Roadha Mihaaru
އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކުރަން އެދިއްޖެ

އުތުރު ތިލަފަޅު އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކުރަން އުޝާމް އެދިއްޖެ

16 މާޗް 2021

އުތުރުތިލަފަަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްްވުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާ ހިއްސާކުރަން އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުތުރުތިލަފަަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްްވުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާ ހިއްސާކުރަން އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ލިޔުމެއް ކަމަށް ވިދާޅުވެ އެކަން ތަހުގީގުކުރަން ގޮވާލައި އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަަޝީދު ހުސައިން (ބިގޭ) މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލައިގެ ބަހުސްގައި އުޝާމް ވިދާޅުވީ ލީކްވެގެން އުޅޭ އެއްބަސްްވުމަކީ ދެ ގައުމުން ވެފައިވާ އެއްބަސްވުމެއް ކަމަށް ނުވެދާނެ ކަަމަށާއި ނަމަވެސް އެ ޑޮކިއުމަންޓަކީ ފޭކް ޑޮކިއުމަންޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ލީކްވެފައިވާ ޑޮކިއުމަންޓްގައި ވެސް ބުނެފައިވާ ފަދައިން އެއީ އިންޑިއާ އިން ފޮނުވި ޑްރާފްޓެއް ކަަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ސޮއިކުރީ އެއަށް ބަދަލުތައް ގެނެސްގެން ކަމަށްް ވެސް ވެދާނެ ކަަމަށެވެ.

"އެހެން ނަަމެވެސް އެކަން ޔަގީންކުރުމަކީ ދިވެހި ރައްޔިތުން މިއަދު ބޭނުންވާނެކަމެއް. އެ ޑޮކިއުމެންޓްގައި އޮތް އެއްޗަކާ އެއްގޮތަށް ނޫން ކަމަށް ސޮއިކުރީ ދިވެހި ސަރުކާރުން ޔަގީންކޮށްދިނުމަކީ ރައްޔިތުން މިއަދު ބޭނުންވާ ކަމަކީ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަކީ މަޖިލީހުގައިި މެމްބަރުން ތިއްބަވާ ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭ ގޮތަށް ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުަލަވައިލާވައިވާ ކޮމިޓީއަކަށް ވާއިރު އެ ކޮމިޓީއަށް ހުށަނޭޅޭނެ އެއްބަސްވުމެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވީމާ ރައްޔިތުންގެ ކަންބޮޑުވުމަށް ޖަވާބެއް ހޯދުމަށް ޓަކައި އުތުރު ތިލަފަޅުގެ އެއްބަސްވުން އެކޮމިޓީއަށް ގެނެސް އޭގެ ހަގީގަތް ބެލުމަކީ މަޖިލީހުން މިއަދު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އެހެން ކަމުން އަޅުގަނޑު ގޮވައިލަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކަށް މި އެގްރިމެންޓް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާކޮށްދެއްވުމަށް،" އުޝާމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާ ފެށި ވަގުތު، އުތުރު ތިލަަފަޅުގެ އެއްބަސްވުމާ ބެހޭ ދެއް މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި އޮތެވެ. އެއީ ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށަހެޅުއްވި މައްސަލައަކާއި އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހެޅުއްވި މައްސަލައެކެވެ.

އެެ ދެ މައްސަލައިގެ ތެރެއިން ފަޒުލް ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ގޮވާލައިފައި އޮތީ އުތުރު ތިލަަފަޅުގެ އެގްރިމެންޓް ހާމަކުރުމަށެވެ. އެ މައްސަލަ ބައްލަވައިނުގެން ދޫކޮށްލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ ހަމަ އެގޮތަށް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް މީގެ ކުރިން ހުށަހެޅުއްވި ކަމަށާއި މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އެ ދައުރެއްގައި މަޖިލީހުގައި ބަހުސްކޮށްފައިވާ މައްސަލައެއް އަލުން ހުށަހެ ނޭޅޭނެ ކަމަށެވެ.

ބިގޭ ހުށަހެޅުއްވި މައްސަލައިގައި ބަހުސްގެ ތެރެއިން އެކި ފަހަރު މަތިން ނަޝީދު ވިދާޅުވީ އެ އެއްބަސްވުމަކީ މަޖިލީހަށް ހުށަހަޅަން ޖެހޭ އެއްބަސްވުމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެ އެއްބަސްވުން ނުފޮނުވީމާ ދެކެވަޑައިގަންނަވާނީ އެއީ ފޮނުވަން ޖެހޭ ޒާތުގެ އެއްބަސްވުމެއް ނޫން ކަމަށް ކަމަށެވެ. ކޮމިޓީއަށް އެއްބަސްވުން ހުށަނޭޅޭނެ ސަބަބެއް ނެތް ކަމަށް އުޝާމް ވިދާޅުވީ އޭގެ ފަހުންނެވެ.