Roadha Mihaaru
އެންމެ 10 މަހުގެ ކުއްޖެއްގެ ގައިގައި 30 ކިލޯ

އެންމެ 10 މަހުގެ ކުއްޖެއްގެ ގައިގައި 30 ކިލޯ

22 އޮކްޓޯބަރ 2017

ތުއްތު ކުދިންގެ ބަރުދަން އެކަށީގެންވާ ގޮތެއްގައި އިތުރުވަމުން ދިއުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވުނަސް އާދަޔާޚިލާފަށް ބަރުދަން އިތުރުވުމަކީ ބޮޑު ނުރައްކަލެކެވެ. މެކްސިކޯގެ ލުއިސް މެނުއަލް އަކީ މި ނުރައްކަލާ ކުރިމަތިވެފައިވާ އެންމެ 10 މަހުގެ ކުއްޖެކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ތުއްތު ކުދިންގެ ބަރުދަން އެކަށީގެންވާ ގޮތެއްގައި އިތުރުވަމުން ދިއުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވުނަސް އާދަޔާޚިލާފަށް ބަރުދަން އިތުރުވުމަކީ ބޮޑު ނުރައްކަލެކެވެ. މެކްސިކޯގެ ލުއިސް މެނުއަލް އަކީ މި ނުރައްކަލާ ކުރިމަތިވެފައިވާ އެންމެ 10 މަހުގެ ކުއްޖެކެވެ.

އަހަރު ނުވާ މި ކުއްޖާގެ ބަރުދަނުގައި 30 ކިލޯ އެބަހުއްޓެވެ. މިއީ އާއްމު ގޮތެއްގައި ނުވަ ވަރަކަށް އަހަރުގެ ކުއްޖެއްގެ ބަރުދަނެވެ. މި ބަރުދަނާއެކު ލުއިސް އަކީ މިހާރު ދުނިޔޭގައި ހުރި މި އުމުރުގެ އެންމެ ބަރު ކުއްޖާ އަށް ވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ލުއިސް އުފަންވިތާ އެންމެ މަހެއް ވީއިރުވެސް އޭނާޔަށް ހެޔޮވަރީ ދެ އަަހަރުގެ ކުދިންގެ ހެދުމެވެ. އޭނާގެ އުމުރުން ދުވަސްވާ ވަރަކަށް އުނަގަނޑުމަތިން މާ ބޮޑަށް ފަލަވަމުންދާކަން ޑޮކްޓަރުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ލުއިސް އަށް ޕްރާޑާ-ވިލީ ސިންޑްރޯމް ޖެހިފައި ހުރެދާނެ ކަމަށް ޑޮކްޓަރުން ވަނީ އޭނާގެ މައިންބަފައިންނަށް އަންގާފަ އެވެ.

މި ބައްޔަކީ މަސްތަކުގެ ޓޯން އާއި ސެކްޝުއަލް ޑިވެލޮޕްމަންޓް އަދި ނާރުތަކުގެ ނިޒާމަށް އަސަރުކުރާ ބައްޔެކެވެ. މި ބައްޔަށް ދޭ ފަރުވާ އަކީ ހޯމޯން އިންޖެކްޝަންތަކެއް ގިނަ ދުވަސްތަކެއް ޖަހަމުން ގެންދިއުމެވެ.

ލުއިސް މަންމައާ އެކު: ދަރިފުޅުގެ ހާލާ މެދު މައިންބަފައިން ވަނީ ކަންބޮޑުފައި

ލުއިސް މަންމައާ އެކު: ދަރިފުޅުގެ ހާލާ މެދު މައިންބަފައިން ވަނީ ކަންބޮޑުފައި

ލުއިސްގެ މަންމަ ބުނި ގޮތުގައި އެއް މަހުން ފެށިގެން ދަރިފުޅު އާދަޔާޚިލާފަށް ފަލަވާކަން އޭނާއަށް ވެސް ފާހަގަކުރެވުނެވެ. އަދި މިހާރު ފަލަވެގެން ގޮސް ނޭވާ ހާސްވާތީ ދަރިފުޅަށް ނިދަން ވެސް އުނދަގޫވެފައިވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

މިއީ ޖެނެޓިކް ޑިސްއޯޑާ އެކެވެ. މިބަލި ޖެހުމުން ބައެއް ޖީންތައް މަސައްކަތެއް ނުކުރެ އެވެ. ނަތީޖާއަކަށް ވަނީ ކުއްޖާއަށް މާބޮޑަށް ބަނޑުހައިކަން އިހްސާސް ވުމެވެ. އެހެންވެ މާގިނައިން ކެވުމުގެ ސަބަބުން ފަލަ ބަައްޔާއި ހަކުރުބަލި މިފަދަ ކުދިންނަށް ވަރަށް އަވަހަށް ޖެހެ އެވެ.

މެކްސިކޯގެ ޓެކޮމަންގެ ޑޮކްޓަރުން ބުނާ ގޮތުގައި ލުއިސް އަކީ އެ ސިޓީގައި އުފަންވީ ކުދިންގެ ތެރެއިން މިބަލި ޖެހުނު ފުރަތަމަ ކުއްޖާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ.

ލުއިސްގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅުގެ މި ހާލަތަކާ މެދު އޭނާ ވަރަށް ކަންބޮޑުވެ އެވެ. އަދި މި ބަލި ޖެހޭ ކުދިންނަށް ވަރަށް ފަސޭހައިން ހާޓް އެޓޭކް ޖެހި މަރުވާކަން އެނގުމުން އޭނާ ވަނީ އިތުރަށް ހާސްވެފަ އެވެ.