Roadha Mihaaru
ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެ: ކޫމަން

ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެ: ކޫމަން

17 މާޗް 2021

އަމްސްޓަޑަމް (މާޗް 17) - ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެވޭނެ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

އަމްސްޓަޑަމް (މާޗް 17) - ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެވޭނެ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ވެން ޑައިކް ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ އޮކްޓޫބަރު މަހު އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގަ އެވެ. އޮޕަރޭޝަނަށް ފަހު ރިހެބިލިޓޭޝަންގެ ކަންތައްތައް މިހާރު ފުރިހަމަކުރަމުން އަންނަ ވެން ޑައިކް ދާދި ފަހުން ވަނީ އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ. ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ޓީމު ޓްރެއިނިންގައި އޭނާ ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.

ދާދި ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާ އަށް ލިބިފައިވާ މައުލޫމާތަށް ބަލައި އެއްޗެއް ބުނާނަމަ އަންނަ ޖޫން މަހު 12 ވަނަ ދުވަހު ފަށާ ޔޫރޯ ފަށަން ވާއިރަށް ވެން ޑައިކް ފިޓެއްނުވާނެ ކަމަށެވެ. އެކަމަކު ކްލޮޕްގެ އެ ވާހަކަތަކަށް އެއްބަސްނުވާ ކަމަށް ކުރިން ނެދަލެންޑްސްގެ ކޯޗަކަށް ހުރި ކޫމަން ވަނީ ބުނެފަ އެވެ.

"ވެން ޑައިކަކީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބެލިޔަސް ލިވަޕޫލަށް ކިހާ މުހިއްމު ކުޅުންތެރިއެއްކަން އަހަރެމެން އެންމެނަށް އެނގޭ. މީގެ އެ ނަޒަރުން ބަލާނަމަ ކްލޮޕް އެހެން ބުނީ ޑިފެންސިވް ޓެކްޓިކްސް އަކުން ވަކި އިރެއްގައި ވެން ޑައިކް ކުޅޭނެ ވާހަަކަ ނުދައްކަން ވެގެން. އަހަރެން ދެކޭ ގޮތުގައި ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެ،" ނެދަލެންޑްސް ނޫހަކަށް ދިން އިންޓަވިއުއެއްގައި ކޫމަން ބުންޏެވެ.

ކޫމަން ބުނީ 1990 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުރިން އޭނާ އަށް ވެސް ކަކުލުގެ ސީރިއަސް އަނިޔާއެއް ކުރިމަތިވި ކަމަށާއި އަމިއްލަ އަށް ކުރި ހިތްވަރުން މުބާރާތުގެ ކުރިން އެއްކޮށް ފިޓްވި ކަމަށެވެ.

"މީގެ ބޮޑު މުބާރާތަކަށް ފިޓްވާން ކުޅުންތެރިން ދެގުނަ ހިތްވަރު ކުރާނެ. އަނިޔާއިން ރިކަވާވުމުގެ އެންމެ ބޮޑު ބަޔަކީ ސިކުނޑި އެކަމަށް ތައްޔާރުވުން. އެހެންވީމަ އަހަރެން މި ބުނަނީ ވެން ޑައިކަށް ވެސް މަސައްކަތްކޮށްގެން ޔޫރޯ އަށް ފިޓް ވެވޭނެ ވަގުތު އެބައޮތް،" ކޫމަން ބުންޏެވެ. "ކިހިނެއް އެނގެނީ ޔޫރޯގެ ކުރިން ވެން ޑައިކް ލިވަޕޫލްގެ މެޗުތަކެއްގައި ނުކުޅޭނެ ކަމެއް،"

ނެދަލެންޑްސް އިން ވަނީ ކޫމަންގެ ކޯޗުކަމުގައި ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެއީ ވެން ޑައިކްގެ ކެޕްޓަންކަމުގަ އެވެ. ނެދަލެންޑްސް ދޫކޮށް ކޫމަން ބާސެލޯނާއާ ހަވާލުވުމުން ނެދަލެންޑްސްގެ ކޯޗަކަށް ހަމަޖެއްސީ ފްރޭންކް ޑި ބޮއާ އެވެ. ޔޫރޯގައި ނެދަލެންޑްސް އޮތީ ޔޫކްރޭން، އޮސްޓްރިއާ އަދި ނޯތު މެސެޑޯނިއާއާ އެކު ގްރޫޕް ސީގަ އެވެ.