Roadha Mihaaru
ޒޭން މާލިކްގެ އަލްބަމް މި މަހުގެ 14 ގައި ނެރެނީ

ޒޭން މާލިކްގެ އާ އަލްބަމް "އިކާރަސް ފޯލް" މި މަހުގެ 14 ގައި ނެރެން ނިންމައިފި

02 ޑިސެމްބަރ 2018

އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކްގެ ދެވަނަ ސޯލޯ އަލްބަމް "އިކާރަސް ފޯލް" މި މަހުގެ 14 ވަނަ ދުވަހު ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކްގެ ދެވަނަ ސޯލޯ އަލްބަމް "އިކާރަސް ފޯލް" މި މަހުގެ 14 ވަނަ ދުވަހު ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.

މި އަލްބަމް ފޭނުންނަށް ދޫކޮށްލާކަން 25 އަހަރުގެ ލަވަކިޔުންތެރިޔާ މިދިޔަ މަހުގެ 29 ގައި ހިއްސާކޮށްފައި ވަނީ އާ އަލްބަމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

"އިކާރަސް ފޯލް" އަށް ޕްރި-އޯޑަ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ޒޭން ބުނި ގޮތުގައި އަލްބަމް ރިލީޒް ނުކުރެވި ލަސްވެގެން ދިޔައީ ކޮންމެ ދުވަހަކު ވެސް އޭނާ އަށް އާ ލަވައެއް ހަދައިލަން އާ ހިޔާލެއް އައިސް، އެ މަސައްކަތް ކުރަން ވަގުތު ނެތުމުންނެވެ، އެހެންވެ އަލްބަމް އެހުންތެރިންނަށް ދޫކޮށްލާ އިރު، ފޭނުން ގަޔާވާ ކަހަލަ ހުރިހާ ރަހަތަކެއްގެ ލަވަތަކެއް ހުންނާނެ ކަމަށް ބުންޏެވެ.

ރޭޑިއޯ ކޯޕަރޭޝަން އޮފް އެމެރިކާ (އާރްސީއޭ) ރެކޯޑްސްގެ ލޭބަލާ އެކު ނެރޭ "އިކާރަސް ފޯލް" ގައި ޖުމްލަ 27 ލަވަ ހިމަނާފައިވާ އިރު، އަލްބަމް ރިލީޒް ކުރަން މިހާރު ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ޒޭން ވަނީ އަލްބަމްގެ ޓްރެކްތަކުގެ ތެރެއިން އާ ލަވައެއް އަނެއްކާވެސް އިއްވާލައިފަ އެވެ. އެއީ "ރެއިންބެރީ" އެވެ.

ޒޭންގެ ޓްވީޓެއް.

އޭގެ ކުރިން ވަނީ "ލެޓް މީ"، "އެންޓަޓައިނާ"، "ސަވާ ޑީސެލް"، "ޓޫ މަޗް"، "ފިންގާޒް" އަދި "ނޯ ކެންޑްލް، ނޯ ލައިޓް" ވެސް އިއްވާލައިފަ އެވެ.

"އިކާރަސް ފޯލް" ގެ ޓްރެކްތަކުގެ ތެރޭގައި 2016 ގައި ޒޭން ނެރުނު ފުރަތަމަ ސޯލޯ އަލްބަމް "މައިންޑް އޮފް މައިން" ގެ ފަހުން އޭނާ ނެރުނު ގިނަ ސިންގަލްތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

އެމެރިކާގެ މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޒޭންއަކީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރެކެވެ. އެ ބޭންޑް 2015 ގައި އުވާލައި، މެމްބަރުން މިހާރު މަސައްކަތް ކުރަނީ ސޯލޯ އާޓިސްޓުންގެ ގޮތުގަ އެވެ.