Roadha Mihaaru
ޕެސްޓާ އެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ޕެސްޓާ އެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

28 ފެބުރުއަރީ 2021

ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާ އެކު ދެ ކިލޯގެ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު މިއަދު ފުލުހުން ހާމަކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާ އެކު ދެ ކިލޯގެ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު މިއަދު ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާ އިރު ފުވައްމުލަކަށް އުފަން ޕެސްޓް، 26،ގެ އިތުރުން، މި މަހު 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ އަހުމަދު ޝަމްއޫން، 30، ހަނދުވަރީހިޔާ، ތުނޑި، ލ. ގަން އާއި އަހުމަދު ހުސާމް، 26، ރޯޝަންހިޔާ، ތުނޑި، ލ. ގަން އާއި މުހައްމަދު ސުއައިދު، 23، އަބަދަށް އުފާ، ތުނޑި، ލ. ގަން އަދި އަބްދުﷲ ސާޖިއު ހަސަން، 23، މއ. މަލިކުރުވާގެ އެވެ.

އެ މީހުންގެ އަތުން 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނުގައި އެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ފާސްކޮށްގެންނެވެ.

އެ އެންމެން މިހާރު ތިބީ ތަހުގީގަށް 15 ދުވަހުގެ ބަންދެއްގަ އެވެ.

ޕެސްޓް މަޝްހޫރުކަން ހޯދީ 2011 ގައި އޭނާ ކިޔާފައިވާ "ރީތި ކުދިން" ލަވަޔާ އެކުގަ އެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ. އޭގެ ފަހުން އޭނާގެ އެތައް ލަވައެއް ޒުވާނުންގެ ތެރޭގައި މަޝްހޫރުވި އެވެ.