Roadha Mihaaru
ކުޑައިރު ފަލަވުމާ އެންޓިބައޮޓިކްސްއާ ގުޅުމެއް ނެތް

ކުޑައިރު ފަލަވުމާ އެންޓިބައޮޓިކްސްއާ ގުޅުމެއް ނެތް

14 ނޮވެމްބަރ 2016

ކުޑައިރު އާދަޔާޚިލާފަށް ފަލަވަނީ ދޭ އެންޓިބައޮޓިކްސްގެ ސަބަބުން ކަމަށް ކުރީގެ ބައެއް ދިރާސާތަކަށްފަހު ސައިންސްވެރިން ބުނެފައިވެ އެވެ. ނަމަވެސް ފަހުގެ ދިރާސާއެއްގައި ބުނަނީ ކުދިން އާދަޔާޚިލާފަށް ފަލަވަނީ އެކުދިންނަށް ޖެހޭ އެކި ކަހަލަ އިންފެކްޝަންތަކުގެ ސަބަބުން ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކުޑައިރު އާދަޔާޚިލާފަށް ފަލަވަނީ ދޭ އެންޓިބައޮޓިކްސްގެ ސަބަބުން ކަމަށް ކުރީގެ ބައެއް ދިރާސާތަކަށްފަހު ސައިންސްވެރިން ބުނެފައިވެ އެވެ. ނަމަވެސް ފަހުގެ ދިރާސާއެއްގައި ބުނަނީ ކުދިން އާދަޔާޚިލާފަށް ފަލަވަނީ އެކުދިންނަށް ޖެހޭ އެކި ކަހަލަ އިންފެކްޝަންތަކުގެ ސަބަބުން ކަމަށެވެ.

ދަ ލާންސެޓް ޑައިބެޓީކްސް އެންޑް އެންޑޮކްރައިނޮލޮޖީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން އުމުރުން އެއް އަހަރު ފުރުމުގެ ކުރިން އެކި ވައްތަރުގެ އިންފެކްޝަންތައް ޖެހިގެން އެންޓީބައޮޓިކްސް ދޭ ކުދިން ފަލަވުމުގެ ފުރުސަތު އިންފެކްޝަން ނުޖެހޭ ކުދިންނަށް ވުރެ 25 ޕަސެންޓް އިތުރެވެ. އަދި މިފަދަ އިންފެކްޝަންތަކަށް ބޭސް ނުކުރެވި ހުންނަ މިންވަރަކުން ކުދިން ބޮޑަށް ފަލަވާން މެދުވެރިވާ ކަމަށް ވެސް ވެ އެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އުމުރުން އެއް އަހަރު ފުރުމުގެ ކުރިން ޖެހޭ އިންފެކްޝަންތަކަށް އެންޓިބައޮޓިކްސް ދިނުމަކީ އެކުދިން އިތުރަށް ފަލަވާނެ ކަމެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް، އެކުދިން ފަލަވަނީ އެ އިންފެކްޝަނަކަށް ފަރުވާ ނުދެވި ހުރުމުންނެވެ.

"ކުރީގެ ދިރާސާތަކުން ދައްކާފައި ވަނީ އެންމެ ޅަފަތުގައި އެންޓީބައޮޓިކްސް ދިނުމުން ކުދިންގެ ބަރުދަން އާދަޔާޚިލާފަށް އިތުރުވާކަމަށް. ނަމަވެސް މި ދެ ކަންތައް އަހަރެމެން ވަކިކޮށްލައިގެން ޓެސްޓް ހެދުމުން އެނގުނީ ފަލަވަނީ އެންޓީބައޮޓިކްސް ދީގެން ނޫންކަން،" ދިރާސާގައި އިސްކޮށް ހުންނެވި ސައިންޓިސްޓް ވިދާޅުވެފައިވެ އެވެ.

މި ދިރާސާގައި ސައިންސްވެރިން ވަނީ 1997-2013 އާ ދެމެދު އުފަންވި 250،556 ކުދިންގެ މައުލޫމާތު އެއްކޮށްފަ އެވެ.

މި ދިރާސާއަށް ފަހު ސައިންސްވެރިން އިރުޝާދު ދެނީ ކުޑައިރު ކުދިންނަށް އިންފެކްޝަންސްތައް ނުޖެހޭތޯ ގަދައަޅާ މަސައްކަތް ކުރުމަށެވެ. އަދި އިންފެކްޝަނެއް ޖެހުނަސް އެންޓިބައޮޓީކްސް ލިޔެދިނުމުގައި ވެސް ފަރުވާތެރި ވުމަށެވެ.