17 މާޗް 2021
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އީރާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕުލާދީ ރާއްޖޭގެ ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އީރާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕުލާދީ ރާއްޖޭގެ ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
އުމުރުން 34 އަހަރުގެ ޕޫލާދީ ވެލެންސިއާއާ ގުޅުނީ މީގެ ދުވަސްތަކެއް ކުރިންނެވެ. ޓީމާ ގުޅުމަށް ފަހު ކަރަންޓީނު މުއްދަތު ފުރިހަމަކޮށް މިއަދު ޕްރެކްޓިހަށް ނުކުންނާނެ އެވެ. ވެލެންސިއާގެ މެނޭޖްމަންޓުގެ އިސް އޮފިޝަލް އަދި އެސިސްޓަންޓް ކޯޗު އިލްމާއު ހުސެއިން (މައު) "މިހާރު" އަށް ބުނީ ޕޫލާދީ އެ ޓީމާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ކަމަށެވެ.
ޕޫލާދީ 2006 އިން 2014އާ ހަމައަށް ކުޅެފައިވަނީ އީރާންގެ ކްލަބްތަކަށެވެ. އޭގެ ފަހުން ދެން އޭނާ ފެނިފައިވަނީ ގަތަރުގެ އަލް-ޝަހާނިއާ އާއި އަލް-ހަައިރިއްޔަތު އަދި ތައިލެންޑްގެ ބެންކޮކް ޔުނައިޓެޑް އިންނެވެ. އެންމެ ފަހުން އޭނާ ކުޅެފައިވަނީ ގަތަރުގެ މުއައިތާރް ސްޕޯޓްސް ކްލަބަށެވެ.
އީރާންގެ 20 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޕޫލާދީ އެންމެ ފުރަތަމަ ސީނިއާ ޓީމަށް ކުޅުނީ 2011 ވަނަ އަހަރު ކާލޯސް ކުއެރޯޒްގެ ކޯޗުކަމުގަ އެވެ. ކުއެރޯޒް އަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. ގައުމީ ޓީމާ އެކު ޕޫލާދީގެ އެންމެ ބޮޑު އުސްއައްޔަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އެވެ. އެ މުބާރާތުގައި އީރާން އިން އާޖެންޓީނާ އާއި ބޮސްނިއާ އަދި ނައިޖީރިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގައި ޕޫލާދީ ކުޅެފައިވެ އެވެ.
ބޮސްނިއާގެ ކުޅުންތެރިއަކު ކައިރިން ޕޫލާދީ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
އެ ފަހަރު އީރާން ވަނީ ފުރަތަމަ މެޗުގައި ނައިޖީރިއާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި އާޖެންޓީނާ އިން އިރާން ބަލިކުރީ ފަހު ވަގުތު ލިއޮނަލް މެސީ ޖެހި ގޯލުންނެވެ. ފަހު މެޗުގައި އީރާން ވަނީ 3-1 އިން ބޮސްނިއާ އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
ޕޫލާދީ ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި އީރާން ޓީމަށް ކުޅެފަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިރާގާ ދެކޮޅަށް ކުޅުނު މެޗުގައި ޕޫލާދީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެ މުބާރާތަށް ފަހު ޕޫލާދީ އީރާން ގައުމީ ޓީމަށް އަދި މެޗެއް ނުކުޅެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް ބަންދުވިއިރު ވެލެންސިއާ އިން ވަނީ ޓީމުގައި އިތުރު ބިދޭސީ ކުޅުންތެރިއަކު ވެސް ހިމަނައިފަ އެވެ. އެއީ ސްޕެއިނުގެ ގިނަ ކްލަބްތަކާއި ފިންލެންޑް ފުރަތަމަ ޑިވިޝަން ކްލަބް އެފްސީ ހޮންކާ އަށް ކުޅެފައިވާ އެޓޭކިން މިޑްފީލްޑަރު ބޯހަސް މާޓިން އެވެ. އޭނާ ވަނީ ޓްރާންސްފާ މާކެޓްގެ ކުރިން ވެލެންސިއާއާ ގުޅި އެ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މި ފަހަރު އަލުން ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ވެލެންސިއާގެ ކޯޗަކީ މުހައްމަދު އާތިފް (އާތީ) އެވެ. ވެލެންސިއާ މި ވަގުތު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 15 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި މާޒިޔާ އޮތީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.
ޓްރާންސްފާ މާކެޓްގެ އެހެން ހަބަރުތަކަށް ބަލާއިރު ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ކުރިން ޔުނައިޓެޑް ވިކްޓްރީ އަށް ކުޅެފައިވާ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ފޯވާޑް ސެމިއުލް ކޯޑެލް ގެނެސްފަ އެވެ. ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ އެ ޓީމުގެ މިސްރު ޑިފެންޑަރު އެލްސައީދު އީގަލްސް އަށް ދޫކޮށްލުމަށް ފަހު ކުރިން އީގަލްސް އާއި ފޯކައިދޫ އަދި ޓީސީ އަށް ކުޅެފައިވާ މިސްރުގެ ޑިފެންޑަރު މުހައްމަދު ސައީދުގެ ސޮއިހޯދައިފަ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމުން އަންނަނީ މި މަސް ތެރޭ އަލުން ލީގު ފެށޭތޯ މަސައްކަތްކުރަމުންނެވެ.
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
އެމެރިކާދެކެ ބިރު ނުގަންނަ އިރާން މެޗުގައިވެސް ނުސިހޭނެ
އިރާނުގެ ކޯޗުގެ ކަރުގައި ހިފި މަންޒަރު ވައިރަލްވެއްޖެ
ގައުމީސަލާމް ކިޔައި އިރާން ޓީމުގެ އިހުތިޖާޖަށް ނިމުން
އިރާންގެ ކޯޗު އިނގިރޭސި މިޑިއާގެ އަނގަބަންދުކޮށްލައިފި
ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު
ބޮލަށް އަނިޔާވި ކީޕަރަށް ކުޅެން ހުއްދަދިން މައްސަލަ
ފާޑުކިޔުންތަކުގެ ތެރޭގައި އޮތް އިންގްލެންޑް މޮޅުވެއްޖެ
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ