Roadha Mihaaru
ތިނަދޫ ހޮސްޕިޓަލް ހިންގަން ބޯޑު އުފަައްދައިފި

ތިނަދޫ ހޮސްޕިޓަލް ހެލްތުގެ ދަށުން ވަކިކޮށް ބޯޑު އުފައްދައިފި

01 މާޗް 2022

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިންގުމަށް ގަވަނިން ބޯޑެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިންގުމަށް ގަވަނިން ބޯޑެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

އެ ހޮސްޕިޓަލް މިހާތަނަށް ހިންގަމުން ދިޔައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ލާމަރުކަޒީ އުސޫލުން ހޮސްޕިޓަލް ބެލެހެއްޓުމަށް ބޯޑެއް އުފެއްދެމުން، އެ ތަނުގެ ހުރިހާ ކަމެއް ދެން ބަލަހައްޓާނީ އެ ބޯޑުންނެވެ.

މިނިސްޓްރީގެ ޒިންމާއަކަށް އޮންނާނީ ހޮސްޕިޓަލްތައް ހިންގާ ގޮތް މޮނިޓާކުރުމެވެ.

ރައީސް އޮފީހުން ބުނީ ހަތް މެމްބަރުން ތިއްބަވާ ބޯޑުގެ ޗެއާމަނަކަށް ޑރ. ލަވްޝާ މުހައްމަދު (އާއްމުންގެ ތެރެއިން އައްޔަންކުރެވޭ މެމްބަރު) ހަމަޖައްސާފައިވާ ކަމަށެވެ. އެ ބޯޑުގައި ދެން ތިއްބަވަނީ؛

- ޑރ. އަބްދުﷲ އުބައިދު، ދަފްތަރު ނަމްބަރު ރސ 6099 (ތިނަދޫ ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް)

- މަރިޔަމް ނާޒްނީން، ހ. ބަޑިދޫގެ (ހެލްތު މިނިސްޓްރީ ތަމްސީލްކުރާ މެމްބަރު)

- ޖީޒާ ހަސަން، ނީލުގެ، ގދ. ތިނަދޫ (ސަރަހައްދުގެ ޕަބްލިކް ހެލްތު ދާއިރާގެ މެމްބަރު)

- ސައުދު އަލީ، އަބުހަރީއާގެ، ގދ. ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)

- ސަރަހައްދުގެ މާލީ ދާއިރާގެ މެމްބަރެއް

- ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާ

ސަރުކާރުން މީގެ ކުރިން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ވެސް ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، ބޯޑުތަކެއް އުފައްދައިފަ އެވެ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން މިހާރު ބޯޑެއް އުފައްދާފައި ނެތީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.