Roadha Mihaaru
ދަތި ދިރިއުޅުމަކުން ޒުވާނެއްގެ އާއިލީ ޒިންމާ

ދަތި ދިރިއުޅުމަކުން ޒުވާނެއްގެ އާއިލީ ޒިންމާ

05 މާޗް 2021

ބަލި ހާލާއި ބޯހިޔާވަހިކަމުގެ ފަގީރުކަމާއި އަތްމަތި ދަތިކަމުގެ ދިރިއުޅުމެކެވެ. މާލޭގައި އުޅޭ އެފަދަ އެތައް އާއިލާއެއްގެ ހާލަތު ފެންނަ މި ގޭބިސީގެ އިސް މީހަކީ މުހައްމަދު ހުޝާމެވެ. މަންމަ އާއި ކޮއްކޮމެންގެ ހިދުމަތުގައި ހުރި ހުޝާމް, 28, ދޭތެރެއަކުން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީ އަށް އެދޭ ތަން ފެންނާނެ އެވެ. އޭނާ އާއި ކޮއްކޮ ވަޒީފާ އަދާކޮށްގެން ލިބޭ ކުޑަ އާމްދަނީކޮޅުން ނުފުދެނީ އެވެ. ކިޑްނީ ފެއިލްވެފައިވާ މަންމަގެ ހާލަތާއި އާއިލާގެ ޒަރޫރީ ޚަރަދުތައް ދެކޮޅުޖެއްސޭތޯ ބެލުމަކީ ހުޝާމްގެ ރެ އާއި ދުވާލުގެ ފިކުރެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ބަލި ހާލާއި ބޯހިޔާވަހިކަމުގެ ފަގީރުކަމާއި އަތްމަތި ދަތިކަމުގެ ދިރިއުޅުމެކެވެ. މާލޭގައި އުޅޭ އެފަދަ އެތައް އާއިލާއެއްގެ ހާލަތު ފެންނަ މި ގޭބިސީގެ އިސް މީހަކީ މުހައްމަދު ހުޝާމެވެ. މަންމަ އާއި ކޮއްކޮމެންގެ ހިދުމަތުގައި ހުރި ހުޝާމް, 28, ދޭތެރެއަކުން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީ އަށް އެދޭ ތަން ފެންނާނެ އެވެ. އޭނާ އާއި ކޮއްކޮ ވަޒީފާ އަދާކޮށްގެން ލިބޭ ކުޑަ އާމްދަނީކޮޅުން ނުފުދެނީ އެވެ. ކިޑްނީ ފެއިލްވެފައިވާ މަންމަގެ ހާލަތާއި އާއިލާގެ ޒަރޫރީ ޚަރަދުތައް ދެކޮޅުޖެއްސޭތޯ ބެލުމަކީ ހުޝާމްގެ ރެ އާއި ދުވާލުގެ ފިކުރެވެ.

ފަސް ބެއިންގެ ތެރެއިން އެންމެ ދޮށި ހުޝާމް ހުރީ އަމިއްލަ ހުވަފެންތަކުގައި ބުރެކި ޖައްސާލައިގެންނެވެ. ރިސޯޓެއްގެ ވަޒީފާގައި އުޅެނިކޮށް މަންމަ ބަލިވީމާ މާލެ އަށް ބަދަލުވީ އެވެ. އާއިލާ ދޫކޮށްލާފައި ބައްޕަ ރާއްޖެ އިން ބޭރަށް ދިޔަތާ މިވީ ދެ އަހަރު ދުވަހު ޒިންމާތައް އެންމެ ބޮޑަށް އުފުލީ އޭނާ އެވެ. މަންމަ އާއި ކޮއްކޮމެންގެ އުއްމީދުތައް ހާސިލްކޮށްދެވެންދެން އޭނާ ހުންނަން ބޭނުންވަނީ އެ ގޮތުގަ އެވެ.

"ވަރަށް ގިނަ މީހުން ބުނާނެ ކީއްވެހޭ މީހަކާ ނީނދެ ތި ހުރީ. އަސްލު, ލައިފެއް ފަށަން ވެސް ބޭނުންވޭ. އެކަމަކު ވެސް އަމިއްލަ މައިމީހާ އާއި އަމިއްލަ ކޮއްކޮމެން ދުލެއް ނުކުރެވޭނެ ދޯ؟" ހުޝާމް ބުންޏެވެ.

ހުޝާމްގެ ބައްޕަ އަށް, ހަ ބަޔަށް ގެ ބަހައިގެން ލިބިފައި ހުރި ކުޑަ ތަންކޮޅެއްގައި އުޅެވޭތީ ކުލި ދައްކަން ނުޖެހުނަސް ދަތި ދިރިއުޅުމެކެވެ. ހުޝާމްގެ އެއް ކޮއްކޮ ދިރިއުޅެނީ އާއިލާއާ ވަކިންނެވެ. ކިޑްނީ ފެއިލްވިތާ އަށް އަހަރު ވެފައިވާ މަންމަ ހަބީބާ މޫނިސްއާ އެކު އެ ތަނުގައި މިހާރު އުޅެނީ ހުޝާމް އާއި އަނެއް ތިން ކޮއްކޮ އެވެ. މަތީގައި އަޅާފައި އޮތް ފިލާގަނޑަކުން, ދެ ފިރިހެން ކުދިން ނިދާ ތަން ވަކިވެ އެވެ. ބާވެފައި ހުރި ލޮނު ވެލީގެ އިމާރާތެކެވެ. އެކަށީގެންވާ ފަރުނީޗަރެއް ނެތެވެ. ހުޝާމްގެ މަންމަ ނިދާ އެނދު ފިޔަވައި އެނދެއް ވެސް ނެތެވެ.

"އަޅުގަނޑުމެން ހަތަރު މީހުން މި ނިދަނީ ހަމަ ބިންމަތީގައި," ހުޝާމް ބުންޏެވެ.

ހުޝާމް އާއި އޭނާގެ އާއިލާ ދިރިއުޅޭ ތަން

ހުޝާމް އާއި އޭނާގެ އާއިލާ ދިރިއުޅޭ ތަން

މަންމަ ބަލަން އެއް ކުއްޖަކު ގޭގައި އިނދެ އެވެ. ހުޝާމްގެ ފިރިހެން ކޮއްކޮ އަށް ވަރަށް މަސައްކަތުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފިހާރައަކުން ވަޒީފާއެއް ލިބިފައިވީ ނަމަވެސް މިހާތަނަށް އާއިލާގެ މައިގަނޑު އާމްދަނީއަކީ ހުޝާމް އާއި އަންހެން ކޮއްކޮއެއްގެ މަހު މުސާރަ އެވެ. ރެ އާއި ދުވާލު މަސައްކަތުގައި އުޅެގެން ވެސް ދެބެއިންގެ ޖުމްލަ އުޖޫރަ އަށް ޖެހެނީ 14,000 ރުފިޔާ އެވެ. ހުޝާމް ހުޅުމާލޭގައި ހުންނަ ބޮޑު ފިހާރައެއްގައި އަދާކުރާ ކަސްޓަމާ ސާވިސް ވަޒީފާ އިން ހޯދާ 9,000 ރުފިޔާ އާއި ކޮއްކޮ މާލޭގެ ފިހާރައެއްގައި މަސައްކަތްކޮށްގެން ލިބޭ 5,000 ރުފިޔާ އެވެ.

ޚަރަދުތަކުގެ ތެރޭގައި ބިލުތަކާއި ކާބޯތަކެތީގެ އިތުރުން ހުޝާމް ދުއްވާ ސައިކަލަށް ދައްކަން ޖެހޭ ފައިސާ އާއި އިމަޖެންސީގައި މަންމަ އޭޑީކޭ ހޮސްޕިޓަލަށް ގެންދަން ޖެހުނު ފަހަރަކު އެ ތަނަށް ފައިސާ ދައްކަން ބޭނުންކުން ނެގި ލޯނެއް ހިމެނެ އެވެ. ޑަޔަލިސިސް އަށް ހަފްތާއަކު ތިން ދުވަހު މަންމަ އައިޖީއެމްއެޗަށް ގެންދަން ޓެކްސީ ޚަރަދު ވެސް ބޭނުންވެ އެވެ. ބަލިކޮށް އުޅޭ ކޮއްކޮއެއްގެ ބޭސްފަރުވާ އަށް ވެސް ޚަރަދުތަކެއް ހިނގަ އެވެ. ހުޝާމް ބުނިގޮތުގައި ކުއްލިއަކަށް މަންމަގެ ހާލު ދެރަވެއްޖެއްޔާ ދެން ދަނީ ގޮތް ހުސްވެގެންނެވެ. މަންމަ އަށް ބޭނުންވި ބޭހެއް ނުލިބިގެން އުޅެނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން ވެސް ދާދި ފަހުން ހުޝާމް އާއްމުންގެ އެހީ އަށް އެދިފައިވެ އެވެ.

"އެ ބޭސް ހިފައިގެން އައި އިރު މަންމަ އޮތީ ޚަބަރު ހުސްވެ ހޭނެތިފައި. ދެން މަންމަ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ. އޭރު އަޅުގަނޑުމެން އަތުގައި ބޭނުންކުރާނެ އެއްވެސް ލާރިއެއް ނެތިގެން އެހީއަކަށް އެދި ޖެހީމަ އިރާދަކުރެއްވިއްޔާ 10,200 ރުފިޔާ ލިބުނު. ދެން އެއިން މިހާރު ހަރަދު ކުރަމުން މިދަނީ," ހުޝާމް ފެބްރުއަރީ 22ގައި ކިޔައިދިނެވެ.

ހުޝާމް ބުނި ގޮތުގައި އެ އަދަދު މި ދުވަސްވަރާ އަޅާބަލާ އިރު ބޮޑެވެ. ކޮވިޑްގެ ލޮކްޑައުންގެ ކުރިން އެހީގެ ގޮތުގައި އެހާ ވަރަށް ފައިސާ ލިބުނަސް, ގިނަ މީހުން އަތްމަތިދަތިކޮށް އުޅޭ މި ދަނޑިވަޅުގައި ލިބެނީ ކުޑަ އެއްޗެކެވެ. އެކަމަކު ފައިސާ ނުދެވުނަސް ކާބޯތަކެތި ފަދަ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުން ވެސް އުޅެ އެވެ.

"އެހެން މީހުން އުފަލުގަ އުޅޭ ތަން ފެނިފައި, އަމިއްލަ މީހާ ކޮން ދުވަހަކުހޭ އުފަލުގައި އުޅެވޭނީ ހިތަށް އެރީމަ އުނދަގޫވޭ. އެކަމަކު މާދަމާ ވެސް ވާނީ ކިހިނެއް ކަމެއް ނޭނގޭ. އެ މީހުން ބަލާނީ ކާކުތޯ, މާދަމާ ކޮއްކޮމެންނަށް ވަޒީފާ އަށް ނުދެވިއްޖެއްޔާ އެ މީހުންނަށް ކާންދޭނީ ކާކުތޯ ހިތަށް އެރީމަ ވެސް އުނދަގޫވޭ."

އުމުރުން 56 އަހަރުގެ މަންމަ އަށް ބަލި ހާލުން އަރައިގަނެވިދާނެ ކަމުގެ މާ ބޮޑު އުއްމީދެއް ހުޝާމް ނުކުރެ އެވެ. މަންމަގެ ކިޑްނީ ޓްރާންސްޕްލާންޓް ހެދޭތޯ ކުރިން މަސައްކަތްކުރި އެވެ. އެކަމަކު ކިޑްނީއެއް ހޯދަން ނޫހެއްގައި ޖެހުމުން ދޭން ވައުދުވި މީހާ ހުޝާމްމެން އަތުން ފައިސާކޮޅެއް އަތުލައިގެން ފިލީ އެވެ. ހުޝާމް ބުނިގޮތުގައި އެ ކަމާ ހެދި މަންމަ ވަރަށް ބޮޑަށް މާޔޫސްވެފައި ހުއްޓާ, އޮޕަރޭޝަނަކަށް އިންޑިއާ އަށް ދިޔަ ދަތުރެއްގައި ޑޮކްޓަރަކު ލަފާދީފައިވަނީ މަންމަގެ ހާލަތު މާ ބޮޑަށް ގޯސްވެފައިވާތީ ދެން ޓްރާންސްޕްލާންޓް ހެދުން ރައްކާތެރި ނޫން ކަމަށެވެ. ޑަޔަލިސިސް ހަދާކަށް މަންމައެއް ވެސް ބޭނުމެއް ނުވެ އެވެ. ހުޝާމް އާއި އޭނާގެ ކޮއްކޮމެން މަސައްކަތްކުރަމުން އަންނަނީ މަންމަގެ ޑަޔަލިސިސް ފުރިހަމަކޮށް ތަދުތަކަށް ލުއި ހޯދައިދެވޭތޯ އެވެ.

"ދަންވަރު ގަޑީގައި ވެސް މަންމަ ބޮލުގައި ރިއްސާތީ, ގައިގައި ރިއްސާތީ, ކަށިތަކުގައި ރިއްސާތީ އުޅެން ޖެހޭ. ދެން އަޅުގަނޑުމެން ހޭލައިގެން މަންމަގެ ފައި މޮޑެދީ ހަދަނީ," ހުޝާމް ބުންޏެވެ.

"މިހާރު މަންމަ ބޭނުމެއް ނުވޭ އެއްވެސް ވަރަކަށް ޓްރާންސްޕްލާންޓް ކުރާކަށް. މަންމަގެ ހިތު ތެރޭގައި ހުރި ކަންތައްތައް ކިޔައިދޭކަށް ނޭނގޭ. އެކަމަކު އެހެން މީހުން ޓްރާންސްޕްލާންޓް ހަދަން އުޅޭ ތަން ފެނުނީމަ މަންމަ ގާތު އަހާލަން. އަހާލާ ފަހަރަކު ވެސް ބުނާނެ ބޭނުމެއް ނޫނޭ."

ޓްރާންސްޕްލާންޓް ނެހެދިޔަސް ހުޝާމް އާއި އޭނާގެ އާއިލާ އިން ހާސިލްކުރަން މަސައްކަތްކުރާ އެހެން އުއްމީދުތައް އެބަހުއްޓެވެ. ހުޝާމްގެ މަންމަ ބޭނުންވަނީ އުފަން ރަށް ކަމަށްވާ ލ. ގަމަށް ބަދަލުވާށެވެ. ގަމުގައި ވެސް ޑަޔަލިސިސް ހެދޭނެތީ ހުޝާމަށް ވެސް އެ ޚިޔާލު ކަމުދެ އެވެ. އަންހެން ދެ ކޮއްކޮއަކު ވެސް ތިބީ މަންމަގެ ރަށުގައި ދިރިއުޅެން ދާން ބޭނުންވެފަ އެވެ. އެކަން ހާސިލްވާނީ ރަށުގައި އާދައިގެ ގޮތަކަށް ހަދަން ފަށާފައި ހުރި ގެ ނިމުނީމަ އެވެ.

"މަންމަގެ ވަރަށް ބޮޑު ހުވަފެނެއް މަންމަ މި ގެއިން ނުކުމެގެން ރަށުގައި އުޅުމަކީ. އަޅުގަނޑުގެ އެންމެ ބޮޑު އުއްމީދަކީ ކޮންމެވެސް ގޮތެއް ހަދައިގެން މަންމަ ރަށަށް ބަދަލުކުރުން," ހުޝާމް ބުންޏެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ނަސީބެއް މި އާއިލާއަކަށް ނުލިބެ އެވެ. ހުޝާމް ބުނިގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭނާގެ އާއިލާ އިން ފްލެޓަށް ކުރިމަތިލައިގެން ސަތޭކައާ ގާތްކުރާ އަދަދަކަށް ޕޮއިންޓު ލިބުނެވެ. އެކަމަކު ފްލެޓެއްގެ ޚަބަރެއް ނުވި އެވެ. "ހިޔާ" ފްލެޓުތަކަށް ސަރުކާރުން ހުޅުވާލީ އާއިލާ ތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގައިގެން އުޅުނު ދަނޑިވަޅެއްގަ އެވެ. އެހެންވެ ކުރިމަތިލާކަށް ސަމާލުކަމެއް ނުދެވުނެވެ. މަންމަ އާއި ދެ ކޮއްކޮ އަށް ރަށަށް ބަދަލުވެވިއްޖެ ނަމަ, ހެންވޭރުގައި އެ މީހުން ދިރިއުޅޭ ތަން ރޭނޭތޯ ނުވަތަ އެ ތަންކޮޅު ދޫކޮށްލާފައި ފްލެޓެއް ލިބޭތޯ ހުޝާމް ބަލާނެ އެވެ. އޭނާ ބުނިގޮތުގައި އަމިއްލަ ދިރިއުޅުމެއް ފެށޭނީ އެ ހިސާބަށް ދެވިގެންނެވެ.

ހުޝާމް އާއި އޭނާގެ އާއިލާ ދިރިއުޅޭ ތަނުގެ ބަދިގެ އާއި ފާޚާނާ

ހުޝާމް އާއި އޭނާގެ އާއިލާ ދިރިއުޅޭ ތަނުގެ ބަދިގެ އާއި ފާޚާނާ

މަންމަމެން ރަށަށް ބަދަލުވީމާ ހުޝާމް ބަލާނީ އޭނާ އެންމެ ޝައުގުވެރިވާ ހޮސްޕިޓަލިޓީ ދާއިރާ އިން އަނެއްކާވެސް ރަނގަޅު ފުރުސަތެއް ލިބޭތޯ އެވެ. އެކަމަކު އާއިލީ ޒިންމާ އަށް ވުރެ އިސް އެހެން ކަމެއް ހުޝާމްއަކަށް މި ވަގުތު ނެތެވެ.

"އެހެން މީހުން އުފަލުގަ އުޅޭ ތަން ފެނިފައި, އަމިއްލަ މީހާ ކޮން ދުވަހަކުހޭ އުފަލުގައި އުޅެވޭނީ ހިތަށް އެރީމަ އުނދަގޫވޭ. އެކަމަކު މާދަމާ ވެސް ވާނީ ކިހިނެއް ކަމެއް ނޭނގޭ. އެ މީހުން ބަލާނީ ކާކުތޯ, މާދަމާ ކޮއްކޮމެންނަށް ވަޒީފާ އަށް ނުދެވިއްޖެއްޔާ އެ މީހުންނަށް ކާންދޭނީ ކާކުތޯ ހިތަށް އެރީމަ ވެސް އުނދަގޫވޭ," ހުޝާމް ބުންޏެވެ.

އާއްމުންގެ އެހީ އަށް އެދި ހުޝާމް ކޮށްފައިވާ ޓްވީޓެއް