Roadha Mihaaru
އައިރާގެ އެންމެ ފަހު ދެ އެޕާޓްމަންޓް ވިއްކާލަނީ

އައިރާގެ އެންމެ ފަހު ދެ އެޕާޓްމަންޓް ވިއްކާލަނީ

18 މާޗް 2021

ހުޅުމާލޭގައި އެންސިސް އިން ކުރިއަށް ގެންދާ "އައިރާ" ހައުސިން ޕްރޮޖެކްޓްގައި މިހާރު ނުވިކި ހުރި ދެ އެޕާޓްމަންޓް ވިއްކާލަން އިއުލާންކޮށްފި އެވެ.

ހުޅުމާލޭގައި އެންސިސް އިން ކުރިއަށް ގެންދާ "އައިރާ" ހައުސިން ޕްރޮޖެކްޓްގައި މިހާރު ނުވިކި ހުރި ދެ އެޕާޓްމަންޓް ވިއްކާލަން އިއުލާންކޮށްފި އެވެ.

މަތީ ފެންވަރުގައި ހަދަމުން އަންނަ ދެ ޓަވަރުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ 90 އަށް ވުރެ ގިނަ އެޕާޓްމަންޓް ހިމެނެ އެވެ.

މިހާތަނަށް ނުވިކި ހުރި ދެ އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ހަތަރު ވަނަ ބުރީގައި ހަދާ ޓޫ ޕްލަސް ވަންގެ އެޕާޓްމަންޓަކާއި ތްރީ ޕްލަސް ވަންގެ އެޕާޓްމަންޓެކެވެ. އައިރާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޖަހާފައި އޮތް ގޮތުން ނަމަ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ އަގަކީ 3.2 މިލިއަން ރުފިޔާ އެވެ. ތިން ކޮޓަރީގެ އަގު އުޅެނީ 4.9 މިލިއަން ރުފިޔާގަ އެވެ.

ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ބޮޑުމިން އުޅެނީ 1000 އަކަފޫޓާއި 1400 އަކަފޫޓާ ދެމެދުގަ އެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ހުންނަ ފިތުރޯން މަގުގެ އުތުރުކޮޅުގައި އަމިއްލަ ކުންފުުނިތަކާ ހަވާލުކޮށްގެން މަތީ ފެންވަރުގެ އެޕާޓްމަންޓް ހިމެނޭ ފަސް މަޝްރޫއުއެއް އެޗުޑީސީން ހިންގި އެވެ. އައިރާއަކީ އޭގެ ތެރެއިން އެއް މަޝްރޫއު އެވެ.

މިހާރު ހަދާފައިވާ އަދި ހަދަމުން އަންނަ މަތީ ފެންވަރުގެ ހައުސިން ޕްރޮޖެކްޓްތަކުގެ ތެރޭގައި އައިރާ ހިމެނެނީ އެންމެ ހިތްގައިމު އެއް ތަނުގެ ގޮތުގަ އެވެ. އިމާރާތް ޑިޒައިންކޮށްފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.

އައިރާގައި މިހާރު ކުރިއަށް ދަނީ ބޭރު ދޮރުތައް ހަރުކުރުމާއި އެތެރޭގެ މަސައްކަތްތަކެވެ.