮން ގެންދަން ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި ބާސެލޯނާ ވެސް ހިމެނޭ ކަމަށެވެ.

"އަހަރެމެން ޕޯޓޯއާ ވެސް މަޝްވަރާކުރިން. އަދި ބްރެޒިލްގެ ބައެއް ކްލަބްތަކާ ވެސް ވާހަކަ ދެކެވުނު. ބާސެލޯނާ ވެސް. އެކަމަކު މިހާރު ހާލަތު އޮތްގޮތުން ބުފޮން އަށް ބާސެލޯނާ އަށް ގޮސްގެން ވަކި ކުރިއަށް ދެވޭނެ ކަމަށް ގަބޫލެއްނުކުރެވޭ. ޔުވެންޓަސް އަކީ ވެސް ބާސެލޯނާ ކަހަލަ ވަރުގަދަ ކްލަބެއް. އަނެއްކޮޅުން ޔުވެންޓަސް އަކީ ބުފޮންގެ ފޭވަރިޓް ކްލަބް. އެހެންވެ އާއިލާއާ މަޝްވަރާކޮށް ހުރިހާ ގޮތެއް ބަލާފައި އަލުން ޔުވެންޓަސް އަށް އައީ،" މާޓިނާ ބުންޏެވެ.

"ބުފޮން ކަހަލަ އެތުލީޓަކު، އަންނަ ޖެނުއަރީގައި 42 އަހަރުވާއިރު ބޭނުންވަނީ އޭނާ އަށް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޓީމެއްގައި ހުންނަން."

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ އެ ޓީމުގެ ނެދަލެންޑްސް ކީޕަރު ޔެސްޕާ ސިލިސަން ވެލެންސިއާ އަށް ވިއްކާލުމަށް ފަހު އެ ޓީމަށް ކުޅެމުން އައި ބްރެޒިލްގެ ކީޕަރު ނެޓޯ ގަނެފަ އެވެ. ބާސެލޯނާގެ އެއް ވަނަ ކީޕަރަކީ ޖަރުމަނުގެ މާކް އަންދްރޭ ޓާ ސްޓެގެން އެވެެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ވަނީ އެ ޓީމާ އެކު އިޓާލިއަން ކަޕާއި ޔުއެފާ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ދުނިޔޭގެ ރެކޯޑް އަގެއްގައި 2001 ގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު ކާމިޔާބުކުރި އެވެ. އެކަމަކު ޗެމްޕިއަންސް ލީގު އުފުލާލަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އަލުން ޔުވެންޓަސް އަށް ބުފޮން ދިއުމުގެ އެއް މަގުސަދަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.