Roadha Mihaaru
އަނެއްކާވެސް ކުއްޖަކު ފެންގަނޑަކަށް ވެއްޓި އައިސީޔޫގައި

އަނެއްކާވެސް ކުއްޖަކު ފެންގަނޑަކަށް ވެއްޓި އައިސީޔޫގައި

02 މާޗް 2021

ރ. އުނގޫފާރުގައި މިއަދު މެންދުރު މަސްފެންގަނޑަކަށް ވެއްޓުނު ކުޑަކުއްޖަކަށް އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރ. އުނގޫފާރުގައި މިއަދު މެންދުރު މަސްފެންގަނޑަކަށް ވެއްޓުނު ކުޑަކުއްޖަކަށް އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހެލްތު ސާވިސަސްގެ މެނޭޖަރު އިބްރާހިމް ޒައްޔާން "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މެންދުރު 12:30 ހާއިރު ކަމަށެވެ. އެއާ އެކު އުމުރުން އެއް އަހަރާއި ހަތަރު މަހުގެ އެ އަންހެން ކުއްޖާ އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އިމަޖަންސީ ރޫމްގައި ފަރުވާ ދިނުމަށް ފަހު އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އަދި މަޝްވަރާކުރެވިފައެއް ނެތް އިތުރު ފަރުވާދޭން މާލެ ގެންދާކަށެއް،" ޒައްޔާން ވިދާޅުވި އެވެ.

އެ ކުއްޖާ ވެއްޓުނީ އެ ކުއްޖާ ދިރިއުޅޭ ގޭގައި ހުންނަ މަސްފެންގަނޑަކަށް ކަމަށް ޒައްޔާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ބިމުން މައްޗަށް ދެ ފޫޓުގެ އުސްމިން ހުންނަ ގޮތަށް ހަދާފައި އޮތް ފެންގަނޑެއް ކަމަށެވެ. އެ ކުއްޖާ މަސްފެންގަނޑު ތެރޭގައި ދެތިން މިނެޓު އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރު އާއި އޭގެ ކުރީ އަހަރު ވެސް މިފަދަ ދެ ހާދިސާއެއް ހިނގާފައިވެ އެވެ. އެއީ ލ. ގަމުގަ އެވެ. އެ ދެ ހާދިސާގައި ވެސް ކުދިންގެ ހާލު ސީރިއަސްވެ އެތައް ފަރުވާއެއް ދޭން ޖެހިފައިވެ އެވެ.