Roadha Mihaaru
އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

08 މާޗް 2021

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ. މިއީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތުގެ ބައެކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ. މިއީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތުގެ ބައެކެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި ކުރީގެ ހެލްތު މިނިސްޓަރު އަނީސާ އަހުމަދެވެ.

ސަރަހައްދުގެ އެތައް ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 72 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏަށެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމު ވިދާޅުވީ އާ އިމާރާތަކީ ހޮސްޕިޓަލްގެ ކަންކަން ފުރިހަމަކުރުމަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެ މަސައްކަތް ނިމުމުން އާ ހިދުމަތްތަކެއް ތައާރަފުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަދައްކަވަނީ.--ޓްވިޓާ ފޮޓޯ: އުނގޫފާރު ހޮސްޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާހަކަދައްކަވަނީ.--ޓްވިޓާ ފޮޓޯ: އުނގޫފާރު ހޮސްޕިޓަލް

ތިން ފްލޯގެ ތެރެއިން އެއް ވަނަ ފްލޯގައި 10 އެނދުގެ އިމަޖެންސީ ރޫމަކާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި ސީޓީ ސްކޭނާއި އެކްސްރޭ ދެ ކޮޓަރިއާއި މެމޮގްރަފީ ހިދުމަތާއި އަލްޓްރާ ސައުންޑް ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ލިބޭނެ އެވެ. އޭގެ އިތުރުން އާ ލެބޯޓްރީއަކާއި އޮޕަރޭޝަން ދެ ތިއޭޓަރު ގާއިމްކުރާނެ އެވެ.

އޭނާ ވިދާޅުވީ ދެ ކޮޓަރީގެ ތެރެއިން އެއް ކޮޓަރި ހާއްސަކުރާނީ ކަށީގެ އޮޕަރޭޝަންތަކަށެވެ. ފިޒިއޮތެރަޕީ އާއި ޕްރައިވެޓް ނުވަ ކޮޓަރި ހުންނާނީ ހޮސްޕިޓަލްގެ ދެ ވަނަ ފްލޯގަ އެވެ.

ނަސީމް ވިދާޅުވި ގޮތުގައި އުނގޫފާރު މެދުވެރިކޮށް ކައިރި ރަށްރަށަށް މޮބައިލް ލެބޯޓްރީގެ ހިދުމަތް ދޭން ފެށުމުން އެތައް ބަޔަކަށް ފަސޭހަވެގެންދާނެ އެވެ.

މަގާމަށް އައްޔަންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރެއްވި އެންމެ ބޮޑު މަސްއޫލިއްޔަތަކީ ލާމަރުކަޒީ އިބްތިދާއީ ސިއްހީ ނިޒާމެއް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތުގެ ތެރެއިން އަންނަ ހޯމަ ދުވަހު ހަ އަތޮޅެއްގައި ޕައިލެޓް ޕްރޮޖެކްޓެއް ފަށާނެ އެވެ.

އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރަތް ހަދަނީ، މިހާރު ހުރި ބާ އިމާރާތަށްވުރެ ބޮޑުކޮށެވެ. އެ ތަނުގައި މިހާރު ބޭނުންކުރަނީ 150 ފޫޓު 60 ފޫޓުގެ ދެ ފްލޯގެ އިމާރާތެކެވެ. އަލަށް ހަދަނީ 169 ފޫޓު 74 ފޫޓުގެ ތިން ފްލޯގެ އިމާރާތެކެވެ.