Roadha Mihaaru
ގަން ހޮސްޕިޓަލަށް ދެއްކި މީހުން 60،000 އިތުރު

ގަން ހޮސްޕިޓަލަށް މިދިޔަ އަހަރު ދެއްކި މީހުންގެ އަދަދަށް 60،000ގެ އިތުރުވުމެއް

07 އެޕްރީލް 2021

ގަން ރީޖަނަލް ހޮސްޕިޓަލަށް މިދިޔަ އަހަރު ދެއްކި މީހުންގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 60،000 އިތުރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަން ރީޖަނަލް ހޮސްޕިޓަލަށް މިދިޔަ އަހަރު ދެއްކި މީހުންގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 60،000 އިތުރުވެއްޖެ އެވެ.

"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުން ތަރައްގީކުރަމުން އަންނަ ފަސް ޓާޝަރީ ހޮސްޕިޓަލުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ މީހުން ދައްކާފައި ވަނީ ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދުން އެންމެ ބޮޑު ފަރަގެއް އައިސްފައި ވަނީ ވެސް އެ ހޮސްޕިޓަލަށެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން 2018 ވަނަ އަހަރު 54،071 މީހުން އަދި 2019 ވަނަ އަހަރު 44،505 މީހުން ޑޮކްޓަރަށް ދައްކާފައި ވެ އެވެ. މިދިޔަ އަހަރު ގާތްގަނޑަކަށް 60،000 ގެ އިތުރުވުމަކާ އެކު އެ ހޮސްޕިޓަލަށް މިދިޔަ އަހަރު 103،570 މީހުން ދައްކާފައިވެ އެވެ.

މިދިޔަ މަހާ ހަމައަށް ގަން ހޮސްޕިޓަލުން 17،054 މީހުންނަށް ފަރުވާ ދީފައި ވެ އެވެ.

އެ ހޮސްޕިޓަލުން މާލެއިން ފެށިގެން ދެކުނުގެ ރަށްތަކަށް ނިސްބަތްވާ މީހުން ފަރުވާ ހޯދަ އެވެ. އޭގެ ތެރޭގައި މާލެ އަތޮޅުގެ ދެ ތިން ރަށަކާއި އއ، އދ، މ، ފ، ދ އަދި ތ އަތޮޅުގެ ރަށްތައް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ހިސާބުތަކުގައި ވަނީ ފަރުވާއަށް ދިއުމަށް ގަމަށް ޝެޑިއުލް ދަތުރުތައް ވެސް ފަށައިފަ އެވެ.

ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން 2018 ވަނަ އަހަރު 56،732 މީހުން އަދި ޖެހިގެން އައި 2019 ވަނަ އަހަރު 53،511 މީހުން ޑޮކްޓަރަށް ދެއްކި އެވެ. މިދިޔަ އަހަރު 15،710 މީހުން އިތުރުވެ އެ އަދަދު ވަނީ 69،221 އަށް އަރައިފަ އެވެ. މިދިޔަ މަހާ ހަމައަށް 19،585 މީހުން ދައްކާފައި ވެ އެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން 2018 ވަނަ އަހަރު 56،540 މީހުން، 2019 ވަނަ އަހަރު 60،308 މީހުން އަދި މިދިޔަ އަހަރު 51،596 މީހުން ޑޮކްޓަރަށް ދެއްކި އެވެ. މިދިޔަ މަޗާ ހަމައަށް 12،005 މީހުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދައްކާފައި ވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 2018 ވަނަ އަހަރު 93،381 މީހުން، 2019 ވަނަ އަހަރު 95،213 މީހުން އަދި މިދިޔަ އަހަރު 101،362 މީހުން ޑޮކްޓަރަށް ދެއްކި އެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ މަހާ ހަމައަށް 24،924 މީހުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން 2018 ވަނަ އަހަރު 54،939 މީހުން، 2019 ވަނަ އަހަރު 49،117 މީހުން އަދި މިދިޔަ އަހަރު 75،032 މީހުން ޑޮކްޓަރަށް ދެއްކި އެވެ. މިދިޔަ މާޗު މަހާ ހަމައަށް 20،451 މީހުންނަށް ފަރުވާ ދީފައި ވެ އެވެ.

ރީޖަނަލް ހޮސްޕިޓަލުތަކުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދަށް ބޮޑު ބަދަލުތަކެއް އައިސްފައިވަނީ، ބޭސްފަރުވާއަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ބަރޯސާވެފައިވާ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުންނެވެ. އެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރީޖަނަލް ހޮސްޕިޓަލުތަކުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދަކަށް ބޮޑު ބަދަލެއް ނާދެ އެވެ.