Roadha Mihaaru
ތުއްތުއިރު އެންޓިބަޔޮޓިކް ދިނުމުން އެލާޖީގެ މައްސަލަ ބޮޑުވޭ

ތުއްތުއިރު އެންޓިބަޔޮޓިކް ދިނުމުން އެލާޖީގެ މައްސަލަ ބޮޑުވެދާނެ

10 ސެޕްޓެމްބަރ 2016

ތުއްތު އިރު އެންޓިބަޔޮޓިކް ދިނުމަކީ ކުދިން ބޮޑުވާއިރު ބައެއް ބާވަތްތަކުގެ އެލާޖީގެ މައްސަލަތައް ބޮޑުވުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ތުއްތު އިރު އެންޓިބަޔޮޓިކް ދިނުމަކީ ކުދިން ބޮޑުވާއިރު ބައެއް ބާވަތްތަކުގެ އެލާޖީގެ މައްސަލަތައް ބޮޑުވުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

"ވަރަށް ތުއްތުއިރު އެންޓިބަޔޮޓިކް ދިނުމަކީ (ހަމުގެ މައްސަލައެއް ކަމަށްވާ) އެގްޒީމާ އާއި އާންމު ރޯގާތައް، ދޮށީ އުމުރުގައި ފަސޭހައިން ޖެހުމަށް މެދުވެރިވާނެ ކަމެއް،" ދިރާސާކުރި، ނެދަލެންޑްސްގެ އުޓްރެޗް ޔުނިވަސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ ފަރީބާ އަހްމަދިޒާރް ވިދާޅުވެފައިވެ އެވެ.

މި ދިރާސާއަށް ސައިންސްވެރިން ވަނީ 1996 އާއި 2015 އާ ދެމެދު ކޮށްފައިވާ ގިނަ އަދަދެއްގެ ދިރާސާއިން މައުލޫމާތު ހޯދައިފަ އެވެ. އެއީ އެތައް ހާސް ބަޔަކު ބައިވެރިކޮށްފައިވާ ދިރާސާތަކެވެ.

މި މައުލޫމާތުން އެނގުނު ގޮތުގައި އުމުރުން ދެ އަހަރު ވުމުގެ ކުރިން އެންޓިބަޔޮޓިކުން ފަރުވާ ދީފައިވާ ކުދިންނަށް، ދޮށީ އުމުރުގައި އެގްޒީމާގެ މައްސަލަ ކުރިމަތިވުމަށް އޮންނަ ފުރުސަތު 15-41 ޕަސެންޓް އިތުރުވެ އެވެ. އާންމު ހުމުގެ ރޯގާތައް ޖެހުމަށް އޮންނަ ފުރުސަތު 15-56 ޕަސެންޓް އިތުރުވެ އެވެ.

އިތުރަށް ފާހަގަވި ގޮތުގައި ކުޑައިރު ދެ ފަހަރަށް އެންޓިބަޔޮޓިކް ދީގެން ފަރުވާކޮށްފައިވާ ނަމަ، އުމުރު މައްޗަށް ދާއިރު އެލާޖީގެ އުނދަގުލާ ކުރިމަތިވުމަށް އޮންނަ ފުރުސަތު އިތުރުވެގެންދެ އެވެ.

ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ކުޑައިރު ދޭ އެންޓިބަޔޮޓިކުން އެލާޖީގެ މައްސަލަ ބޮޑުވަނީ ކީއްވެގެން ކަމެއް ދިރާސާއިން އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް މިއީ އެންޓިބަޔޮޓިކްގެ ސަބަބުން މައިކްރޮއޮގަނިޒަމްސް އަށް ކުރާ ނޭދެވޭ އަސަރުތަކެއްގެ ސަބަބުން، ދިފާއީ ނިޒާމު ޖަރާސީމުތަކަށް އިޖާބަ ދޭ ގޮތް ބަދަލުވެގެން ދިމާވާ ކަމަކަށް ވެދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދިރާސާ ވަނީ ޔޫރަޕިއަން ރެސްޕިރޭޓަރީ ސޮސައިޓީގެ ބައްދަލުވުމަކަށް ހުށަހަޅައި، އިތުރަށް މަޝްވަރާކުރަން ނިންމައިފަ އެވެ.