Roadha Mihaaru
"ވަން ޑިރެކްޝަން" ގެ 10 ވަނަ އަހަރަށް ރިޔުނިއަނެއް

"ވަން ޑިރެކްޝަން" ގެ 10 ވަނަ އަހަރަށް ރިޔުނިއަނެއް

16 އެޕްރީލް 2020

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ޕޮޕް ބޭންޑް "ވަން ޑިރެކްޝަން" އުފެއްދިތާ 10 އަހަރު ފުރުން ފާހަގަކުރަން ބޭންޑްގެ މެމްބަރުން ރިޔުނިއަންއަކަށް ދާން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ޕޮޕް ބޭންޑް "ވަން ޑިރެކްޝަން" އުފެއްދިތާ 10 އަހަރު ފުރުން ފާހަގަކުރަން ބޭންޑްގެ މެމްބަރުން ރިޔުނިއަންއަކަށް ދާން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އީޓީ އޮންލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2015 ގައި ރޫޅުނު ބޭންޑްގެ މެމްބަރުން ރިޔުނިއަންއާ ބެހޭ ގޮތުން މަޝްވަރާތައް ކުރަމުންދާތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެގޮތުން ހުރިހާ މެމްބަރުންގެ މެދުގައި ވެސް މިހާރު މުއާމަލާތް ކުރެވެމުންދާ ކަމަށާއި މި އަހަރުގެ ޖުލައި ހިސާބުގައި ރިޔުނިއަން ޝޯ ބޭއްވޭތޯ އެ މީހުން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެކަމަކު ޝޯ ބޭއްވޭނީ މިހާރު ދުނިޔެ ހަނގުރާމަކުރަމުން އަންނަ ކޮރޯނާވައިރަހުގެ ހާލަތަށް އަންނަ ހެޔޮ ބަދަލަކާ އެކީގަ އެވެ.

ރިޔުނިއަންއާ ބެހޭ ގޮތުން ބޭންޑްގެ މެމްބަރުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ވަން ޑިރެކްޝަން" އިން ފަހަރަކު މެމްބަރަކު ވަކިވެ، މިހާރު ސޯލޯ އާޓިސްޓުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އިރު، އޭގައި ހިއްސާވީ ޒުވާން ފަސް ފިރިހެން މެމްބަރެކެވެ. އެއި ޒޭން މާލިކާއި ހެރީ ސްޓައިލްސް އާއި ނާއިލް ހޯރަން އާއި ލިއަމް ޕޭންގެ އިތުރުން ލުއީ ޓޮމްލިންޒަނެވެ.

އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި "ވަން ޑިރެކްޝަން" އަކީ 2010 ގައި ވުޖޫދުވި ބޭންޑެކެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، ބޭންޑްގެ މެމްބަރުން ބައިބައިވެގެން ދިޔަ އިރު، ފަސް އަލްބަމެއް ނެރެފައިވެ އެވެ. އެއީ މޭޑް އިން ދަ އޭއެމް (2015) އާއި ފޯ (2014) އާއި މިޑްނައިޓް މެމޮރީޒް (2013) އާއި ޓޭމް މީ ހޯމް (2012) ގެ އިތުރުން އަޕް އޯލް ނައިޓް (2011) އެވެ.

މެމްބަރުން މިހާރު ސޯލޯ އާޓިސްޓުންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އިރު، ބައެއް މެމްބަރުން އަމިއްލަ އަލްބަމްތަކެއް ވެސް ނެރެފައިވެ އެވެ.