Roadha Mihaaru
ގޮނޑި ޚާއްސަކުރި މައްސަލާގައި ސުޕްރީމް ކޯޓަށް ނުދާނެ

އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ: "ސުޕްރީމް ކޯޓަށް ނުދާނަން"

14 މާޗް 2021

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމައިފި އެވެ.

ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ގާނޫނުގެ އެ މާއްދާ ބާތިލް ކުރަން ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ދާދިފަހުން ނިންމާފައިވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ނޫން ކަމަށާއި އެ މާއްދާ ބާތިލް ކުރެވެން ނެތް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އޭނާ ކުރިން ބުނެފައިވެ އެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައިިވަނީ ސުޕްރީމް ކޯޓަށް ދިއުމަކީ ބޭކާރު ވަގުތުތަކެއް ހޭދަކުރުން ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

އަންހެނުންނަށް ގޮނޑި ޚާއްސަކުރުމަކީ އިންތިޚާބީ ހައްގަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެ މޫސަގެ ފަރާތުން އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ވެސް ސުޕްރީމް ކޯޓަށެވެ. އެކަމަކު މިދިޔަ އަހަރު އެ ކޯޓުން އެ މައްސަލަ ބަލައިނުގަނެ، އެންގީ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމަށެވެ. ހައި ކޯޓުން އެ މައްސަލަ ނިންމެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި 380 އަށް ވުުރެ ގިނަ ދާއިރާއަށް އަންހެނުން އިންތިޚާބު ކުރަން ޖެހެ އެވެ. އެ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވޭނެ އެވެ.