Roadha Mihaaru
އައްޑޫގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ހުޅުވައިފި

އައްޑޫގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ނައިބު ރައީސް ހުޅުއްވައިދެއްވައިފި

08 އެޕްރީލް 2021

އައްޑޫގައި ގާއިމްކުރި ޗައިލްޑް ޑެވެލޮމްޕެންޓް ސެންޓަރު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އައްޑޫގައި ގާއިމްކުރި ޗައިލްޑް ޑެވެލޮމްޕެންޓް ސެންޓަރު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

މަރަދޫ-ފޭދޫ އަވަށުގައި ހުޅުވި "ސަދާން ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރު" އަކީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ މި ފަދަ ސެންޓަރުން ލިބޭ ހިދުމަތްތައް ފޯރުކޮށްދޭނެ ތަނެކެވެ. އޭގެ ތެރޭގައި ކުދިންގެ ހެދިބިޮޑވުމުގައި ދިމާވާ މައްސަލަތަކަށް ހިދުމަތްދޭ އިރު ކުޑަކުއްޖާ އަށް ހާއްސަ އަދި އާއިލާ އަށް ހާއްސަކޮށް ދޭ ފިޔަވަޅުތައް ހުރެ އެވެ. އެސެސްމެންޓް ހެދުމާއި ސައިކޮލޮޖީ އާއި ކައުންސެލިން އާއި ސްޕީޗް ތެރަޕީގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް ވެސް އެ ތަނުން ލިބޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ރައީސް އޮފީހުގެ އެހެނިހެން އިސްވެރިންނާއި އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިން ވެސް ބައިވެރިވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ އައްޑޫގައި މިވަގުތު ހުރި ދަމަނަވެއްޓަށް އިތުރު ކުރެވޭ ފެސިލިޓީއެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ނައިބު ރައީސް ފައިސަލް ވިދާޅުވީ މިއީ، މާލެ ސަރަހައްދުން ބޭރުގައި ސިއްހީ ނިޒާމު ތަރައްގީކުރަން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ހަމައެކަނި މާލެ ސަރަހައްދުން މީގެ ކުރިން ލިބެން ހުރި ހިދުމަތްތައް އެހެން ސަރަހައްދުތަކުން ފޯރުކޮށްދިނުމަކީ ވެސް މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިފަދަ ސެންޓަރެއް އުތުރުގައި ގާއިމްކުރަން ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

މި ސެންޓަރުތަކުން ނުކުޅަދުންތެރިކަން ހުންނަ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރު ފަރުވާ ފަސޭހައިން ލިބޭނެ އެވެ.