Roadha Mihaaru
ކަންފަތުގެ އިންފެކްޝަންތަކަށް އެންޓިބަޔޮޓިކް ޖެލްއެއް

ކަންފަތުގެ އިންފެކްޝަންތަކަށް އެންޓިބަޔޮޓިކް ޖެލްއެއް

19 ސެޕްޓެމްބަރ 2016

ކުޑަކުދިންގެ ކަންފަތުގެ އިންފެކްޝަންތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ އެންޓިބަޔޮޓިކް ޖެލްއެއް އެމެރިކާގެ ރިސާޗަރުން އުފައްދައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކުޑަކުދިންގެ ކަންފަތުގެ އިންފެކްޝަންތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ އެންޓިބަޔޮޓިކް ޖެލްއެއް އެމެރިކާގެ ރިސާޗަރުން އުފައްދައިފި އެވެ.

ޕްރީ-ކްލިނިކަލް ދިރާސާތަކުން ދައްކަނީ ކުޑަކުދިންގެ ކަންފަތުގައި އާންމުކޮށް އުފެދޭ އިންފެކްޝަންތަކަށް މީގެ އެންމެ ޑޯޒަކުން ހައްލު ހޯދިދާނެ ކަމަށެވެ. މިޑްލް-އިއާ އިންފެކްޝަން ނުވަތަ އޮޓިޓިސް މީޑިއާ އަކީ ބެކްޓީރިއާ ނުވަތަ ވައިރަސް އިން ޖެހޭ ކަންފަތުގެ އިންފެކްޝަނެކެވެ.

މި އިންފެކްޝަން ޖެހުމުން ކަންފަތުގައި ރިއްސުމާއި ހުންނަ އައުން ފަދަ އަލާމާތްތަކަށް ފެންނާނެ އެވެ. އަދި ކަންފަތުން އެއްޗެހި އައިސް ކަންފަތުގެ އިވުމަށް ވެސް ގެއްލުން ލިބިދާނެ އެވެ. މި މައްސަލަ ކުރިމަތިވުމުން ބައެއް ހާލަތްތަކުގައި އެންޓިބޮޔޮޓިކް ދޭންޖެހެ އެވެ.

ނަމަވެސް ކަންފަތުގެ އިންފެކްޝަންތަކަށް މަތީ ޑޯޒެއްގެ އެންޓިބަޔޮޓިކެއް ގުޅަ ބޭސް ނުވަތަ ދިޔާ ބޭހެއްގެ ގޮތުގައި ދިނުމުން ބޭރަށް ހިންގުމާއި ގައިގައި ބިހި ނެގުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.

"އަނގައިން ދޭންޖެހޭ އެންޓިބަޔޮޓިކްގެ އަސަރު ކަންފަތާ ހިސާބަށް ދިއުމަށް، މުޅި ހަށިގަނޑަށް އަސަރުކުރާ ގޮތަށް ތަކުރާރުކޮށް އެންޓިބަޔޮޓިކް ދޭންޖެހޭ،" ބޮސްޓަން ޗިލްރެންސް ހޮސްޕިޓަލްގެ އިންޖިނިއަ ރޮންގް ޔާންގް ވިދާޅުވެފައިވެ އެވެ.

އެކަމަކު އޭނާ ވިދާޅުވީ އަލަށް އުފެއްދި ޖެލް އަކީ އެންމެ ފަހަރަކު ދީގެން ފުއްދާލެވޭނެ ވަރަށް ފަސޭހަ ފަރުވާއަކަށް ވާނެ ކަމަށެވެ. މި ޖެލް ކަންފަތަށް ފޮނުވާލުމުން އެތެރޭގައި ހަރުވެ، ކަންފަތަށް ބޭނުންވާ އެންޓިބަޔޮޓިކް މަޑުމަޑުން ފެތުރި ހުސްވެ އެވެ.

މި ދިރާސާއާ ބެހޭ ރިޕޯޓް މިހާރު ވަނީ ސައިންސް ޓްރާންސްލޭޝަން މެޑިސިންގައި ޝާއިއުކޮށްފަ އެވެ.