Roadha Mihaaru
ބައްޕައަކަށް ވުމުން ދިރިއުޅުން ބަދަލުވެއްޖެ: ޒޭން

ބައްޕައަކަށް ވުމުން ދިރިއުޅުން ބަދަލުވެއްޖެ: ޒޭން މާލިކް

20 މާޗް 2021

ދަރިއަކު ލިބި ބައްޕައަކަށްވުމުން ހަޔާތަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމަށާއި މިހާރު އެންމެ ގަޔާވަނީ ދަރިފުޅާ އެކު ވަގުތު ހޭދަކުރަން ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިއަކު ލިބި ބައްޕައަކަށްވުމުން ހަޔާތަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމަށާއި މިހާރު އެންމެ ގަޔާވަނީ ދަރިފުޅާ އެކު ވަގުތު ހޭދަކުރަން ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް ބުނެފި އެވެ.

ކުރީގެ އިނގިރޭސި ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރު ބުނި ގޮތުގައި އަލަތު އަންހެން ދަރިފުޅު ލިބުނުތާ ފުރަތަމަކޮޅު އުނދަގޫތަކެއް ހުއްޓަސް މިހާރު ހުރިހާ ކަމެއް ހަމައަކަށްއެޅި ދިރިއުޅުން ވަރަށް އުފާވެރި އެވެ. އެމެރިކާގެ މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑާއި ޒޭން އަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ދަރިފުޅުގެ ނަމަކީ ޚާއީ އެވެ.

އެމެރިކާގެ ރޭޑިއޯ ޝޯ "ވެލަންޓައިން އިން ދަ މޯނިން" އަށް ދިން އިންޓަވިއުއެއްގައި ޒޭން ބުނީ ދަރިފުޅާ އެކު އެހާ އަވަހަށް "ލައިފް އެޖެސްޓްވާން" ފަސޭހަވީ ޖިޖީގެ ސަޕޯޓް ވެސް ވަރަށް ބޮޑުކަމުން ކަމަށެވެ.

"އަނެއްކާ ދަރިފުޅު ވެސް ވަރަށް ބަސްއަހާ. ރަނގަޅަށް ނިދުމާއި ބުއް ބުއިމާއި ކުޅުމާއި މިކަހަލަ ވަރަށް ފަސޭހަކޮށް ދަރިފުޅުގެ ފަރާތުން ފެންނަނީ،" ޖެނުއަރީ މަހު "ނޯބޮޑި އިޒް ލިސިނިން" ކިޔާ އަލްބަމެއް ނެރުނު ފަންނާނު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ދަރިފުޅާ އެކު ވަގުތު ހޭދަކުރާ އިރު ކުރާ ކަންކަމުގެ ތެރޭގައި ތުއްތުކުދިންގެ ޝޯތައް ނެޓްފްލިކްސް އިން ބެލުމާއި އިނގިރޭސި/އުރުދޫ ނާސަރީ ރައިމްސް ކިޔައިދިނުމާއި ބައެއް ފަހަރު އަމިއްލަ ލަވަތައް ވެސް ކިޔައިދެ އެވެ.

"ދެން އެންމެ އުފާވާ ކަމަކީ އަހަރެން ކުރާ ކަންކަމާ ގަޔާވެގެން ދަރިފުޅު ވެސް އަޑުތައް ލައްވައި ހަދާތީ. އެއީ ވަރަށް ލޯބިކަމެއް،" ޒޭން ބުންޏެވެ.

ޒޭން، 28، ބުނީ ޒުވާން އުމުރުގައި ދަރިއަކު ލިބުމުން ކުރިން ހީނުކުރާހާ އަވަހަށް އޭނާ އާއި ޖިޖީ، 25، މަންމަ/ބައްޕައަކަށް ފަރިތަވެއްޖެ ކަމަށެވެ.

"ހަމަ ގައިިމު ވެސް އަހަރެމެން ދެ މީހުން ވަރަށް އެންޖޯއިކުރާ ކަމެއް މިއީ." ޒޭން ބުންޏެވެ.