Roadha Mihaaru

ލޯބިން ކުދިން ތި ވައްޓާލަނީ ނުރައްކަލަށް!

15 މާޗް 2022

ހެނދުނުގެ ނާސްތާއަކީ މައިލޯ ނުވަތަ އިންޑޯމިލްކް ޕެކެޓެވެ. ކޭކާއި ބިސްކޯދެވެ. ސްކޫލުގެ އިންޓަވަލަށް ވެސް ހަކުރު ގިނަ ބުއިމަކާ އެކު ތައްޔާރީ ކާނާގެ ބާވަތެކެވެ. ނިމިގެން ގެއަށް އައުމުން ވެސް ނޫޑުލްސް ނުވަތަ ޕިއްޒާ, ޗިފްސް އެވެ. އޭގެ ފަހުން ވެސް ހައްދެއް ނެތި އެކި ބާވަތުގެ ތައްޔާރީ ކާނާ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހެނދުނުގެ ނާސްތާއަކީ މައިލޯ ނުވަތަ އިންޑޯމިލްކް ޕެކެޓެވެ. ކޭކާއި ބިސްކޯދެވެ. ސްކޫލުގެ އިންޓަވަލަށް ވެސް ހަކުރު ގިނަ ބުއިމަކާ އެކު ތައްޔާރީ ކާނާގެ ބާވަތެކެވެ. ނިމިގެން ގެއަށް އައުމުން ވެސް ނޫޑުލްސް ނުވަތަ ޕިއްޒާ, ޗިފްސް އެވެ. އޭގެ ފަހުން ވެސް ހައްދެއް ނެތި އެކި ބާވަތުގެ ތައްޔާރީ ކާނާ އެވެ.

ދެވި ހިފާފައިވާ އެ ތަކެއްޗާއި ކެއުމުގެ ނުރަނގަޅު އާދަތަކުގެ ތެރޭގައި ހުސެއިން އަޝްހަމް [ރައްކާތެރިކަމަށް އަސްލު ނަން ސިއްރުކޮށްފައި] ހަށިގަނޑު މުޅިން ބަލިކޮށްލައިފި އެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް އުނދަގުލެއް ވާތީ ޑޮކްޓަރަށް ދައްކައި ބޭސްކާން ޖެހިފަ އެވެ.

އޭނާގެ އުމުރަކީ އަދި އެންމެ އަށް އަހަރެވެ. އެކަމަކު ހަށިގަނޑުގެ ބަރުދަން 80 ކިލޯއާ ގާތްކުރެ އެވެ.

ކުއްޖެއްގެ ހުންނަން ޖެހޭ ބަރުދަނަށް ވުރެން އިތުރުވެފައި.

ކުއްޖެއްގެ ހުންނަން ޖެހޭ ބަރުދަނަށް ވުރެން އިތުރުވެފައި.

އެހެން ކުދިންނާ މާބޮޑަށް ވެސް ތަފާތު, އާދަޔާ ޚިލާފު މި ބަދަލުން ހަށިގަނޑަށް އުނދަގޫ އިހްސާސްތަކެއްވެ އެވެ. ނޭވާ ލެވެނީ ގިނަ ބަޔަކަށް އަޑުއިވޭވަރަށް ބާރަށެވެ. ހެލިފެލިވެ އުޅުމާއި ކިޔަވަން ދެވޭ ޝައުގުވެރިކަން ކުޑަ އެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުމާއި ގުޅުން ބަދަހި ކުރުމަކީ އެންމެ ކުރާ ހިތްނުވާ ކަމެވެ.

"ޕެކެޓްކޮށްފައި ހުންނަ އެކި ބާވަތްތަކުގެ ތެރެއަށް ކުޑައިރު ދޫކޮށްލެވުނީ. ދެ އަހަރުގައި ފެށި ގޮތަށް ކޮންޓްރޯލެއް ވެސް ނުވި. ބަތާއި ރޮއްޓާއި ތަރުކާރީއާ މުޅިން ދުރުވީ. ކެއުމުގައި މުޅިން ވެސް ބޭނުންވާނީ ޕިއްޒާ އާއި ބާގާ, ސޮސެޖާއި ނޫޑުލްސް," އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

ޕެކެޓް ބުއިންތަކުން ކިހާ ގެއްލުމެއް ލިބޭކަން އެނގެ އެވެ. ބަންދުކޮށްފައި ހުންނަ އެކި ފާޑުފާޑުގެ ކާނާގެ ފައިދާއެއް ނެތް ކަން އެ ގޭގެ އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު އަޝްހަމަށް ކަމުދާ ބާވަތްތައް, ކާހިތްވާތީ ލޯބިން ހޯދައިދެވެނީ އެވެ. ސިއްހަތަށް ލިބިދާނެ ގެއްލުންތަކަށް ނުބެލުނެވެ. ވިސްނުން ހަމައެކަނި ބެހެއްޓުނީ އަޝްހަމްގެ އުފަލަށެވެ.

"މެންދުރު ސްކޫލުން އަންނަ އިރު ވެސް ބަތް ނޫނީ ރޮށި, ތަރުކާރީ ކަހަލަ އެއްޗެއް ހަދާފައި ހުރިއްޔާ ހާވާލާފައި ނުކައި ދާނެ. ދެން މާމައަށް ވެސް ކެތެއް ނުވޭ ނުކައި ހުރުން. އެހެންވެ ކާހިތްވާ އެއްޗެއް ހޯދާފައި ދެވެނީ," އޭނާ ބުންޏެވެ.

އަޝްހަމް ސްކޫލަށް ދިއުމާއި ގެއަށް އައުން ހަމަޖެހިފައި އޮންނަނީ ކާރުގަ އެވެ. ސްކޫލް ފިޔަވައި އެހެން ތަނަކަށް ދާކަށް ބޭނުމެއް ނުވެ އެވެ. ގޭތެރޭގައި, ސްކްރީން ކުރިމަތީގައި އިނދެ ކުރާ ހުރިހާ ކަމަކަށް އެ އެ އުމުރުގެ ކުދިންނާ ބަލާއިރު އޭނާ ވަރަށް ހުނަރުވެރި އެވެ.

"އެއްގޮތަކަށް ބޭނުން ވެސް ނުވަނީ ބޭރަށް ދާން. ސްކޫލުގެ އެކްޓިވިޓީއަކަށް ނުދޭ،" އަޝްހަމްގެ އާއިލާ އިން ބުންޏެވެ.

ބުލީއާ ކުރިމަތިވުން, މީހުންނާ ދުރުވުން

އާއިލާއަށް ވެސް ގަބޫލުކުރެވޭ ގޮތުގައި އެ އުމުރުގެ އެހެން ކުދިންނާ އަޝްހަމްގެ ގުޅުން ކުޑައީ އޭނާގެ ހަށިގަނޑު އެގޮތަށް ހުންނާތީ އެވެ. ކްލާހުގައި ރައްޓެހި ކުއްޖަކު އުޅޭ ވާހަކައެއް ނުދައްކަ އެވެ. ސްކޫލް ކުދިންނާ ވާހަކަ ދައްކައެއް ނުހަދަ އެވެ.

އެކި ފަހަރު މަތިން އޭނާ ދެރަވާ ބަސްތައް ސްކޫލްތެރެއިން އަޑު އަހަންޖެހެ އެވެ. އެކަމަކު މި ވާހަކަތައް މާބޮޑަށް އާއިލާއާ ހިއްސާއެއް ނުކުރެ އެވެ.

ބެލެނިވެރިންގެ ފަރާތުން ވެސް އޭނާ ދެރަވާ ކަންކަން ކުރިމަތިވެ އެވެ.

"ސްކޫލުގެ ކޮންމެވެސް ކަމެއްގައި ޕޭރަންޓަކު އެހި ކްލާހުގައި އުޅޭ ފަލަ އެތި ކޮބާހޭ. އޭރު އޭނަ ހުރި އަޑުއިވޭ ހިސާބުގައި." އާއިލާގެ މެމްބަރު ކިޔައިދިނެވެ.

މާލޭ ސްވިމިން ޓްރެކަށް ކުއްޖަކު މޫދަށް އެރި: އޮބީސިޓީގެ ސަބަބުން ސިއްހީ އެކި މައްސަލަތަކުގެ އިތުރުން ނަފްސާނީ ކަންކަން ވެސް ތަހައްމަލްކުރަން ޖެހޭ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

މާލޭ ސްވިމިން ޓްރެކަށް ކުއްޖަކު މޫދަށް އެރި: އޮބީސިޓީގެ ސަބަބުން ސިއްހީ އެކި މައްސަލަތަކުގެ އިތުރުން ނަފްސާނީ ކަންކަން ވެސް ތަހައްމަލްކުރަން ޖެހޭ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އާދަޔާޚިލާފަށް ފަލަ ކުދިންނަށް ޑިޕްރެޝަނާއި އަމިއްލަ ނަފްސު ދެރަކޮށްލުން އަދި ހިތް ނުތަނަަވަސްކަން ފަދަ މައްސަލަތައް ދިމާވެ އެވެ. އެހެންކަމުން މިފަދަ ކުދިންނަށް މަލާމާތްކޮށް ލަދުގަންނަވާ ނަމަ މި މައްސަލަތައް އިތުރަށް ގޯސް ވާނެ އެވެ.

ޑޮކްޓަރުންނަށް އިރުޝާދު ދެނީ އެފަދަ ކުދިންނާ ވާހަކަ ދައްކައިގެން ލަދުގަންނަން ނުޖެހޭ ފަދަ ގޮތަކަށް އެ ކުދިންގެ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމަށެވެ.

ލޯބިން ގިނައިން ކާން ދިނުން!

އަޝްހަމްއަށް ދިމާވި އުނދަގޫތަކުން އަރައިގަތުމަށް އެ އާއިލާ އިން އަންނަނީ ހިތްވަރު ކުރަމުންނެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ފައިދާހުރި ކާނާ ކެއުމުގައި ހިމަނައި ބަރުދަން ލުއިކުރަން އިރުޝާދު ދެ އެވެ.

މި މަސައްކަތް ކުރާއިރި އާއިލާތަކުގެ ތެރޭގައި ވެސް ކުދިންނާ މެދު ގެންގުޅޭ އޭނާއަށް ގަބޫލުކުރަން ދަތި ވިސްނުމެއް އެބައޮތެވެ.

"ކުޑަކުއްޖަކު ހިކިކޮށް ހުރެއްޖިއްޔާ ސުވާލު އުފައްދާނެ ވަރަށް ބޮޑަށް. ކާން ނުދެނީތޯ. ރަނގަޅަށް ނުބަލާތީތޯ އެހާ ހިކިކޮށް ހުންނަނީ. ހަމަ އެ އުމުރުގެ ކުއްޖަކު ފަލަކޮށް ހުރެއްޖިއްޔާ މައްސަލައަކަށް ނުވޭ. އަހަރެމެންގެ އާއިލާ ތެރޭގައި ވެސް ހަމަ މިގޮތަށް ވެފައި އެބަހުރި," އޭނާ ކިޔައިދިނެވެ.

"ކުދިން ދެކެ ލޯބިވުމަކީ ބައެއް މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި ކާން ހައްދެއް ނެތި ކާން ދިނުން."

މިއީ އަޝަހަމްގެ އެކަނި ހާލަތެއް ނޫނެވެ! ކެއުމުގެ ނުރަނގަޅު އާދަތަކާ އެކު ސިއްހީ ގޮތުން ނުރައްކަލަށް ހުށަހެޅޭ ކުދިންގެ އަދަދު ދަނީ ގިނަވަމުންނެވެ.

އާއްމު ބައްޔަކަށް ވެ ސީރިއަސް ލެވެލްގައި!

ޓްރީ ޓޮޕްގެ ޗައިލްޑް ނިއުޓްރިޝަން ކޮންސަލްޓަންޓް ޑރ. ރުކްސާނާ އަހްމަދު ވިދާޅުވީ އާއްމު ބައްޔެއްގެ ގޮތުގައި އޮބީސިޓީ ނުވަތަ ފަލަބަލި ރާއްޖޭގައި ވެސް ދަނީ ސީރިއަސް ލެވެލެއްގައި ގިނަވަމުން ކަމަށެވެ. އޭނާ ފަރުވާދެއްވާ ކުދިންގެ ތެރޭގައި އެ ނިސްބަތް އިތުރުވަމުންދާ ވެސް ފާހަގަކުރެއްވި އެވެ.

އެކަމަކު ގިނަ ބެލެނިވެރިންގެ ކަންބޮޑުވެގެން ޑޮކްޓަރަށް ދައްކަން އަންނަނީ ވެސް ފަލަވުމަށް ވުރެން، ހިކޮށް ހުރެއްޖެ ނަމަ އެ ކަމުގެ ހާސްކަމުގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ކުއްޖާގެ ބަރުދަން މައްޗަށް ނުދަންޏާ ނުވަތަ ހިކިކޮށް ހުރެއްޖިއްޔާ ކަންބޮޑުވޭ. ފަލަ ބަލީގެ ކަންތަކުގައި އެ ކަންބޮޑުވުން މަދު. ފަސް އަހަރުން ދަށުގެ ކުދިން, މިސާލަކަށް ތަންކޮޅެއް ފަލަކޮށް ހުރެއްޖިއްޔާ އެންމެންނަށް ވެސް ހީވަނީ އެއީ ވަރަށް ލޯބި ކުއްޖެކޭ. ސިއްހަތު ރަނގަޅަށޭ ހުރީ. އެހެންވީމަ ފަލަބަލީގެ ސީރިއަސްކަން އެހާ ބޮޑަށް އިހްސާސްވެގެން ނުދޭ."

ސިއްހަތަށް ފައިދާ ހުރި ކާނާއާ ދުރުވެ ޖަންކް ފުޑްސްގެ ބާވަތްތައް ކުދިންގެ ތެރޭގައި މަގްބޫލްކަން ބޮޑު.

ސިއްހަތަށް ފައިދާ ހުރި ކާނާއާ ދުރުވެ ޖަންކް ފުޑްސްގެ ބާވަތްތައް ކުދިންގެ ތެރޭގައި މަގްބޫލްކަން ބޮޑު.

ރާއްޖޭގައި އޮބީސިޓީއާ ގުޅޭ 2016 ވަނަ އަހަރުގެ ދިރާސާއަކާ ހަވާލާދެއްވައި ވިދާޅުވި ގޮތުގައި ގްރޭޑް އެކެއްގައި ކިޔަވާ އުމުރުފުރާގެ 22 ޕަސެންޓް ކުދިންނަކީ އުމުރަށް ވުރެން ބަރުދަން އިތުރު ކުދިންނެވެ.

"އޭގެ މާނައަކީ ގާތްގަނޑަކަށް ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ އޮބީސް ނުވަތަ ފަލަބަލީގެ ކުއްޖެކޭ."

ދުނިޔޭގެ ތަފާސްހިސާބުން ވެސް ދައްކަނީ މި ބަލި އިތުރުވަމުންދާ ކަމެވެ.

މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑުގެ ދެތިން އަހަރުގެ ތަފާސްހިސާބު އުޅެނީ ކަންބޮޑުވާންޖެހޭ ދަރަޖައިގަ އެވެ. ހެލިފެލި ނޫޅެވި ކުދިން ގޭގައި ބަންދުވެފައި ތިބުމުގެ ނުރައްކާ އޮތީ ބޮޑުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ތަފާސްހިސާބެއް ނެތަސް ޑޮކްޓަރު ލަފާކުރައްވަނީ އަދަދު ރާއްޖޭގައި ވެސް އިތުރުވާނެ އެވެ.

"ކޮވިޑް ޕެންޑެމިކާ ހެދި ލޮކްޑައުންވެގެން އަޅުގަނޑުމެންގެ ގައުމުގައި ވެސް ކުދިން ބަންދުވެފައި ތިބެން ޖެހުނީ އެއްވެސް ވަރަކަށް އެކްސަސައިޒެއް ނެތި. އެހެންވީމަ އެ ދުވަސްކޮޅު ރާއްޖޭގައި ވެސް ކުދިން އޯވަ ވެއިޓްވެގެން ދިޔަ ކަން އަޅުގަނޑު ކައިރިއަށް ކްލިނިކަށް ގެންނަ ކުދިންގެ ފަރާތުން ނޯޓިސްކުރެވިގެން ދިޔަ" އޭނާ ވިދާޅުވި އެވެ.

އޮބީސް ކަމަށް ބަލަނީ ކިހާ ހިސާބަކުން؟

ރުކްސާނާ ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންގެ ފަލަ ބަލި ނުވަތަ އޯވަ ވެއިޓްތޯ ކަނޑައަޅަނީ އުމުރާއި އިސްކޮޅު އަދި ބަރުދަން ބެލުމަށް ފަހު އެވެ.

"އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ މިބަލަނީ ވެއިޓް ފޯ ހައިޓް. ހުންނާނެ ކުޑަކުދިންގެ ބަރުދަން ބަލާފައި މާކްކުރާ ރޮނގުތަކެއް. އޭގެއިން މިކިޔާ ފިފްޓިއަތު ޕަސެންޓައިލް އެއީ އަޑިއަލް ވެއިޓް ފޯ ހައިޓް ކަމަށް ބަލަނީ އޭގެ. ދެ ސައްތަ އިތުރުވެގެން ދިޔައީމަ އޯވަ ވެއިޓް ކަމަށް. ތިން ސައްތަ އިތުރުވެއްޖެ ނަމަ އޮބީސް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންތަކެއް ކުޅެނީ: ހަށިގަނޑަށް ކަސްރަތު ލިބޭނެ ހަރަކާތްތަކުގައި ކުދިން އުޅެން ފުރުސަތު ދިނުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް މުހިންމު ކަމެއް.

ކުޑަކުދިންތަކެއް ކުޅެނީ: ހަށިގަނޑަށް ކަސްރަތު ލިބޭނެ ހަރަކާތްތަކުގައި ކުދިން އުޅެން ފުރުސަތު ދިނުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް މުހިންމު ކަމެއް.

އުމުރުން 5-18 އަހަރާ ދޭތެރޭގައި ބަލަނީ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) މިންގަނޑުންނެވެ. އެއީ ބަރުދަނާއި އިސްކޮޅު އަދި އުމުރު ބޭނުންކޮށްގެން ފޯމިއުލާއަކުން ދެނެގަތުމެވެ.

"ކުޑަ ކުއްޖަކަށް ވިޔަސް ބޮޑު މީހަކަށް ވިޔަސް ކާނާ ބާން ނުކުރެވިއްޖިޔާ ފެޓްގެ ގޮތުގައި ހަށިގަނޑަށް ޖަމާވެފައި ހުންނާނީ. އޭގެއިން މިދަނީ ފަލަބަލި ޖެހެނީ. އަނެއް ގޮތަށް ދަންނަވާ ނަމަ ކެވޭ އެއްޗިއްސާއި ކެވޭ މިންގަނޑާ ބަލާފައި ކުދިންގެ އެކްޓިވިޓީ މަދުވީމަ ފަލަވާ ނިސްބަތް މި އަންނަނީ." އޭނާ ވިދާޅުވި އެވެ.

"މީގައި ބައެއް ފަހަރު އުޅޭނެ ސައިކޯސޯޝަލް ފެކްޓާސް ވެސް. ބައެއް ފަހަރަށް ކާނާ ރަނގަޅު ވިޔަސް މޫޑް ހުންނަ ގޮތުން މާ ގިނައިން ކެވުން. ދެން ވަރަށް ކުޑަ އިންސައްތައެއް އުޅޭނެ ކޮންމެވެސް ކަހަލަ ބައްޔެއްގެ ސަބަބުން ފަލަވުން. މައިގަނޑު އެއްޗަކީ ކެއުމާއި ކަސްރަތު ނުކުރެވުން."

ރުކްސާނާ ވިދާޅުވީ ކުޑަކުދިން ފަލަ ބައްޔަށް ހުށަހެޅިގެންދާ އިރު ސީރިއަސް ވާން ޖެހޭ ސަބަބަކީ އެ ކުއްޖެއްގެ މުސްތަގުބަލަށް އޭގެއިން ނޭދެވޭ އަސަރުކުރާނެތީ ކަމަށެވެ.

"މިގޮތަށް ކުޑައިރު ފަލަ ބަލީގެ ކުދިން ބޮޑު މީހަކަށް ވެގެން އަންނަ އިރު ޑައިބެޓީސް, ހިތުގެ ބަލި ސްޓްރޯކް ޖެހުން, ހައިޕާޓެންޝަން, ހުޅުހުޅުގެ ބަލިތަކަށް ދިއުން ދިމާވޭ."

ޑޮކްޓަރު ވިދާޅުވި ގޮތުގައި ފަލަ ބަލީގެ ކުދިންނަށް ނޭވާލާން ދަތިވުމަކީ ވެސް ކުރިމަތިވާ ކަމެކެވެ. ކުޑަކޮށް ދުވެ, ކުޅެ ހަދައިފި ނަމަ ވެސް ބައެއް ކުދިންނަށް އެކަން ކުރިމަތިވެ އެވެ.

"ހުޅުތަކުގައި ވެސް ރިއްސާނެ. މީގެ އިތުރުން އިންސިއުލިން ރެސިސްޓެންސް ނުވަތަ ވަރަށް ގިނަ ކުދިންގެ ފެންނަން ފަށާނެ ކަނދުރާގައި ހަންގަނޑު ކަޅުވަމުން އައުން. ކިހިލިފަތްދަށް ވެސް ކަޅުވުން. އޭގެއިން މި ދައްކާ އެއްޗަކީ ކުއްޖާ މިހާރު ފަލަވެގެންދާ މިންވަރަށް އޭނަގެ އިންސިއުލިން ނުނީ އަނެއްހެން ދަންނަވާ ނަމަ ހަކުރު ކޮންޓްރޯލްކުރަން ބޭނުންވާ ހޯމޯން ގިނަވެގެން އެބަދެއޭ," ކުރިމަތިވާ ސައިކޮލޮޖިކަލް މައްސަލަތަކުގެ ތެރޭގައި ބުލީ ކުރުން އަތުވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކެއުމުގައި ފައިދާ ހުރި ކާނާ ހިމެނުން

ފަލަ ބައްޔަށް ހުށަހެޅެނީ ސިއްހަތަށް ފައިދާނުކުރާ ކާނާގެ ސަބަބުން ކަން ފާހަގަކުރައްވައި ޑޮކްޓަރު އިރުޝާދު ދެއްވަނީ ހަކުރުގެ ބުއިންތަކާ ކުދިން ދުރު ކުރުމެވެ. އިންޓަވަލް ގަޑިއަށް ވެސް ތައްޔާރީ ކާނާ ދޫކޮށްލުމެވެ.

ފައިދާ ހުރި ކާނާގެ ބާވަތްތަކެއް: ކުދިންގެ އިންޓަވަލަށް ޕެކެޓްތަކާއި ދަޅުގައި ބަންދުކުރި ކާނާ ދިނުން ހުއްޓާލަން ޖެހޭ.

ފައިދާ ހުރި ކާނާގެ ބާވަތްތަކެއް: ކުދިންގެ އިންޓަވަލަށް ޕެކެޓްތަކާއި ދަޅުގައި ބަންދުކުރި ކާނާ ދިނުން ހުއްޓާލަން ޖެހޭ.

ޕްރޮސެސްޑް ފުޑްސްގެ ތެރޭގައި ހިމެނޭ ބާވަތްތަކާ ކުދިން ދުރު ކުރުމެވެ.

"ސޮސެޖް ވެސް ތެލުލާފައި ދޭ އިރު ހަކުރާއި ތެލާ ގިނަވި ވަރަކަށް ފަލަވެގެންދާނެ. އެކި ކަހަލަ ޖޫސް, މިލްކު ޕެކެޓްތަކުގައި ހަކުރުގެ ޕަސެންޓް ވަރަށް ގިނަވާނެ. ކުދިންނަށް އެހާ ގިނައިން ހަކުރެއް ބޭނުމެއް ނުވާނެ. ބެލެންސެއް ބޭނުން ވަނީ މި އެއްޗެހީގެ," ޑޮކްޓަރު ވިދާޅުވި އެވެ.

ބޮޑުވަމުން އަންނަ ކުދިންނަށް ދުވާލެއްގެ މައްޗަށް ކިރު ތައްޓަކުން ފުދޭނެ އެވެ. ޖޫހެއް ނަމަ ގޭގައި ތާޒާ މޭވާ އިން ތައްޔާރުކުރުމުގެ ފައިދާ ބޮޑެވެ.

"ފަސް އަހަރާ ދިހަ އަހަރު ތެރޭގައި ކުޑަ ސަމްސަލެއްގެ ދެ ސަމްސާ ހަކުރުން [ދުވާލަކަށް] ފުދޭނެ."

"ގޭތެރޭގައި ތިބޭ ބޮޑެތި މީހުން ވެސް ތަރުކާރީ އާއި ފައިދާ ހުރި ކާނާ ކާތަން ކުދިންނަށް ފެނުން އެއީ ވަރަށް މުހިއްމު ކަމެއް."

ދެން ކުރަން ޖެހޭ ކަމަކީ ޑޮކްޓަރު ވިދާޅުވި ގޮތުގައި ހަރަކާތްތެރިވެ އުޅުމެވެ. ދުވުމާއި އެކި ކުޅިވަރުތައް ކުޅުމުގައި ބައިވެރި ކުރުމެވެ.

ޕެކެޓެއްގައި ގާތްގަނޑަކަށް ފަސް ސަމްސަލުގެ ހަކުރު ހިމެނޭ އިރު ދުވާލަކަށް ދެތިން ހަތަރު ޕެކެޓް ދޭ ކުދިން ގިނަ އެވެ. އޭގެ އިތުރަށް ވެސް ތައްޔާރީ ކާނާގެ އެކި ވައްތަރުތަކެވެ. އެހެންކަމުން މި އުޅެނީ ކުދިން ނުރައްކަލުގެ ތެރެއަށް ލައިގެންނެވެ. ޑޮކްޓަރުން ވިދާޅުވަނީ ހުއްޓާލަން ޖެހޭ ކަމަށެވެ.